ސްޓެލްކޯއިން އދ. ހަންޏާމީދޫ އަށް ފެނުގެ ހިދުމަތް ދޭން މިއަދު ފަށައިފިއެވެ.
ސްޓެލްކޯއިން ބުނީ، މިއަދުން ފެށިގެން ފެނުގެ ހިދުމަތަށް އެދިފައިވާ ހަންޏާމީދުގެ ހުރިހާ ގޭބީސީއަކާއި ވިޔަފާރިއަކަށް މިހާރު ފެނުގެ ހިދުމަތް ލިބޭނެ ކަމަށެވެ. މި ވަގުތު ހަންޏާމީދޫގެ 170 ތަނަކަށް ފެނުގެ ހިދުމަތް ދެމުންގެންދާ އިރު، މިހާރު ފެނުގެ ހިދުމަތަށް އެދިފައިވާ ފަރާތްތަކާއި، މި މަހުގެ ނިޔަލަށް ފެނުގެ ހިދުމަތަށް އެދޭ ފަރާތްތަކަށް އެއް ޓަނުގެ ފެން ހިލޭ ދިނުމަށް ވަނީ ނިންމާފައި ކަމަށް ސްޓެލްކޯއިން ބުނެއެވެ.
ހަންޏާމީދޫގެ ފެނުގެ ހިދުމަތް މިއަދު ރަސްމީކޮށް އިފްތިތާހު ކޮށްދެއްވީ އެ ރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި ސްޓެލްކޯގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ލަތީފް އަދި ހަންޏާމީދޫ ކައުންސިލްގެ ރައީސް މޫސާ ނާޒިމެވެ.
ހަންޏާމީދޫ އަށް ފެނުގެ ހިދުމަތް ފޯރުކޮށްދޭ ކުން ފުންޏަކީ ސްޓެލްކޯ ކަމުގައި ވީ ނަމަވެސް އެ މަޝްރޫއުގެ މަސައްކަތް ކޮންތްރެކްޓް އުސޫލުން ހަވާލުކޮށްފައި ވަނީ ޕްލޭނިން މިނިސްޓްރީގެ ފަރާތުން އެމްޑަބްލިއުއެސްސީއާއެވެ.
އެ މަޝްރޫގެ މަސައްކަތުގެ ތެރެއިން ހަންޏާމީދޫ ފެނުގެ ނިޒާމްގައި ހިމެނޭ 91.4 ކިލޯ މީޓަރުގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯކްގެ ހޮޅިވަޅުލުމުގެ މަސައްކަތްތަކާއި، ބޯހޯލް ތޮރުފުމުގެ މަސައްކަތްތަކާއި، އާރްއޯ ޕްލާންޓް ފެބްރިކޭޓް ކުރުމުގެ މަސައްކަތްތަކާއި އަދި ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިން އިމާރާތުގެ މަސައްކަތް ހިމެނެއެވެ ހަމައެއާއެކު ފެނުގެ ނިޒާމް ގާއިމް ކުރުމުގެ މަސައްކަތުގެ ދަށުން، ފެން ރައްކާ ކުރުމަށްޓަކައި 3 ތާނގީ ވެސް ވަނީ ބަހައްޓާފައެވެ.
ފެން އިފެއްދުމައްޓަކައި 2 އާރްއޯ ޕްލާންޓް ބަހައްޓާފައިވާ އިރު، ގޭގެއަށް ފެންމީޓަރު ބަހައްޓައި ފެނުގެ ކަނެކްޝަން ގުޅައި ދިނުމާއި, ފެނުގެ ނިޒާމް ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ޖަނަރޭޓަރު ސެޓާއި އަދި ފެން ތަހުލީލު ކުރުމަށް ބޭނުންވާ ސާމާނު ފޯރުކޮށް ދީފައި ވަނީ ވެސް އެމްޑަބްލިއުއެސްސީންނެވެ. މި މަޝްރޫއުގެ އަގަކީ 65.21 މިލިއަން ދިވެހި ރުފިޔާއެވެ.