ބޭންކް އޮފް މޯލްޑިވްސްގެ ކާޑުތަކުގެ މައުލޫމާތު ބޭންކު ތެރެއިން ލީކް ނުވާ ކަމަށާއި އެ މައުލޫމާތު ލީވް ވަނީ އެކި އެކި މާޗަންޓްތަކުން ކަމަށް ބީއެމްއެލް އިން ބުނެފިއެވެ.

ބޭންކުން މިހެން ބުނީ ބީއެމްއެލްގެ ކާޑުތަކުގެ މައުލޫމާތު ސޯޝަލް މީޑިއާގައި ހާމަވެފައި ވާކަމަށް ބުނެ ދެކެވެމުންދާ ވާހަކަތަކާ ގުޅިގެންނެވެ.

ބީއެމްއެލްއިން ބުނީ މާޗަންޓެއްގެ ފަރާތުން ކާޑުގެ މައުލޫމާތު ހާމަވާ ހާލަތްތަކުގައި ކަސްޓަމަރުންނަށް ފުރިހަމަ ރައްކާތެރިކަން ލިބޭނެ ކަމަށާއި މާލީ ގޮތުން އެއްވެސް ގެއްލުމެއް ނުލިބޭނެކަމުގެ ޔަގީންކަން ދޭކަަމަށެވެ. އެގޮތުން ޑިސްޕިއުޓް މަރުހަލާ ނިމުމާއެކު ކަސްޓަމަރުންނަށް ރިފަންޑް ލިބޭނެ ކަމަށް ބީއެމްއެލުން ވަނީ ބުނެފައެވެ.

ކާޑުތަކުގެ މައުލޫމާތު ހާމަވެ މުއާމަލާތްތަކެއް ހިންގާފައިވާ ކާޑުތައް މިހާރު ބޭންކުން ބްލޮކްކޮށްފައި ވާއިރު، އެއްވެސް ފީއަކާ ނުލައި އެ ކާޑުތައް އާ ކުރުމުގެ މަސައްކަތްވެސް ބީއެމްއެލްއިން އަންނަނީ ކުރަމުންނެވެ.

ބީއެމްއެލްއިން އެންމެ އިސްކަމެއް ދެނީ ކަސްޓަމަރުންގެ ރައްކާތެރިކަމަށް ކަން ފާހަގަކޮށް ބުނީ ކާޑުގެ ރައްކާތެރިކަން ކަށަވަރުކޮށް އަދި ކާޑުގެ މައުލޫމާތު ހާމަވެދާނެފަދަ އަމަލެއް ހިނގަމުންދޭތޯ އަބަދުވެސް މޮނިޓާކުރަމުންދާ ކަމަށެވެ.

ބީއެމްއެލްއިން ކަސްޓަމަރުންގެ ފޯނަށް ފޮނުވާފައިވާ މެސެޖްތަކެއް ކަމަށް ބުނެ ސޯޝަލް މީޑިއާގައި އާންމު ކޮށްފައިވާ ފޮޓޯތަކާ ގުޅިގެން އެ ބޭންކުން ބުނީ އެއްވެސް ލިންކެއް މެސެޖެއްގެ ގޮތުގައި ނުފޮނުވާނެ ކަމަށެވެ.

ސްކޭމް ހިންގާ ފަރާތްތަކުން، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މާޗަންޓުންނާއި އީކޮމާސް މާޗަންޓުންގެ ޕޭމަންޓް ސިސްޓަމަށް ވަދެ ކަސްޓަމަރުންގެ ކާޑުގެ މައުލޫމާތުތައް ވަގަށް ނަގައެވެ. އަދި މިފަދަ ގޮތަށް ކާޑުގެ މައުލޫމާތު އާންމުވާ ކޮންމެ ހާލަތެއްގައި މުޅި ދުނިޔޭގެ އެތައް މިލިއަން ކަސްޓަމަރުންނަށް މިގޮތަށް ދިމާވެއެވެ.

މާޗަންޓަން ކާޑުގެ މައުލޫމާތު ލިބޭ ހާލަތުތަކަށް ބަލާއިރު އޮންލައިން ވިޔަފާރީގައި ކާޑު ބޭނުން ކުރުމާއި، ސްކޭމް އެއްގައި ބައިވެރިވެ ކާޑުގެ މައުލޫމަތު ދެވުން ފަދަ ކަންކަން ހިމެނެއެވެ. އެހެން ކަމުން، ކާޑުގެ މައުލޫމާތު އެއްވެސް ފަރާތަކަށް ނުދިނުމަކީ އަމިއްލަ އެކައުންޓްގައި ހުންނަ ފައިސާކޮޅު ރައްކާތެރިކޮށް ހުންނާނެކަން ޔަގީން ކުރެވޭނެ އެއްގޮތެވެ.