ރޭ ތުރުކީގެ އިރުމަތީގައި، ސީރިއާގެ ބޯޑަރު ސަރަހައްދަށް އައި ބާރުގަދަ ބިންހެލުމުގައި ތިން މީހަކު މަރުވެ އެތައް ސަތޭކަ ބަޔަކު ޒަހަމްވެއްޖެއެވެ.

އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭ އިން ބުނި ގޮތުގައި މި ބިންހެލުން އައިސްފައި ވަނީ 6.4 މެގްނިޓިއުޓްގެ ބާރުމިނުގައެވެ. މީގެ ދެހަފްތާ ކުރިން ވެސް ތުރުކީގެ ހަޓޭ ޕްރޮވިންސަށް ބާރުގަދަ ބިންހެލުމެއް އައިސްފައި ވާއިރު އެ ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 46000 އަށް ވުރެ މައްޗަށް ވަނީ އަރާފައެވެ.

ރޭ އައި ބިންހެލުމާ ގުޅިގެން ތުރުކީގެ އިންޓީރިއާ މިނިސްޓަރު ސުލެއިމާން ވިދާޅުވީ މި ބިންހެލުމަށް ފަހު މިހާތަނަށް 26 އާފްޓަޝޮކް އައިސްފައިވާ ކަމަށެވެ.

ރޭގެ ބިންހެލުމުގައި ތުރުކީއިން 294 މީހުން ޒަހަމްވެފައި ވާއިރު، ސީރިއާއިން ވަނީ 130 މީހުން ޒަހަމްވެފައެވެ.

ސިރިއާ އަދި ތުރުކީގެ ވެއްޓިފައިވާ އިމާރަތްތަކުގެ ދަށުން މީހުން ސަލަމާތްކުރުމުގެ މަސައްކަތް ރެސްކިއު ޓީމުތަކުން އަންނަނީ މެދުކެޑުމެއް ނެތި ކުރަމުންނެވެ.

މި ގަރުނުގައިވެސް ތުރުކީއަށް އައި އެންމެ ބާރުގަދަ ބިންހެލުމުގައި ގިނަ އަދަދެއްގެ ބަޔަކު ހާލުގައިޖެހިފައި ވާއިރު ދުނިޔޭގެ ގައުމުތަކުން އަންނަނީ މި ދެ ގައުމަށް އެހީވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.