އިންސްޓަގްރާމުގައި ކައިލީ ޖެނާ އަށް ފޮލޯކުރާ މީހުންގެ އަދަދަށްވުރެ ސެލީނާ ގޯމޭޒް އަށް ފޮލޯކުރާ މީހުންގެ އަދަދު ގިނަވެއްޖެއެވެ.
މުޅި އިންސްޓަގްރާމުން ވެސް އެންމެ ގިނަ މީހުން ފޮލޯކުރާ ސެލެބްރިޓީ އަކީ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. އޭނާގެ 551 މިލިއަން ފޮލޯވަރުން ތިބެއެވެ. ދެވަނައިގައި އޮތް ލިއޮނަލް މެސީ އަށް ފޮލޯކުރާ މީހުންގެ އަދަދަކީ 433 މިލިއަނެވެ. ތިން ވަނަ ޖާގަ ހޯދާފައިވަނީ ސެލީނާއެވެ. އެއީ 381 މިލިއަން ފޮލޯވަރުންނާއެކުގައެވެ. ހަތަރު ވަނައިގައި އޮތް ކައިލީ އަށް ފޮލޯކުރާ މީހުންގެ އަދަދަކީ 380 މިލިއަން އެވެ.
ސެލީނާ އާއި ކައިލީ ގެ ބޮޑު "ޑްރާމާ" އެއް މިދޭތެރެއިން ހިނގާފައިވަނިކޮށް ސެލީނާ އަށް ތާއީދު ކުރާ މީހުން ވަނީ ކައިލީ އަށް ފޮލޯކުރާ މީހުންގެ އަދަދު ދަށްކޮށް ސެލީނާ އަށް ފޮލޯކުރާ މީހުންގެ އަދަދު މަތިކުރަން މަސައްކަތްކޮށްފައެވެ. ބޭރުގެ ރިޕޯޓްތައް ބުނާގޮތުގައި ސެލީނާގެ ބުމަ ހުންނަ ގޮތާއި މެދު ކައިލީ އާއި އޭނާގެ އެކުވެރިޔާ ހެއިލީ ބީބާ ލައިވް ޝޯއެއްގައި އެއްޗެހި ކިޔާފައިވެއެވެ. އަދި ސެލީނާ އަށް ބޮޑީ ޝޭމްކޮށްފައެވެ. ނަމަވެސް އެ ހަބަރު ދޮގުކުރަމުން ކައިލީ ބުނީ ސެލީނާ އާއި ދިމާއަށް އޭނާ ދުވަހަކުވެސް އެއްޗެހި ކިޔާފައި ނުވާކަމަށެވެ. ހެއިލީ ބީބާ އަކީ ސެލީނާ ގޯމޭޒްގެ ކުރީގެ ލޯބިވެރިޔާ ޖަސްޓިން ބީބާގެ އަނބިމީހާއެވެ.
ދާދިފަހުން ހެއިލީ ވަނީ ވަރަށް ފާޅުކަން ބޮޑުގޮތެއްގައި ސެލީނާ އާއި ޖަސްޓިންގެ ގުޅުމާ މެދު ވާހަކަ ދައްކާފައެވެ. އޭރު އަޑުފެތުރުނީ ސެލީނާ އާއި ޖަސްޓިން އެކުގައި އުޅެނިކޮށް ހެއިލީ ދެމީހުންގެ ދޭތެރެއަށް ވަދެ ދެމީހުންގެ ގުޅުން ހީނަރުކުރުމަށްފަހުން ޖަސްޓިން އާއި ހެއިލީ ގުޅުނު ވާހަކައެވެ. ނަމަވެސް ހެއިލީ ބުނީ ސެލީނާ އާއި ޖަސްޓިން އެކުގައި އުޅުނު ދުވަސްވަރުގައި ޖަސްޓިން އާއި އޭނާ ވާހަކަ ވެސް ނުދައްކާ ކަމަށާއި ދެމީހުންގެ ގުޅުން ހީނަރުކުރުމަށް އެއްވެސް މަސައްކަތެއްކޮށްފައި ނުވާނެ ކަމަށެވެ.