އުމްރާއަށް ފުރާ މިހުންނަށް ޖަހާ މެނިންޖައިޓިސް ވެކްސިންގެ އިތުރު ސްޓޮކްއެއް އަންނަ ބުރާސްފަތި ދުވަހު ލިބޭނެ ކަމަށް އެސްޓީއޯއިން ބުނެފިއެވެ.

އެސްޓީއޯއިން މިހެން ބުނެފައިވަނީ، ހައްޖާއި އުމްރާގެ އަޅުކަން އަދާކުރަން ސައުދީއަށް ދިއުމަށް ކޮންމެ މީހަކުވެސް ޖަހަން ޖެހޭ މެނިންޖައިޓިސް ވެކްސިން ނުޖެހިގެން ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުންދާ ދަނޑިވަޅެއްގައެވެ.

އެކަމާ ގުޅިގެން އެސްޓީއޯ މެޑިކަލްއިން ބުނީ، ހަކުރު ބައްޔާއި، ހިތުގެ ބަލިތަކަށް ދާއިމީކޮށް ބޭނުން ކުރާ ބޭސް، މިވަގުތު ލިބެން ހުރި ކަމަށެވެ. އަދި މެނިންޖައިޓިސް ވެކްސިން ސްޓޮކެއް އިއްޔެ ހެލްތު މިނިސްޓްރީއާ ހަވާލު ކުރި ކަމަށާ، އިތުރު ސްޓޮކެއް ބުރާސްފަތި ދުވަހު ލިބޭނެ ކަމަށެވެ.

އުމްރާއަށް ދިއުމަށްޓަކައި ވެކްސިން ޖެހުމަށް އަތޮޅު ތެރެއިން ގިނަ ބަޔަކު މާލެ އައިސްފައި ވާއިރު މި ވަގުތު ޖަހަމުން ދަނީ ދަމަނަވެއްޓަށް ލިބިފައިވާ މަދު އަދަދެއްގެ ޑޯޒްތަކެކެވެ.

ގިނަ އުމްރާ ގްރޫޕްތަކުން މި މަސް ނިމުމުގެ ކުރިން ވެކްސިން ޖަހާ ނިންމަން އަންގާފައި ވާއިރު ދަމަނަވެށިން ބުނީ މި ހަފްތާ ތެރޭގައި މެނިންޖައިޓިސް ވެކްސިން ލިބޭނެ ކަމަށެވެ. އެހެންނަމެސް އިއްޔެ ދަމަނަވެށިން ބުނީ އެ ވެކްސިން ލިބެން ހަފްތާއެއް ވަރު ނަގާނެ ކަމަށާއި މިހާރު ޖަހަމުންދަނީ ރޯދަ މަހުގެ ކުރިން އުމްރާއަށްދާ މީހުންނަށް ކަމަށެވެ. އަދި ރޯދަ ތެރޭގައި އުމްރާއަށްދާ މީހުންނަށް ޖަހަން އެ ވެކްސިން ލިބެން ދުވަސްކޮޅެއް ނަގާނެ ކަމަށް ވެސް ވަނީ ބުނެފައެވެ.

މި މައްސަލައާ ގުޅިގެން ހެލްތް މިނިސްޓްރީގެ ތަރުޖަމާން އައިމިނަތު ސަތުފާ ބައެއް މީޑިއާތަކަށް ވިދާޅުވީ ވެކްސިން ލިބުމުގައި ދަތިތަކެއް ދިމާވަނީ އެސްޓީއޯގެ ލޮޖިސްޓިކްސްގެ މައްސަލައަކާ ގުޅިގެން ކަމަށެވެ.