މަޝްހޫރު ގިނަ ރީތި ލަވަތަކެއް އާންމުންނާ ހަމައަށް ގެނެސްދީފައިވާ ކުޅަދާނަ ލަވަކިޔުންތެރިޔާ "ދަ ވީކެންޑް" އާ ފިލްމެއްގެ ޝޫޓިންގެ މަސައްކަތް ފަށައިފިއެވެ.

ގްރެމީ އެވޯޑު ހާސިލްކޮށްފައިވާ ވީކެންޑް ކުޅޭ ފިލްމުގެ ނަން އަދި ރަސްމީކޮށް އިއުލާންނުކުރި ނަމަވެސް ފިލްމުގައި އޭނާ އާއެކު ފެނިގެންދާނީ ނެޓްފްލިކްސް ސީރީޒް "ވެނިސްޑޭ" އިން އާންމުންގެ މެދުގައި ބޮޑު މަގްބޫލުކަމެއް ހޯދި ޖެނާ އޯޓެގާއެވެ. ޓްރޭ އެޑްވަޑްސް ޝަލްޓްސް ޑައިރެކްޓްކުރާ މި ފިލްމުގެ ސްކްރީންޕްލޭ ތައްޔާރުކޮށް ފިލްމު ޕްރޮޑިއުސްކުރަނީ ވެސް ވީކެންޑް އެވެ.

ބެރީ ކިއޯގަން ފަދަ މަޝްހޫރު ތަރިން ފެނިގެންދާ މި ފިލްމު ރިލީޒްކުރާ ދުވަހެއް އަދި އިއުލާންކޮށްފައެއް ނުވެއެވެ. ވީކެންޑް މި ފިލްމުގެ ޝޫޓިންތަކުގައި އަވަދިނެތި އުޅެމުން އަންނައިރު އެޗްބީއޯ ގެ ސީރީޒް "ދަ އައިޑަލް" އިން ވެސް އޭނާ ފެނިގެންދާނެއެވެ.

ލަވަކިޔުންތެރިޔާ ވީކެންޑް ގެ މިއުޒިކީ ކެރިއަރުގައި މިހާތަނަށް ފަސް އަލްބަމު ނެރެފައިވާއިރު އޭނާ އަކީ އެންމެ މަގްބޫލު ލަވަކިޔުންތެރިންގެ ތެރޭގައި ހިމެނޭ ލަވަކިޔުންތެރިއެކެވެ. އޭނާ ކިޔާފައިވާ ބައެއް ލަވަތަކަކީ "ސްޓާބޯއީ"، "ޔޫ ރައިޓް" އަދި "ޑައި ފޮ ޔޫ" ހިމެނެއެވެ.