ޖަރުމަނުވިލާތުގެ މިޔުނިކްގައި މިހާރު ކުރިއަށް ދާ ސެކިއުރިޓީ ކޮންފަރެންސްގައި އެމެރިކާގެ ނައިބު ރައީސް ކަމަލާ ހެރިސް ވިދާޅުވީ، ހަނގުރާމައިގައި ރަޝިއާއިން ހިންގާފައިވާ ޖަރީމަރާތަކާ ބެހޭ ހެކި އެބަހުރި ކަމަށާއި، ރަޝިއާއިން ވަނީ އިންސާނިއްޔަތާ ހިލާފު އަމަލުތައް ނުވަތަ ލާއިންސާނީ ޖަރީމާ ހިންގާފައި ކަމަށެވެ.

އަދި އެއީ ހުރިހާ މާނައެއްގައިވެސް ޒިންމާ ކުރުވޭނެ ކަމެއް ކަމުގައ އޭނާ ފާހަގަ ކުރެއްވިއެވެ. ގާނޫނީ ދާއިރާގެ ތަޖުރިބާވެސް ހުރި ކަމަލާ އެހެން ވިދާޅުވި ނަމަވެސް، ރަޝިއާގެ އަމަލުތައް ބެލުމަށް އެކުލަވާލައިފައި ވާ އދ ގެ ސަލާމަތީ މަޖިލީހުގެ ކޮމެޓީން އަދި ގޮތެއް ނުނިންމައެވެ. އެކޮމެޓީން ބަލާ ދިރާސާ ކުރުމަށް ފަހު، ސާބިތުވާ ވަރަށް ހެކި ހުރެއްޖެނަމަ، ދައުވާ ކުރުމަށް ބައިނަލްއަގުވާމީ ކޯޓަށް ހުށަހެޅުމުގެ ފުރުސަތު އޮންނާނެއެވެ.

ރަޝިއާއިން ޔޫކްރައިން އަށް އަރާ ފެށި ހަނގުރާމައަށް އަންނަ ހުކުރު ދުވަހު އަހަރު ވާނެއެވެ.

ބަރުހަތިޔާރާއި ދުރުރާސްތާ މިސައިލާއި ޑްރޯންގެ އިތުރުން ދެގައުމުގެ ސިފައިންގެ ކުރިމަތިލުމުގައި ދެފަރާތުންވެސް ގިނަ އަދަދެއްެ ސިފައިން ވަނީ މަރުވެފައެވެ. އުމްރާނީ ވަސީލަތްތަކާއި، އެނޫންވެސް ދާއިރާތަކަށް ދިން ހަމަލާތަކުަގއި ލިބުނު ގެއްލުން ބިލިއަނުން ބިލިއަނުން އަރައިގެން ގޮސްފައި ވާއިރު ހަނގުރާމަ އާ ހެދި ގެދޮރު ދޫކޮށް ދިޔަ މީހުންގެ އަދަދުވެސް މިލިއަނުން މައްޗައް ވަނީ އަރާފައެވެ.

މިހާރު ޖަރުމަނުގެ މިޔުނިކްގައި ކުރިއަށް ދާ ސެކިއުރިޓީ ސަމިޓުގައި ހަގުރާމައާ ގުޅިގެން ހުޅަނގަށް ދިމާވި ގޮންޖެހުންތަކާއި، ޔޫކްރައިނަށް ދޭ އެހީ ފުޅާ ކުރުމާ ގުޅެގޮތުން ހުލަނގުގެ ގައުމުގެ ވެރިން ވަނީ މަޝްވަރާ ކުރައްވާފައެވެ. އެގޮތުން ނޭޓޯގެ މެންބަރުން ކަމުގައި ހިމެނޭ ހުޅަނގުގެ ގައުމުތަކުގެ ވެރިން ވަނީ ޔޫކްރައިން މޮޅުވަންދެން އަސްކަރީ އެހީ ފޯރުކޮށްދެއްވަމުން ގެންދަވާނެ ކަމަށާއި، ހަނގުރާމައިން ޔޫކްރައިން މޮޅުވުން ނޫން ގޮތެއް ނެތް ކަމަށް ވިދާޅުވެފައެވެ. އަދި ޔޫކްރައިންނަށް ބަރުހަތިޔާރާއި ދުރުރާސްތާ މިސައިލާއި، ތަމްރީނާއި މާލީ އެހީ ދާއިމީ ގޮތެއްގައ ފޯރުކޮށްދެވޭނެ ގޮތްތައް ނުވަތަ އިސްތިތާޖުތައް ކަނޑައަޅާ އެ މަގަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށްވެސް ވިދާޅުވިއެވެ.

ޔޫކްރައިން އިން ތުހުމަތު ކުރާ ގޮތުގައި، ހަނގުރާމައަށް އަހަރު ފުރޭއިރު ރަޝިއާއިން ވަރުގަދަ އާ ހަމަލާތަކެއް ދޭނެއެވެ. އޭގެ ކުރިން ހުޅަނގުގެ ހަތިޔާރު ބޭނުންވާ ކަމަށް ޔޫކްރައިނުން ތަކުރާރުކޮށް ބުނަމުން ދާއިރު، އެންމެ ފުރަތަމަ ފޮނުވާ ޖަރުމަނުގެ ޓޭންކްތައް ފެށޭ ހަފްތާގައި ޔޫކްރައިނަށް ވަންނާނެ ކަމަށް މުރާސިލުން ލަފާ ކުރެއެވެ.