މަދުން ނޫނީ ދުވާލު ނުހިންގާ އަސްކަރީ އޮޕަރޭޝަނެއްގައި ޔަހޫދީ ސިފައިން ފަލަސްތީނަށް އަރާ 11 މީހަކު ޝަހީދުކޮށްލައިފިއެވެ.

ޔަހުދީން ހިފާފައިވާ ހުޅަނގު އައްސޭރީގައި ދިރިއުޅޭ ފަލަސްތީނުގެ އާއިލާތައް އުޅޭ ސަރަހައްދުތަކަށް ވަދެ ދިން ހަމަލާގައި 11 މީހަކު ޝަހީދު ވުމުގެ އިތުރުން 102 މީހަކު ޒަހަމްވެފައި ވާ ކަމަށްވެސް ހަބަރުތައް ބުނެއެވެ.

މި ހަމަލާ އާ ގުޅިގެން އިޒްރޭލުން ބުނީ، އެ އޮޕަރޭޝަން ހިންގީ އިޒްރޭލަށް ހަމަލާއެއް ދޭން ރާވާ 3 މީހަކު ހޯދުމަށް ކަމަށާއި އެ 3 މީހުން ހޯދާ މަރާލައިފާ ވާ ކަމަށެވެ. އަދި އެ 3 މީހުންގެ ތެރެއިން އެކަކު މަރާލީ ފިލަން އުޅެނިކޮށް ކަމަށާއި އަނެއް ދެމީހުން މަރާލީ ދެފަރާތުގެ ދެމެދުގައި ބަދަލު ކުރި ހަމަލާތަކުގައި ކަމަށެވެ. އިޒްރޭލުން ބުނީ، އެމީހުން އިޒްރޭލުގެ ސިފައިންނާ ދިމާއަށް ގާ އުކާ، ކޮކްޓެއިލް އާއި ގޮވާތަކެތިވެސް އުކި ކަމަށެވެ.

އިޒްރޭލުގެ މި އުދުވާނުގައި ޝަހީދުވި މީހުންގެ އިތުރުން ޒަހަމްވި މީހުންގެ ތެރެއިން 7 މީހެއްގެ ހާލު ސީރިއަށް ކަމަށް ފަލަސްތީނުގެ ސިއްހީ އިދާރާތަކުން މައުލޫމާތު ދެއެވެ.

މިހަމަލާ އިޒްރޭލުން ދިން ވަގުތަކީ ހެނދުނު 10:15 ކަމަށާއި އޭރު އާދައިގެ މަތިން އާންމުން ނިކުމެ އުޅުނީ ބާޒާރުގައި ކަމަށެވެ. އާންމުކޮށް ދުވާލުގެ ވަގުތުތަކުގައި ޔަހޫދީން އެގޮތަށް ހަމަލާ ނުދޭ އިރު އެންމެނަށްވެސް ލިބުނީ ޝޮކެއް ކަމަށް ފަލަސްތީނު ރެޑް ކްރެސެންޓުގެ އޮފިޝަލުން ބުނެފައި ވެއެވެ.

"ޔަހޫދީ ސްނިޕަރުން ތިބީ ގޭގެ ފުރާޅުމަތީގައި، ތިބެ ބަޖި ޖަހަނީ މީހުންގެ ބޮލަށް، ކޮނޑަށް، ގަޔަށް، ވަޒަންތައް އެތަން މިތާނގައި، ޒަހަމްވި މީހުންގެ ތެރޭގައި އެހެން ހިސާބުތަކުން އެ ސިޓީއަށް އެވަގުތު އައިސް އުޅުނު މީހުންވެސް ހިމެނޭ"

ގިނަ ބަޔަކު ޝަހީދުވެ، އަދި ޒަހަމްވި ސަބަބު ކިޔައިދެމުން އޮފިޝަލުން ބުނެފައި ވެއެވެ. އިތުރަށް އޭނާ ބުނީ، ސްނިޕަރުން ބަޑިަހަމުން ދިޔައިރު، ޑްރޯން ބޭނުން ކޮށްގެން އެތަންމިތަނަށް ކަރުނަގޭސް ބޮންވެސް ވައްޓާފައި ވާ ކަމަށެވެ.

ރެޑް ކްރެސެންތް އޮފިޝަލް އިތުރަށް ބުނީ، ހަމަލާތަކުގައި ޒަހަމްވި މީހުންނާ ހަމައަށް ދިޔުމަށް ވެސް ޔަހޫދީން ހުރަސް އެޅިކަމަށާއި ކަރުނަގޭހާއި ހަމަލާގެ ސަބަބުން ހާލު ދެރަވި 4 އަހަރުގެ ކުއްޖަކުވެސް އޭރު ވެއްޓިފައި އޮތް ކަމަށެވެ. އަދި އެ ކުއްޖާއަކީ ހިތުގެ މައްސަލައެއް ހުރި ކުއްޖެއް ނަމަވެސް ޔަހޫދީން އެފުރުސަތު ދީފައި ނުވާކަމަށް ބުންޏެވެ.

މި ހާދިސާގެ ވާހަކަ ތަފްސީލުކޮށްދެމުން، ޔަހޫދީ އޮފިޝަލުން އިތުރަށް ބުނެފައި ވަނީ، އެމީހުން ހައްޔަރު ކުރަން ދިޔަ ފަލަސްތީނުގެ 3 މީހުން އެއްބާރުލުން ނުދީ އަމާން ނުދީ އުޅުނީ ފިލަން ކަމަށެވެ. އަދި ގޭގެ އަށް ވަދެ ރައްދު ހަމަލާ ދޭން ފެށި ކަމަށާއި އެހެން ކަމުން އެމީހުން މައިތިރި ކުރަން ޔަހޫދީ ސިފައިންގެ ހަމަލާތައް ވަރުގަދަކޮށް ދެގެއަށް ރޮކެޓް ހަމަލާވެސް ދޭން ޖެހުނު ކަމަށެވެ. އަދި ޝަހީދުވި މީހުންނާ ބެހޭ ގޮތުން އިޒްރޭލުން ބުނީ، އެފަގަ ހާލަތެއްގައި އަމާން ނުދީ ދާ ނަމަ، ދޭ ހަމަލާގައި މީހުން މަރުވެސް ވާނެ ކަމަށެވެ.