އައިލެންޑް އޭވިއޭޝަނުން ހިންގާ ގައުމީ އެއާލައިން، މޯލްޑިވިއަންގެ ޓިކެޓުގެ އަގު ބޮޑުކޮށްފިއެވެ.

މޯލްޑިވިއަން ޓިކެޓްގެ އަގު ބޮޑުކޮށްފައިވަނީ އެއާޕޯޓްތަކުން ނަގާ ގްރައުންޑް ހޭންޑަލިން ޗާޖަސް ބޮޑުކުރުމާ ގުޅިގެން ކަމަށް ބުނެއެވެ. އެއާޕޯޓްތަކުން ނަގާ ފީއަށް ގެނައި މި ބަދަލާ ގުޅިގެން މޯލްޑިވިއަނުން ހުރިހާ މަންޒިލަކަށް ކުރާ ދަތުރުތަކުގެ ޓިކެޓުގެ އަގުވަނީ ބޮޑުކޮށްފައެވެ.

މޯލްޑިވިއަންގެ ޓިކެޓުތަކުގެ އަގު ބޮޑުކޮށްފައިވާއިރު އެންމެ ބޮޑަށް ޓިކެޓުގެ އަގު އުފުލިފައިވަނީ މާލެއިން ކާާޑެއްދުއަށް އަދި ކާއްޑެއްދޫން މާލެއަށް ކުރާ ދަތުރުތަކުގެއެވެ. އެގޮތުން ބަލާއިރު މި ދަތުރުތަކުން 222 ރުފިޔާ މައްޗަށް ގޮސްފައިވެއެވެ.

ޓިކެޓްގެ އަގަށް ގެނައި މި ބަދަލުތަކާއެކު ގިނަ ދަތުރުތަކުން 70 ރުފިޔާގެ އިތުރުވުމެއް ފާހަގަ ކުރެވޭއިރު ކުރިން 1،383 ރުފިޔާއަށް ލިބުނު ޓިކެޓު މިހާރު ލިބެން ހުރީ 1،464 ރުފިޔާއަށެވެ.

މޯލްޑިވިއަންގެ ޓިކެޓްގެ އަގު ބޮޑުކޮށްފައި ވާއިރު މި މަހުން ފެށިގެން މޯލްޑިވިއަން މުވައްޒަފުންގެ މުސާރަ ބޮޑުކުރަން ވަނީ ނިންމާފައެވެ.

މިއަހަރު ޖީއެސްޓީ ބޮޑު ކުރުމާ ގުޅިގެން ވެސް މޯލްޑިވިއަނުން ވަނީ ޓިކެޓުގެ އަގު ބޮޑުކޮށްފައެވެ. އަދި ފިއުލް ޗާޖް އުފުލުމާ ގުޅިގެން މިދިޔަ އަހަރުގެ މެއި މަހުގެ ތެރޭގައި ވެސް މޯލްޑިވިއަނުން ވަނީ ޓިކެޓުގެ އަގު ބޮޑުކޮށްފައެވެ.

އެތެރޭގެ އުދުހުންތަކުގެ އަގުތަށް ތިރިކޮށްދިނުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވައުދުފުޅެކެވެ. ރިޔާސީ އިންތިހާބު ދާދި ކައިރިވެފައިވާ މި ދަނޑިވަޅުގައި ޓިކެޓުތަކުގެ އަގު ބޮޑު ކުރުމަކީ އާންމު ރައްޔިތުންގެ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ.