މުސްލިމުންގެ އަދަދު އިތުރު ވިޔަ ނުދޭން ހުޅަނގުން ހިންގާ ހީލަތްތެރި ކަމެއްގެ ގޮތުގައި ދެކި ދޭތެރެ ދުރުކުރާ ބޭހާއި ތަކެތި ބޭނުން ކުރުމާއި ވިއްކުން ތޯލިބާނުން މަނާކޮށްފިއެވެ. ދޮރުން ދޮރުން ހިނގާ، ދޭތެރެ ދުރުކުރާ ބޭހާއި ވަސީލަތްތައް ބޭނުން ނުކުރުމަށް އެންގުމުގެ އިތުރުން ބޭސް ފިހާރަތަކަށް ވެސް މިހާރު އަންގާފައި ވަނީ އެފަދަ އެއްޗެހި ނުވިއްކުމަށެވެ.

ތޯލިބާނުން 2021 ގައި އަފަގާނިސްތާނުގެ ވެރިކަމަށް އައުމަށް ފަހު، ތަފާތު ހަރުކަށި ފިޔަވަޅުތައް ދަނީ ތަންފީޒު ކުރަމުންނެވެ. ހާއްސަކޮށް އަންހެނުންނަށް އަޅާ ދަތިކުރުމުގެ ފިޔަވަޅުތައް ގިނައެވެ. އެގޮތުން، މެދުމަދަރުސީ ތައުލީމުން އަންހެން ކުދިން މަހުރޫމް ކުރުމާއި، ކޮލެޖް ޔުނިވާސިޓީތަކަށް އަންހެނުން ދިޔުން މަނާ ކުރުމާއި، އެންޖީއޯތަކުގައި އަންހެނުން ވަޒީފާ އަދާކުރުން މަނާ ކުރުމާއި، ފިރިހެނަކާއެކު ނޫނީ ގެއިން ނިކުމެގެން މާ ދުރަށް ނުދެވުން ފަދަ ފިޔަވަޅުތައް ހިމެނެއެވެ.

މިފަހަރު މި އައި ފިޔަވަޅުގެ ސަބަބުން، ބޭސްވެރިން ތިބީ ކަންބޮޑުވެފައެވެ. އެމީހުން ބުނާ ގޮތުން ހަތިޔާރު އަޅައިގެން ތިބޭ ތޯލިބާންގެ އޮފިޝަލުން ދޭތެރެ ދޭތެރެއިން ފާމަސީތައް ރެއިޑް ކުރެއެވެ. އެފަދަ އެއްޗެއް ވިއްކާތޯ ބަލާ ހަދައެވެ.

ތޯލިބާނުންގެ މި ނިންމުމާއެކު ބައިނަލްއަގުވާމީ ފަރާތްތަކާއި އިންސާނީ ހައްގުތަކުގެ ވާހަކަ ދައްކާ ފަރާތްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެފަރާތްތަކުން ބުނާ ގޮތުގައި ދޭތެރެ ދުރުކުރަން ބޭނުންވާ ނަމަ އެއީ އަންހެން މީހާއަށްވެސް އޮންނަން ޖެހޭ ފުރިހަމަ ހައްގެކެވެ. އަފްގާނިސްތާނަށް އުފަން މިހާރު އިނގިރޭސިވިލާތުގައި އުޅޭ އެކްޓިވިސްޓެއް ކަމަށްވާ ޝަބްނަމް ނަސީމީ ބުނީ، ތޯލިބާނުން އަންހެނުންގެ ހައްްގުތައް ފޭރެމުން ފޭރެމުން ގޮސް އެމީހުންގެ އަމިއްލަ ނަފްސުގެ މައްޗަށްވެސް ބާރުފޯރުވާން ފެށީ ކަމަށެވެ. އާއިލާ ރޭވުމާއި، ދޭތެރެ ދުރުމަކީ އިންސާނީ ހައްގެއް ނަމަވެސް އެކަމުން ތޯލިބާނުގެ އަންހެންވެރިން މަހުރޫމް ކުރުމަކީ ނާތަހުޒީބު ކަމެއް ކަމަށެވެ.

ހިއުމަން ރައިޓްސް ވޮޗްގެ 2021 ވަނަ އަހަރުގެ ރިޕޯޓު ބުނާގޮތުން، އާއިލާ ރޭވުމާ ބެހޭ ރަނގަޅު މައުލޫމާތުވެސް އަފްގާނިސްތާނުގެ ގިނަ އަންހެނުންނަށް ލިބިފައެއް ނުވެއެވެ. އަދި 61 ޕަސެންޓާއި 71 ޕަސެންޓާ ދެމެދުގެ އަންހެނުންނަކީ ފަގީރުން ކަމަށާއި، އޭގެ ތެރެއިން ގިނަ ބަޔަކު އެންމެ ދަރިއަކު ބޭނުންވި ނަމަވެސް، ފަގީރު ކަމާހުރެ ދޭތެރެ ދުރުކުމުގެ ވަސީލަތްތަކާއި ބޭސް ހޯދޭނެ ގޮތެއްވެސް ނެތް ކަމަށް ބުނެއެވެ.