ސިނާއީ ބޭނުމަށް ތިލަފުށި ފޭސް 2 އިން ބީލަމުގައި ބިން ވިއްކަން ހުޅުވާލި އުސޫލާ ގުޅިގެން ވިޔަފާރިވެރިންގެ ކަންބޮޑުވުންތައް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އާ ހިއްސާކޮށްފިއެވެ.

ތިލަފުށިން ދިގު މުއްދަތަކަށް ބިން ކުއްޔަށް ދޫކުރުމާ ގުޅޭ ގޮތުން ދިވެހި ވިޔަފާރިވެރިންގެ ފަރާތުން ދައުލަތުގެ ކަމާބެހޭ އިދާރާތަކުގެ އިތުރުން ރައީސް ސޯލިހާ ބައްދަލުކޮށް މަޝްވަރާ ކުރުމަށް ނިންމީ މި މަހުގެ 11 ވަނަ ދުވަހު ވިޔަފާރިވެރިން ބޭއްވި ބައްދަލުވުމެއްގައެވެ.

މި ގޮތުން ދިވެހި ބައެއް ވިޔަފާރިވެރިންވަނީ ތިލަފުށި ދެވަނަ ފިޔަވަހިން ސިނާއީ ބޭނުންތަކަށް ބީލަމުގެ އުސޫލުން ބޭރު މީހުންނަށް ބިން ވިއްކަން ހުޅުވާލުމާ ގުޅިގެން ރައީސް ސޯލިހް އާ ބައްދަލުކުރައްވާފައެވެ. ދަ ހޯކްސް ކުންފުންޏާ، ސޮނީ ހާޑްވެއާ އަދި ސަން ފްރޮންޓްގެ އިތުރުން އެލިއާގެ ވެރިން ބައިވެރިވި މި ބައްދަލުވުމުގައި ވިޔަފާރިވެރިންގެ އިސް ބޭފުޅަކަށް ހުންނެވީ މަސީގެ ރައީސް މުހައްމަދު އަލީ ޖަނާހުއެވެ.

މި ބައްދަލުކުރެއްވުމުގައި ވިޔަފާރިވެރިން ވަނީ ބޭރުގެ ފަރާތްތަކަށް 99 އަހަރަށް ތިލަފުށިން ބިން ދޫކުރަން ނިންމާފައިވާ ނިންމުމާ ގުޅިގެން ކަންބޮޑުވުންފާޅުކޮށްފައެވެ. މި ގޮތުން ވިޔަފާރިވެރިން ބުނީ އެގޮތަށް ބިން ދޫކުރާނަމަ ދިވެހި ވިޔަފާރިތަކަށް އޮތް ފުރުސަތު ވަރަށް ބޮޑަށް ހަނިވެގެން ދާނެކަމަށެވެ.

ސިނާއީ ބޭނުމަށް ތިލަފުށި ފޭސް 2 އިން ބީލަމުގައި ބިން ވިއްކަން ނިންމާފައިވާ ކަމަށް ބުނެ އެޗްޑީސީން ވަނީ އިއުލާންކޮށްފައެވެ. އަދި މި އިއުލާނުގައި ބަޔާން ކޮށްފައި އުސޫލުތަކުގައި ބުނާ ގޮތުގައި، އަމިއްލަ ފަރުދެއް ނުވަތަ ކުންފުންޏެއްގެ ފަރާތުން ބީލަން ހުށަހެޅޭނެ ކަމަށާއި އެ ގޮތުން އެ ބީލަމުގައި ދިވެހިން އަދި ބޭރުގެ ފަރާތްތަކަށް ވެސް ބައިވެރިވެވޭނެއެވެ.

މި އިއުލާނުގައިވާ ގޮތުން ބީލަން ކާމިޔާބު ކުރާ ފަރާތަކީ ދިވެހި ފަރުދެއް ނުވަތަ ދިވެހި ކުންފުންޏެއް ނަމަ ބިން މިލްކުވާނެ ކަމަށާއި ބީލަން ކާމިޔާބު ކުރާ ފަރާތަކީ ބޭރުގެ ފަރުދެއް ނުވަތަ ބޭރުގެ ކުންފުންޏެއް ނަމަ 99 އަހަރަށް ބިން ކުއްޔަށް ދިނުމަށް ވަނީ ނިންމާފައެވެ.