އެސްޓީއޯ އިން ލިޓްލް ވޮންޑާސްގެ ނަމުގައި ޑޭކެއާ އެސިސްޓެންޓް ޕްރޮގްރާމެއް ފަށަފިއެވެ.

މި ޕްރޮގްރާމަކީ އެސްޓީއޯގެ މުވައްޒަފުންނަށް އިޖުތިމާއީ ދިރިއުޅުމުގައި އަދި މަސައްކަތުގެ މާހައުލުގައި އެހީތެރިކަން ފޯރުކޮއްދިނުމުގެ ގޮތުން ފެށި ޑޭކެއާ އެސިސްޓެންޓް ޕްރޮގްރާމެއް ކަމަށް އެ ކުންފުނިން ބުނެއެވެ.

މި ޕްރޮގްރާމްގެ އެންމެ ބޮޑު އެއް އަމާޒަކީ މުވައްޒަފުންގެ މަސައްކަތާއި ދިރިއުޅުމުގެ ބެލެންސަށް އެހީތެރިވެދިނުމުގެ އިތުރުން ދުޅަހެޔޮ ދިރިއުޅުމުގެ ވައްޓަފާޅިއެއް ބިނާކުރުމަށް އެހީތެރިވެދިނުން ކަމަށް ވެސް ބުނެއެވެ.

މި ޕްރޮގްރާމް ފައްޓަވައިދެއްވާފައި ވަނީ މެނޭޖިން ޑިރެކްޓަރު ހުސައިން އަމުރާއި ޖެނެރަލް މެނޭޖާ އޮފް ޕީޕަލްސް އޮޕޮރޭޝަންސް މަރިޔަމް ނުޒުލާއެވެ.

މި ޕްރޮގްރާމްގައި އެސްޓީއޯގެ ކޮންމެ މުވައްޒަފަކަށްވެސް ބައިވެރިވެވޭއިރު މި ޕްރޮގްރާމްގެ ދަށުން އެސްޓީއޯއިން 8 އަހަރުން ދަށުގެ ކޮންމެ ކުއްޖަކަށް ރަޖިސްޓްރީކޮށްފައިވާ ޑޭކެއާ ފެސިލިޓީއެއްގައި ބައިވެރިވުމަށް ކޮންމެ މަހަކު 2،500 ރުފިޔާ ހަމައަށް އެހީތެރިވެ ދޭނެއެވެ. އަދި މި ޕްރޮގްރާމްގެ ދަށުން އެ މުވައްޒަފަކު ބޭނުންވާ، އިތުބާރު ކުރެވޭ ފެސިލިޓީއެއްގައި އެސްޓީއޯ މެދުވެރިކޮށް ރަޖިސްޓްރީވުމުގެ އިހްތިޔާރު ލިބޭނެއެވެ.

އެސްޓީއޯއިން އަންނަނީ އަބަދުވެސް މަސައްކަތުގެ މާހައުލުގައި މުވައްޒަފުންނަށް ދިމާވާ ތަފާތު މައްސަލަތަށް ދެނެގަތުމަށް ސާވޭތައް ހަދަމުންނެވެ. މިގޮތުން ޑޭކެއާ ހިދުމަތާއި ބޭނުން ދެނެގަތުމުގެ މަސައްކަތްތަށް ކުރިއަށް ގެންދާތާ އަހަރެއް ފުރިހަމަވެފައި ވާއިރު އެ ކުންފުނީގެ އުންމީދަކީ ލިޓްލް ވޮންޑާސް ޕްރޮގްރާމާ އެކު ކުޑަކުދިންނަށް ހާއްސަ ފެންވަރު ރަނގަޅު މާހައުލެއްގައި ކުދިންގެ އިޖުތިމާއީ ހުނަރާއި އިލްމު ބިނާކުރުމަށް ހާއްސަކޮށްފައިވާ ޕްރޮގްރާމްތަކާއެކު ކުދިންނަށް ހާއްސް ހިދުމަތްތަކެއް ފޯރުކޮށްދިނުމެވެ.

އެސްޓީއޯ އިން އިތުރަށް ބުނީ އެ ކުންފުނި ތަރައްގީ ކުރުމުގައި ދެޖިންސުގެ މީހުން ވެސް މުހިއްމު ދައުރެއް އަދާކުރާ ކަމަށާއި މަސައްކަތްކުރާ ބެލެނިވެރިން އެވްރެޖްކޮށް ދުވާލަކު 8 ގަޑިއިރު މަސައްކަތުގައި ހޭދަކުރާއިރު ކުޑަކުދިން ބަލަހައްޓައިދިނުމަކީ އަބަދުވެސް މަސައްކަތްކުރާ ބެލެނިވެރިންގެ ވަރަށް ބޮޑު އެދުމެއް ކަމަށެވެ.