މާލޭ ސިޓީ ކައުންސިލުން، ކަންކަން ކުރަމުން ދަނީ އިއުލާން ނުކޮށް އަދި ބިޑު ކުރުމެއްވެސް ނެތި ކަމަށް ވިދާލުވެ ވިލިމާލޭ ދާއިރާ ކައުންސިލް މެންބަރު، ނަހުލާ އަލީ ކުރެއްވި ތުހުމަތުތަކަށް ސިޓީ ކައުންސިލުން ރައްދު ދީފިއެވެ.

ނަހުލާ ވަނީ މާލޭ ސިޓީ ކައުންސިލުން އަމަލު ކުރަމުން އަންނަ ގޮތްތަކާ މެދު ނުރުހި، އެކަން ހިނގަމުންދާ ގޮތް ކަމަށް ވިދާޅުވެ ބަޔާނެއް ނެރުއްވާފައެވެ. އެ ބަޔާނުގައި ވާ ގޮތުން ސީޝިއާ ރެސްޓޯރަންޓް ހުރި ބިމުގެ މުއްދަތު އިތުރުކުރީ އުސޫލުގެ ތެރެއިން ކަމަށް ކައުންސިލުން ބުނި ނަމަވެސް، އެ މުއްދަތު އިތުރުކޮށްފައި ވަނީ އިއުލާނު ނުކޮށް، ބިޑުކުރުމަކާ ވެސް ނުލައި ކަމަށް ނަހުލާގެ ބަޔާނުގައި ވެއެވެ.

މީގެ އިތުރުންވެސް ރެޑްވޭވާއެކު ބިން ދޫކުރުމަށް އެއްބަސްވުމެއް ހަދާފައިވާ ކަން އޭނާއަށް އެނގިވަޑައިގެންފައި ވަނީ މީގެ ތިން ދުވަސް ކުރިން ކަމަށާއި އަދި އެ ބިމުގެ ސީދާ ލޮކޭޝަން ކަނޑައަޅަން ކައުންސިލަށް ހުށަހަޅާފައި ނުވާ ކަމަށެވެ. އަދި ވިލިމާލެއާ ގުޅިގެން ދާއިރާގެ ކައުންސިލަރާ ކުރި ސުވާލުތަކަށް ޖަވާބު ދެއްވުމަށް ތަކުރާރުކޮށް އެދިވަޑައިގަތުމުން ވެސް އެ ފުރުސަތު އޭނާއަށް ދީފައި ނުވާ ކަމަށް ނަހުލާ ވިދާޅުވިއެވެ. މީގެ އިތުރުން ވެސް ރައްޔިތުން ކުރި ބައެއް ސުވާލުތަކަށް، ކަމުގެ ހަގީގަތް އޮޅޭގޮތަށް މޭޔަރު ޖަވާބު ދެއްވަފައި ވާ ކަމަށް ވެސް ނަހުލާ ތުހުމަތު ކުރެއްވިއެވެ.

މި ތުހުމަތުތަކަށް މާލޭ ސިޓީ ކައުންސިލުން އިންކާރުކޮށް ވަނީ ބަޔާނެއް ނެރެފައެވެ. އެގޮތުން ބަޔާނުގައި ބުނެފައިވަނީ ވިލިމާލޭގައި ހިންގަމުން އަންނަ ސީޝިއާ ރެސްޓޯރަންޓްގެ މުއްދަތު އިތުކޮށްދީފައިވަނީ، އުސޫލާއި ގަވާއިދުގެ ތެރެއިން ކަމަށެވެ. އެގޮތުން ސީޝިއާ ރެސްޓޯރަންޓުގެ ފަރާތުން ހުށަހެޅި ޕްރޮޕޯސަލްގައި ރެސްޓޯރަންޓްގެ އިތުރުން ވިލިމާލޭގައި ޕާކެއް ތަރައްޤީ ކުރުމާއި، އަދި ޕިކްނިކް ދިއުމަށް ހާއްސަ ކުރެވިގެން ހަދަމުން އަންނަ ފާހާނާބަރިއާއި ޝަވަރުތައް އަދި ޗޭންޖިންގް ރޫމު ބަހައްޓާގޮތަށް ހުށަހަޅާފައިވާ ހުށަހެޅުން ސާވިސް ކޮމެޓީއަށް ހުށަހަޅާފައި ވަނީ ނިމިދިޔަ އަހަރުގެ އޭޕްރީލް، 22 ވަނަ ދުވަހު ކަމަށެވެ. އަދި މި މަސައްކަތް ކުރެވެމުން ދަނީ ހުށަހެޅުންތައް ދިރާސާ ކުރުމަށް ފަހު ކޮމެޓީގެ އަޣުލަބިއްޔަތުން ނިމުނުގޮތުގެ މަތިން ކަމަށެވެ.

އަދި ރެޑްވޭވަށް ވެސް ބިން ދޫކުރެވިފައި ވަނީ އުސޫލާއި ގަވާއިދުގެ ތެރެއިން ކަމަށް ސިޓީ ކައުންސިލުން ނެރުނު ބަޔާނުގައި ވެއެވެ. އެގޮތުން 2022 ވަނަ އަހަރުގެ ފެބުރުއަރީ، 27 ވަނަ ދުވަހު އެ އިއުލާން ގެޒެޓް ކުރެވިފައިވާ ކަމަށާއި އެކަމާ ގުޅިގެން ލިބުނު ޕްރޮޕޯސަލްތައް ދިރާސާކުރުމަށް ފަހު ކައުންސިލަށް އެންމެ ފައިދާހުރި ހުށަހެޅުން ކަނޑައަޅާފައި ވަނީ އެ ކައުންސިލްގެ ބިޑް ކޮމިޓީން ކަމަށެވެ. އަދި މި ރެޑްވޭޥުން ހަދާ ކޮމާޝަލް ބިންލިޑިންގްގެ އިތުރުން ތަރައްގީގެ އިތުރު ޕްރޮޖެކްޓްތައް ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ 2022 ވަނަ އަހަރުގެ ފެބްރުއަރީ، 9 ވަނަ ދުވަހާއި އެއަހަރުގެ ފެބުރުއަރީ، 23 ވަނަ ދުވަހު ކައުންސިލްގެ ރަސްމީ އާންމު ބައްދަލުވުމުގައި ބަހުސްކޮށް ބައިވެރިވެ ވަޑައިގެންނެވި ހުރިހާ ކައުންސިލަރުންގެ އިއްތިފާގުން ކަމަށް ވެއެވެ.

ކައުންސިލުން ބުނި ގޮތުގައި މި ނިންމުންތައް ނިންމުމުގައި ނަހުލާ ވެސް ބައިވެރިވެވަޑައިގެން ވޯޓު ދެއްވަވާފައިވާ ކަމަށާއި އަދި ބައްދަލުވުންތަކުގެ ހާޒިރީގައި ސޮއިވެސް ކުރައްވާފައިވާ ކަމަށެވެ. އަދި މިފަދަ ޕްރޮޖެކްޓް ތައް ހިންގުމުގައި އިސްކަން ދެމުންދަނީ ވީހާވެސް ދެފުށް ފެންނަ އަދި ރައްޔިތުންނަށް ފައިދާ ކުރި ގޮތަކަށް ކަންކަން ކުރުމަށް ކަމަށް ކައުންސިލުން ބުނިއެވެ.