ރަޝިއާއިން ޔޫކްރައިން އަށް އަރާ ކުރާ ހަނގުރާމައިގައި ރަޝިއާއަށް އެހީ ނުވުމަށް އެމެރިކާއިން ޗައިނާ އަށް އިންޒާރު ކޮށްފިއެވެ. ޖަރުމަނުގެ މިއުނިކްގައި ކުރިއަށް ދިޔަ ސެކިއުރިޓީ ކޮންފަރެންސްގެ ހަވާސާގައި އެމެރިކާގެ ހާރިޖީ ވަޒީރު އެންތަނީ ބްލިންކަން އާއި ޗައިނާގެ ހާރިޖީ ވަޒީރު ވޭންގް ޔީ ވަނީ ބައްދަލު ކުރައްވާފައެވެ.
އެމެރިކާ މަތިން އުދުހުނު ޗައިނާގެ ބެލޫން މައްސަލަ އަށް ފަހު މި ދެބޭފުޅުން ބޭއްވި މި ބައްދަލު ވުމުގައި ބޭލޫން މައްސަލަ އެމެރިކާއިން ވަނީ ކުށްވެރިވެސް ކޮށްފައެވެ. 10-12 ޑޮލަރުގެ އަގެއް ހުރި އެ ބެލޫން، އެމެރިކާއިން ވައްޓާކީ 400،000 ޑޮލަރަށް ލިބޭ މިސައިލް ފޮނުވާލައިގެންނެވެ. މި ކަމާ ގުޅިގެން ދުނިޔޭގެ އެކި ފަރާތްތަކުން އެމެރިކާއަށް މަލާމާތް ރައްދު ކުރަމުން ދާ އިރު، އެގައުމުން އަދިވެސް ބުނަނީ އެއީ ޖާސޫސް ކުރަން ފޮނުވި ބެލޫންތަކެއް ކަމަށެވެ. ނަމަވެސް ވައްޓާލި ބެލޫންގެ ބައިތަކާއި އޭގައި ހުރި ޑީވައިސްތައް ކަމަށް ބުނެ އެމެރިކާއިން ތަހުލީލު ކުރި ތަކެތީގެ ނަތީޖާ ހާމަކުރަމުން ވައިޓްހައުސް އިން ބުނެފައި ވަނީ، އެ ބެލޫންގައި ހުރި އެއްވެސް އާލާތަކުން ހައްސާސް މައުލޫމާތެއް ނުވަތަ ސިގްނަލެއް އެއްވެސް ތާކަށް ފޮނުވާފައި ނުވާ ކަމަށެވެ.
އެމެރިކާއިން ގަބޫލު ކުރާ ގޮތުގައި ޗައިނާއިން އުޅެނީ ގެއްލުންދެނިވި ހަތިޔާރު ރަޝިއާއަށް ފޯރުކޮށްދޭށެވެ. އެކަން ގާތުން ބައްލަވަމުން ގެންދަވާ ކަމަށް ވިދާޅުވަމުން ބްލިންކަށް ވަނީ އެއީ ސީރިއަސް މައްސަލައަކަށް ވާނެ ކަމަށާއި ދެގައުމުގެ ގުޅުމަށްވެސް ބުރޫއަރާނެ ކަމަށެވެ.
މި ކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން އެމެރިކާގެ އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓްގެ އޮފިޝަލަކު ވިދާޅުވީ ޗައިނާއިން އުޅެނީ ދެކޮޅަށް ކުޅެން ކަމަށާއި، އެއްކޮޅުން ސުލްހައިގެ ވާހަކަ ދައްކަމުން އަނެއް ކޮޅުން ރަޝިއާއަށް މަދަދުވެރި ވާން ކަމަށެވެ.
ޔޫކްރައިން ހަނގުރާމަ ފެށުމުގެ ކުރިން ރަޝިއާ އާއި ޗައިނާ ވަނީ އިމެއް ނެތް އެއްބަސް ވުމެއް ހަދާފައި ކަމަށާއި ހަނގުރާމަ އާ އެކު ހުޅަނގުން ދަތިކުރުމުގެ ފިޔަވަޅު އެޅިނަމަވެސް އެ އެއްބަސްވުމުގެ ދަށުން ޗައިނާ އާ އެކު ކުރާ ވިޔަފާރި ފުޅާ ކޮށް އިގްތިސޯދީ ގޮތުން ނުވެއްޓި ރަޝިއާ ހިފަހައްޓަމުން ގެންދާ ކަމަށެވެ.
މި މައްސަލައިގައި ބްލިންކަން ދެއްކެވި ވާހަކަތަކަށް ޗައިނާއިން ރައްދު ނުދިން ނަމަވެސް ބުނެފައި ވަނީ، ހިކުމަތްތެރި ކަމާއެކު ވިސްނާ، މަޝްވަރާއިން ހައްލު ހޯދައިގެން ހަނގުރާމަ ނިމުމަކަށް ގެނައުމަށް ހުޅަނގަށް ގޮވާލައި ކަމަށެވެ. އަދި މަޝްވަރާއިން ހަނގުރާމަ ހުއްޓެން ބައެއް މީހުން ބޭނުން ނުވާ ކަމަށާއި އަދި ހަނގުރާމަ އަވަހަށް ހުއްޓެންވެސް އެމީހުން ބޭނުން ނުވާ ކަމަށް ވޭންގް ޔީ ވިދާޅުވިއެވެ. ނަމަވެސް އެއީ ކޮން ބައެއް ކަމެއް އޭނާ ވިދާޅެއް ނުވެއެވެ.