މާލޭ ސަރަހައްދުގައި އުފައްދާ ކުނީގެ އަދަދު މަދުނުކޮށްފިނަމަ ކުނި މެނޭޖުކުރަން ދަތިވާނެކަމަށް އެންވަޔަރުމެންޓް މިނިސްޓަރު އަމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.

ވެމްކޯގެ އަހަރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ހަފުލާގައި ވާހަކަދައްކަމުން ޝައުނާ ވިދާޅުވީ، ތިލަފުށީގައި ކުރަމުންދާ ކުނި މެނޭޖްކުރުމުގެ މަސައްކަތްތުގެ ދަށުން ކޮންމެ ދުވަހަކު އެތަނަށް ގެންދާ ކުނި ދަނީ މިންކުރަމުން ކަމަށެވެ.

މިގޮތުން މާލެ ސަރަހައްދުން ދުވާލެއްގެ މައްޗަށް 800 އާއި 1000 ޓަނުގެ ކުނި ތިލަފުއްޓަށް ގެންދާ ކަމަށާއި 150 ޓަނާއި ގާތަށް ކޮންސްޓްރަކްޝަން ކުނި ގެންދާކަމަށް ޝައުނާ ވިދާޅުވިއެވެ.

ޝައުނާ ވިދާޅުވީ، ކުނި މެނޭޖްކުރުމުގެ މަސައްކަތުގައި ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ ދުވާލަކު އުފެދޭ ކުނި އިތުރުވުން ކަމަށާއި އެކަމުގެ ސަބަބުން ރާއްޖޭގެ އިގްތިސޯދަށާއި ފަތުރުވެރިކަމަށް ނޭދެވޭ އަސަރުކުރާ ކަމަށެވެ.

ހެންކަމުން ވެމްކޯއިން ކުރާ މަސައްކަތާއި ހޭދައާއި ފަތުރުވެރިކަމާއި އިގްތިސާދަށް ކުރާ އަސަރު ކުޑަކުރެވޭނީ އެންމެން އެކީގައި ކުނި މަދުކުރުމަށް މަސައްކަތްކޮށްގެން. އަދި ކުންޏާ މެދު އާންމުން ދެކެމުން އައި ގޮތް ބަދަލުކޮށް ކުނި ނެގުމާއި ކުނި އުކުރުމަކީ ތާހިރު މަސައްކަތެއްގެ ގޮތުގައި ދައްކުވައިދިނީ ވެމްކޯގެ މުވައްފުން.
އެންވަޔަރުމެންޓް މިނިސްޓަރު އަމިނަތު ޝައުނާ

ވެމްކޯއިން ކުނި މެނޭޖް ކުރުމުގައި އަދާކުރާ ދައުރު މުހިންމު ކަން ފާހަގަކުރައްވާ ޝައުނާ ވިދާޅުވީ، ވެމްކޯ އަކީ ކުނި މެނޭޖްކުރުމުގެ ޒަމާނީ އާލާތްތަކާ އެކު ފައްކާ ކުރެވެމުން އަންނަ އަދި ކުނި މެނޭޖްކުރުމަށް އިންގިލާބީ ބަދަލެއް ގެންނާނެ ކުންފުންޏެއް ކަމަށެވެ.

‎ރާއްޖޭގެ ރަށްރަށުގައި ފުނިޖެހިފައިވާ ކުނިތައް ނަގައި ރަށްރަށުގައި ކުނި މެނޭޖްކުރުމުގައި ހުރި ގޮންޖެހުންތަށް ފިލުވާލަދޭ ބަޔަކީ ވެމްކޯ ކަމަށާއި އެގޮތުން ޖުމްލަ 48 ރަށަކުން ކުނި ނަގައި މިހާރުވެސް ވެމްކޯ އިން ސާފުކޮށްފައިވާ ކަމަށް ޝައުނާ ވިދާޅުވިއެވެ.

އޭގެތެރޭގައި ލެގަސީ ވޭސްޓް ކްލީންއަޕް ޕްރޮގްރާމްގެ ދަށުން ކުނީގެ މައްސަލަ އެންމެ ބޮޑަށް ދިމާވެފައިވާ 20 ރަށަކުން ގާތްގަނޑަކަށް 155400 ޓަނުގެ ކުނި ނަގައި ސާފުކުރެވިފައިވާ އިރު މާލެ އަތޮޅުގެ ދެކުނުގެ 8 ރަށަކުން ގާތްގަނޑަކަށް 5100 ޓަނުގެ ކުނި ސާފުކުރެވިފައިވާ ކަމަށް ވިދާޅުވިއެވެ.