ބޭންކް އޮފް މޯލްޑިވިސް (ބީއެމްއެލް) އެކައުންޓެއްގައި ރައްކާކޮށްފައި ހުރި 1 މިލިއަނަށް ވުރެ ގިނަ ރުފިޔާ ގެއްލުނު ވާހަކަ އެ އިދާރާއިން ދޮގުކޮށްފިއެވެ.

ބީއެމްއެލް އިން މި ވާހަކަ ދޮގުކޮށްފައި ވަނީ އިއްޔެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މަނަދޫ ދާއިރާގެ މެމްބަރު އަހުމަދު ހާރޫން ދެއްކެވި ވާހަކައާ ގުޅިގެންނެވެ. ބީއެމްއެލްގެ އެކައުންޓުތަކުން ފައިސާ ގެއްލޭ ކަމަށް ބުނެ ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) އިއްޔެ ވަނީ ކުއްލި މައްސަލައެއް ހުށަހަޅުއްވާފައެވެ.

އެ ކުއްލި މައްސަލަ އަށް ވާހަކަ ދައްކަވަމުން ހާރޫން ވިދާޅުވީ އޭނާގެ ގާތް ރައްޓެއްސެއްގެ އެކައުންޓުގައި ރައްކާ ކޮށްފައި ހުރި 22،000 ޑޮލަރުގެ އިތުރުން މިލިއަނެއްހާ ރުފިޔާ ގެއްލިފައިވާ ކަމަށެވެ. އަދި އެކަން ހިނގާފައި ވަނީ ނިމިދިޔަ އަހަރުގެ އޮކްޓޯބަރު، 27 ވަނަ ދުވަހުއެވެ. އަދި އެ މައްސަލާގައި ބޭންކަށް ގުޅާ މައްސަލަ ރިޕޯޓް ކުރި ނަމަވެސް ބޭންކުން މާ ބޮޑު ފަރުވާލެއް އެކަމަށް ނުދޭ ކަމަށެވެ.

ނަމަވެސް މިކަން ދޮގު ކުރަމުން ބީއެމްއެލްއިން ބުނީ އެއްވެސް ކަސްޓަމަރެއްގެ އެކައުންޓުން އެއް މިލިއަން ރުފިޔާ ގެއްލިފައި ނުވާ ކަމަށެވެ. އަދި ބީއެމްއެލްގެ ތެރެއިން ކަސްޓަމަރުންގެ ކާޑުގެ ނުވަތަ ކަސްޓަމަރެއްގެ ޒާތީ އެއްވެސް މައުލޫމާތެއް އާންމުވެފައި ނުވާނެ ކަމުގެ ޔަގީންކަން ބޭންކުން ދިނެވެ.

ބީއެމްއެލް އެކައުންޓްގައި ހުންނަ ފައިސާ، އެކައުންޓްގެ ވެރިފަރާތަށް ނޭނގި ނަގާ ބޭނުން ކުރަމުންދާ މައްސަލައަކީ ރައްޔިތުން ކަންބޮޑުވާ ދަރަޖައަށް ގޮސްފައިވާ މައްސަލަތަކަކަށް ވެ ބީއެމްއެލް އިން ވަނީ ސެކިއުރިޓީ އިތުރަށް ވަރުގަދަ ކުރުމަށް ބައެއް ފިޔަވަޅުތައްވެސް އަޅާފައެވެ. އަދި މިފަދަ މައްސަލައެއްގައި މި މަހު ވަނީ ދެ މީހަކު ހައްޔަރު ވެސް ކޮށްފައެވެ. މީގެ އިތުރުންވެސް ވަގުން ހިންގަމުންދާ ސްކޭމް ތަކާ މެދު ރައްޔިތުން ފަރުވާތެރިވާންވީ ކަންތައްތައް ފުލުހުން ވަނީ ހިއްސާ ކޮށްފައިވެއެވެ.