އަންނަ އަހަރު އެމެރިކާގައި އޮންނަ ރިޔާސީ އިންތިހާބުގައި ހޮވައިދީފި ނަމަ އެމެރިކާ ދެކެ ރުޅި އަންނަ ގައުމުތަކަށް ބައިރުފިޔާއެއް ވެސް ލިބުނަ ނުދެއްވާނެ ކަމަށް އެ އިންތިހާބުގައި ވާދަކުރައްވަން ނިކުމެވަޑައިގެންފައިވާ އިންޑިއާ ދަރިކޮޅުގެ ރިޕަބްލިކަން ކެންޑިޑޭޓް ނިކީ ހޭލީ ވިދާޅުއްޖެއެވެ.

ހޭލީގެ ކެމްޕެއިން ރަސްމީކޮށް ލޯންޗް ކުރައްވަމުން ސަޕޯޓަރުންނާ މުހާތަބު ކުރައްވާ، ޗައިނާ އަދި ޕާކިސްތާނަށް ނިސްބަތް ކުރައްވާ ވިދާޅުވީ "ބޭޑް ގައިސް" ކަމަށެވެ. އަދި އޭނާ ހޮވައިދީފި ނަމަ ޗައިނާ އާއި ޕާކިސްތާން ހިމެނޭހެން އެމެރިކާ ދެކެ ރުޅި އަންނަ ހުރިހާ ގައުމަކަށް އެމެރިކާ ފުށުން ބައިރުފިޔާއެއްވެސް ނުދާނެ މަގުން ކަންކަން ރާއްވަވާނެ ކަމަށެވެ.

އެމެރިކާ އަކީ ބޭރުގެ އެހީ ދޭ ގައުމަކަށް ވާއިރު، ޕާކިސްތާން ފަދަ ގައުމުތަކަކީވެސް އެމެރިކާގެ އެހީ ލިބޭ ގައުމުތަކެވެ. އޭނާ ވިދާޅުވީ، ފަހުރުވެރި އެމެރިކަނަކު (އެމެރިކާ މީހަކީ) އެމީހުންނަށް ލިބޭ ބައިރުފިޔާއެއް ވެސް ގެއްލިގެން ދާން ބޭނުން ނުވާނެ ކަމަށާއި އެ ލިބޭ އެއްޗެއް ނުވަތަ ދޭ އެއްޗެއްވެސް ދޭން ބޭނުން ވާނީ އެމެެރިކާއަށް އެއްޗެހި ނުކިޔާ އެމެރިކާ ދެކެ ރުޅި ނާންނަ ބަޔަކަށް ކަމަށެވެ. އިތުރަށް އޭނާ ވިދާޅުވީ، އެމެރިކާގެ ރައްޓަހިންނަކީ އެމެރިކާގެ ދުޝްމަނުންނާ ދުޝްމަން ރައްޓެހިންނާ ރައްޓެހި މީހުން ކަމަށެވެ.

އިންޑިއާ ދަރިކޮޅުގެ ހޭލީ އަކީ ސައުތް ކެރޮލިނަގެ ކުރީގެ ގަވަރުނަރެވެ. އަދި ފަހުން އޭނާ ހުންނެވީ އެމެރިކާއިން އދ އަށް ކަނޑައަޅާފައި ހުންނަވާ އެމްބެސެޑަރުގެ މަގާމުގައެވެ.

"ފާއިތު ވި އަހަރު ތަކުގައި އަހަރެމެން އީރާގަށް ވެސް ދީފިން 1 ބިލިއަނެއް ހާ ޑޮލަރު، އެކަމަކު އެމީހުން ގާތްވަމުން އެދަނީ މީހުން މަރާ އީރާން ފަދަ ގައުމުތަކާ، އީރާނުން އަބަދުވެސް ގޮވަމުން އެދަނީ އެމެރިކާވެސް މަރަން، އަދި އަހަރެމެންގެ ފައުޖުތަކަށް ހަމަލާވެސް ދެމުން"
ހޭލީ

ޕާކިސްތާނާއި ޗައިނާއަށް އަމާޒުކުރައްވައި، އެމެރިކާގެ މިހާރުގެ ސަރުކާރަށް ފާޑުވިދާޅުވަމުން އޭނާ ވަނީ، ބައިޑަން އެގެންދަވަނީ ޕާކިސްތާނުގައި އެތައް ބައިވަރު ޓެރަރިސްޓުންނެއް ތިބެ އަދި ޕާކިސްތާނުން ޗައިނާގެ އުނގަށް ވެއްޓިފައި ވާ އިރުވެސް އެހީދެމުން ކަމަށެވެ.

މީގެ އިތުރުން އޭނާ ވަނީ ޕަލަސްތީނަށް އަޅާލުމެއް ނެތި އެމެރިކާއިން ގެންދަނީ އދ ގައި އޮތް ކޮރަޕްޓް ނިޒާމުތައް ބޭނުން ކޮށްގެން އިޒްރޭލަށް މިނެއް ނެތް އެހީދެމުން ކަމަށް ވިދާޅުވެ އެކަމަށްވެސް ފާޑުކިޔުއްވާފައެވެ.

ހޭލީގެ ވާހަކަ އެމެރިކާގެ އާ ޖީލުތަކުގެ ވިސްނުމަށް ދޫކޮށްލި އިރު ރިޕަންލިކަން ޕާޓީގެ ފަރާތުން ރިޔާސީ އިންތިހާބަށް ނިކުންނަ އިންޑިއާ ދަރިކޮޅުގެ އުމުރުން 37 އަހަރުގެ ވިވެކް ރާމަސްވާމީވެސް ވަނީ ޗައިނާއަށް ވަރަށް ބޮޑަށް ފާޑުކިޔައި ޗައިނާ އަށް ބަރޯސާވާން ނުޖެހޭތަނަކަށް އެމެރިކާ ހަދާނެ ކަމަށް ބުނެފައެވެ.

އޭނާ ބުނީ، އިހަށް ދުވަހު އެމެރިކާ މައްޗަށް އެރި ބެލޫނަކީ ރަޝިއާގެ ބެލޫނެއް ނަމަ އެމެރިކާ އިން ވަގުތުން އެ ވައްޓާލީސް ކަމަށާއި ޗައިނާގެ ބެލޫން ވަގުތުން ވައްޓާނުލެވުނީ، އެމެރިކާއިން ޗައިނާއަށް ބަރޯސާވާން ޖެހިފައި އޮތުމުން ކަމަށެވެ. އެކަން އިތުރަށް ތަފްސީލު ކޮށްދެމުން އޭނާ ބުނީ، އެމެރިކާގެ ސިޔާސަތު މިވަގުތު ކޮންމެ ގޮތަކަށް އޮތަސް، އިގްތިސޯދީ ކަންކަމުގައި ޗައިނާއާއެކު މުއާމަލާތް ކުރަން ޖެހޭ ކަމަށާއި، ޒަމާނީ އެމެރިކާއެއްގެ ގޮތުގައި އެމެރިކާ ދެމިއޮތުމަށް ވެސް މިވަގުތު ޗައިނާއަށް ބަރޯސާވާން ޖެހިފައި ވާ ކަމަށެވެ.

އޭނާ ބުނީ، ވެރިކަމަށް ނިކުންނަނީ އެކަންކަން މުޅިން ބަދަލުކޮށްލައި އެއްގޮތަކަށްވެސް ޗައިނާ އަށް ބަރޯސާ ވާން ނުޖެހޭ އެމެރިކާއެއް ގެނައުމަށް ކަމަށާއި، ބޮޑު އަގެއް ދައްކައިގެން ވިޔަސް އެކަން އޭނާ ކުރާނެ ކަމަށެވެ.

މި ސުވާމީއާއި ހާލޭ، ރިޔާސީ އިންތިހާބަށް ނިކުންނަ އިރު، ދެމީހުން ފުރަތަމަ ޖެހޭނީ ރިޕަބްލިކަން ޕާޓީގެ ޕްރައިމަރީ ކާމިޔާބު ކުރާށެވެ. ވައިޓްހައުސް އާ ހިސާބަށް ދިޔުމުގެ ހުވަފެން ހަގީގަތަކަށް ވުމުގެ ފުރުސަތު ލިބޭނީ އެހިސާބުންނެވެ.

އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެ ޕާޓީން ވާދަކުރާނެ ކެންޑިޑޭޑަކު ކަނޑައެޅުމަށް ބާއްވާ އެތެރޭގެ ޕްރައިމަރީ އޮންނާނީ އަންނަ އަހަރުގެ ޖެނުއަރީގައެވެ. ރިޔާސީ އިންތިހާބު އޮންނާނީ އެއަހަރުގެ ނޮވެމްބަރު 5 ގައެވެ.

ސުވާމީއަކީ ވައިޓްހައުސް އަށް ވަނުމުގެ ރޭހުގައި މިހާތަނަށް ވާދަކުރާ އިންޑިއާ ދަރިކޮޅުގެ 4 ވަނަ މީހާއެވެ. މީގެ ކުރިން 2016 ވަނަ އަހަރު އިންޑިއާ ދަރިކޮޅު މީހެއް ކަމަށް ވާ ބޮބީ ޖިންދާލްގެ އިތުރުން 2020 ގައި ނައިބު ރައީސް އަކަށް ވި (މިހާރުގެ ނައިބު ރައީސް) ކަމަލާ ހެރިސް އަކީ ވެސް އިންޑިއާ ދަރިކޮޅު ބޭފުޅެކެވެ.

އެމެރިކާގެ ރިޔާސީ ރޭހަށް އިންޑިއާ ދަރިކޮޅުގެ މީހުން ނިކުންނަ އިރު، އިނގިރޭސިވިލާތުގެ މިހާރުގެ ބޮޑުވަޒީރު ރިޝީ ސޫނަކް އަކީވެސް އިންޑިއާ ދަރިކޮޅު ބޭފުޅެކެވެ.