އެމެރިކާގެ ރެޕާ މެޝީން ގަން އާ ރުޅިވެގެން އުޅޭ ވާހަކަ ބަތަލާ މޭގަން ފޮކްސް ދޮގުކޮށްފިއެވެ.
މެޝީން އާއި މޭގަން ރުޅިވެގެން އުޅޭކަމުގެ އަޑުތައް ފެތުރެމުން ދާ މި ދަނޑިވަޅުގައި މޭގަން ވަނީ އެކަމާ ގުޅޭގޮތުން ރައްދުދީ އިންސްޓަގްރާމުގައި ބޮޑު ބަޔާނެއް ލިޔެފައެވެ. މޭގަން ބުނީ މެޝީން އޭނާ އަށް ބޭވަފާތެރިނުވާ ކަމަށާއި މީހުން ހަދަހަދައިގެން ކޮންމެ ފަދަ ވާހަކައެއްވެސް ދައްކަފާނެ ކަމަށެވެ. މީހުން ދައްކާ ވާހަކަ ގަބޫލުކޮށް ދެމީހުންގެ ގުޅުމަށް ތިން ވަނަ ބަޔަކު ވަންނަން މަސައްކަތް ކުރި ނަމަވެސް އެކަން ކާމިޔާބުވާ ގޮތް ނުވާ ކަމަށާއި ދެމީހުންގެ ދެމެދުގައި އެފަދަ އެއްވެސް މައްސަލަ އެއް ނުޖެހޭ ކަމަށް ވެސް މޭގަން ވަނީ ބުނެފައެވެ. އަދި ދޮގު ވާހަކަ ފެތުރުމާއި މީޑިއާތަކުގައި ދޮގު ހަބަރު ފެތުރުވުން ހުއްޓަން ޖެހޭ ކަމަށް މޭގަން ވަނީ ބުނެފައެވެ.
މޭގަން އާއި މެޝީން ގަން ރުޅިވެގެން އުޅޭކަމުގެ އަޑު ގަދަވީ މޭގަންގެ އިންސްޓަގްރާމުގައި މެޝީން އާއެކު ނަގާފައި ހުރި ފޮޓޯތައް ޑިލީޓްކޮށް، އަސަރުގަދަ ޕޯސްޓްތަކެއް އިންސްޓަގްރާމް ސްޓޯރީގައި ޕޯސްޓުކުރުމާ ގުޅިގެންނެވެ.
ދެތަރިން އެންމެ ފުރަތަމަ ދިމާވީ 2020 ވަނަ އަހަރު މަސައްކަތްކުރި ފިލްމެއްގެ ސެޓުންނެވެ. އެ ދުވަސްވަރު މޭގަން ހުރީ ކައިވެނިކޮށްގެންނެވެ. ނަމަވެސް ބައެއް ހަބަރުތައް ބުނާގޮތުގައި މޭގަން އާއި އޭނާގެ ކުރީގެ ފިރިމީހާ ވަނީ 2019 ވަނަ އަހަރު ވަރަށް ސިއްރިއްޔާތުގައި ވަކިވެފައެވެ. އެކްޓަރު ބްރައިން އޮސްޓިން ގްރީން އާ 2010 ވަނަ އަހަރު ކައިވެނިކުރި މޭގަން އޭނާ ކައިރިން ވަރިވެފައި ވަނީ 2020 ވަނަ އަހަރުގައެވެ. އެ ކައިވެންޏަށް ޖުމްލަ ތިން ދަރިން ވަނީ ލިބިފައެވެ.
އޭގެ ފަހުން ހަމަ އެ އަހަރު މޭގަން އާއި މެޝީން ލޯބީގެ ގޮތުން ގުޅުނުއިރު މިދިޔަ އަހަރު ކުރީކޮޅު ދެތަރިން އެންގޭޖް ވިއެވެ. މެޝީން ގަން މީގެ ކުރިން ކައިވެންޏެއް ކޮށްފައިނުވި ނަަމަވެސް އޭނާގެ ދަރިއަކު ހުރެއެވެ.