އިންޑިއާގައި އުމުރުން 15 އަހަރުގެ ސްކޫލް ދަރިވަރަކާ ދިމާއަށް ބޮޑު ފިރިހެނަކު "އާޖާ، އާޖާ" (ކަމް ކަމް) ބުނެގެން 1 އަހަރަށް ޖަލަށް ލައިފިއެވެ.

3 ކުދިންނާއި އަންބަކުވެސް އިންނަ އެ ފިހެން މީހާ އަކީ އުމުރުން 34 އަހަރުގެ މީހެކެވެ. އޭނާ އުމުރު ހަމަނުވާ ކުއްޖެއްގެ ގާތުގައި "އާޖާ އާޖާ" ބުނުމަކީ ޖިންސީ ފުރައްސާރަކަމަށް ކޯޓުން ވަނީ ކަނޑައަޅާފައެވެ.

މިހާދިސާގައި ކަން ހިނގި ގޮތް ޝަރީއަތުގައި ކިޔަދެމުން އެ ކުންޖާގެ ވަކީލު ބުނީ، އޭނާ ސްކޫލް ނިންމާ ގެއަށް ގޮސް ޓިއުޝަނަށް ދަނިކޮށް އެ ފިރިހެން މީހާއަށް އޭނާ ފެނިގެން "އާޖާ އާޖާ" ކިޔައިފައި ގޮވިކަމަށެވެ. އަދި އެކަމާ ގަތްބިރުން އެހީއަށް އެދި ހަޅޭއްލަވައިގަތުމުން އެމީހާ އެ ދުވަހު ދުވެ ފިލި ކަމަށެވެ. ނަމަވެސް އޭގެ 1 ދުވަސް ފަހުންވެސް އޭނާ ހަމަ އެގޮތަށް ދިމާ ކުރި ކަމަށާއި އެ ދުވަހުވެސް ސަލާމަތް ވީ އެފަދަ ގޮތަކަށް ކަމަށެވެ. އޭގެ 3 ދުވަސް ފަހުން އޭނާ އެ ކުއްޖާ ދިރިއުޅޭ ގެ ކައިރިއަށް ގޮސް ފާރަލަމުން ގެންދިޔަ ކަމަށާއި، އެތަން ފެނި އޭނާ، މައިންބަފައިންނަށް ދެއްކުމުން، މައިންބަފައިން އެމީހާ ހޯދާ ދައުވާ ކުރީ ކަމަށެވެ.

މި ދައުވާގެ ފުރަތަމަ މަރުހަލާގައި ދަށު ކޯޓެއްގައި ޝަރީއަތް ހިނގި ނަމަވެސް ނިންމީ، އެ ފިރިހެން މީހާ ކުށްވެރި ނުވާ ކަމަށެވެ. ނަމަވެސް އޭގެ ފަހުން، ބޮމްބޭގެ މަތީ ކޯޓަކަށް ދައުވާ އުފުލުމުން ހިންގި ޝަރީއަތުގައި ނިންމީ އެ މީހާ ކުށްވެރި ވާ ކަމަށެވެ.

އެ ހުކުމުގައި ބުނެފައި ވަނީ އޭނާ "އާޖާ އާޖާ" ގޮވީ އުމުރު ހަމަނުވާ ކުއްޖަކަށް ވުމުގެ އިތުރުން އޭނާ އެކަން ކުރީ އަންހެން ކުއްޖާ އިންކާރު ކުރަމުން ދިޔަ ހާލަތެއްގައި ކަމަށާއި އެއީ ޖިންސީ ފުރައްސާރަ ކަމަށެވެ. އަދި އޭނާ އެހެން ގޮވުމުގެ އިތުރުން އަންހެން ކުއްޖާއަށް ފާރަލާފައި ވާކަންވެސް ސާބިތުވާ ކަމަށާއި ކުށުގެ އަދަބަކީ 1 އަހަރުގެ ޖަލުހުކުމެއް ކަމަށެވެ.