ވިލިމާލޭގައި ބަގީގެ ހިދުމަތް ފެށުމުގެ އެންމެ ފަހު ތައްޔާރީތައް މިހާރު ވަމުން ދާއިރު، ދަތުރަކަށް 2 ރުފިޔާ ނަގަން މާލޭ ސިޓީ ކައުންސިލުން ފާސްކޮށްފިއެވެ.

ބަގީގެ ރޫޓުން ކުރާ ކޮންމެ ދަތުރަކަށް 2 ރުފިޔާ ނަގަން ނިންމި ނަމަވެސް ޕްރައިވެޓް ހަޔާގެ ގޮތުގައި ނަގާ ނަމަ އަގު ތަފާތު ވާނެ ކަމަށް ކައުންސިލުން ބުނިއެވެ.

އެގޮތުން ޕްރައިވެޓް ދަތުރުގެ އަގުތަކަކީ:

  • 4 ސީޓްގެ ބަގީއަކަށް 6 ރުފިޔާ
  • 6 ސީޓްގެ ބަގީއަކަށް 10 ރުފިޔާ
  • 12 ސީޓްގެ ބަގީއަކަށް 15 ރުފިޔާ ގެ މަގުންނެވެ.

ހަ އަހަރުން ދަށުގެ ކުޑަކުދިންނާއި 65 އަހަރުން މަތީގެ މީހުންނާއި ސްކޫލް ޔުނިފޯމުގައި ތިބޭ ދަރިވަރުންގެ އިތުރުން އެންސްޕާގައި ރަޖިސްޓަރީ ވެފައިވާ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހިލޭ ދަތުރުކުރެވޭނެ ކަމަށް މައުލޫމާތު ދިނެވެ.

ވިލިމާލޭގައި ބަގީގެ ހިދުމަތް ދިނުމަށް ސިޓީ ކައުންސިލުން ވަނީ 10 ބަގީ މިދިޔަ ޖެނުއަރީ މަހު ގެނެސްފައެވެ. މި ގެނެވުނު ބަގީތަކުގެ ތެރޭގައި ފޮށިގަނޑު ފަދަ ތަކެތި ލެވޭ ގޮތަށް ހެދިފައިވާ 2 ބަގީ އާއި، ކުއްލި ހާލަތުގައި އިމަޖެންސީ ކޮށް ބަލިމީހުންނަށް ދަތުރު ކުރެވޭނެ ގޮތަށް ހެދިފައިވާ 1 ބަގީ ހިމެނެއެވެ. މީގެ އިތުރުން 4 ސީޓުގެ 3 ބަގީ އާއި 6 ސީޓުގެ 3 ބަގީގެ އިތުރުން 12 މީހުންގެ ޖާގަ އެކުލެވޭ 1 ބަގީ ގެނެސްފައިވެއެވެ.

މި މަޝްރޫއު ކުރިއަށް ގެންދަނީ ވިލިމާލޭގަ ދިރިއުޅޭ ރައްޔިތުންގެ ހިޔާލާއި މަޝްވަރާގެ މަތިން ރައްޔިތުން އެދޭ ގޮތަށް ކަމަށް އެކައުންސިލުން ބުނެއެވެ. ބަގީ ގެ ހިދުމަތް ފަށަން ތައްޔާރުވަމުންދާއިރު ވިލިމާލޭގައި މިހާރު ދަނީ އެމްޓީސީސީގެ ފަރާތުން ދަތުރަކަށް 5 ރުފިޔާގެ މަގުން ބަހުގެ ހިދުމަތް ފޯރުކޮށް ދެމުންނެވެ.

ވިލިމާލެއަކީ މިހާރު މާލެއާ ދޭތެރޭ ކަނޑުމަގުން ފެރީ ކުރާ ތަނަކަށް ވުވުމުގެ އިތުރުން އާންމު އެއްގަމު އުޅަނދު ނެތި ފައިމަގުގައި އުޅޭ ޖާގައިގެ ގޮތުން ކުޑަ ތަނަކަށް ވާއިރު ބަހުގެ އިތުރުން ބަގީގެ ހިދުމަތް ފެށުމުން އާންމުންނަށް މިކަމުން ވާނީ އުނދަގޫތޯ ނޫންނަމަ ފަސޭހަތޯ ސުވާލުއުފެދެއެވެ.