އަމީނީ މަގު ރަނގަޅު ފެންވަރަކަށް ތަރައްގީ ކުރުމަށް ކުރިއަށް ގެންދާ ޕްރޮޖެކްޓްގެ ދަށުން، ތާރު އެޅުމުގެ މަސައްކަތް އެންމެ ރެއަކުން ސްޓެލްކޯއާ ހަމައަށް ނިންމާލައިފިއެވެ.
ރޭ 8:30 ގައި ހާއްސަ ރަސްމިއްޔާތަކާއެކު ފެށި މި މަސައްކަތް ޝެޑިއުލާއި އެއްގޮތަށް ނިންމާލާފައި ވަނީ ތިން ސެގަމެންޓަކަށް ބަހާލައިގެންނެވެ. އެގޮތުން އަމީނީ މަގުގެ ސެގްމެން 1، 2، އަދި 3 ގައި ސަބްގްރޭޑް އަދި ޢޭބީސީ ފަށަލަ އެޅުމުގެ މަސައްކަތާއި ޕްރައިމް ކޯޓް އެޅުމުގެ މަސައްކަތް ތާރު އެޅުމުގެ ކުރިން ވަނީ ނިންމާފައެވެ.
އެ މަޝްރޫއުގެ ދަށުން 2،511 އަކަ މީޓަރުގެ ސަރަޙައްދެއްގައި ސަބްގްރޭޑް، އޭބީސީ އަދި ތާރު އެޅުން ހިމެނޭ ކަމަށްއެމްޓީސީސީއިން ވަނީ ބުނެފައެވެ. ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) އާ ހަވާލުކޮށްގެން ހަދަމުން ދިޔަ އަމީނީ މަގުގެ މަސައްކަތް ދިގުލައި ތާރު ނާޅާ މައްސަލައިގައި ސަރުކާރަށް ބޮޑެތި ފާޑުކިޔުން އަމާޒުވެފައިވަނިކޮށް އެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައި ވަނީ މިދިޔަ ހުކުރު ދުވަހުއެވެ.
އާރްޑީސީ އިން މި މަސައްކަތް އެމްޓީސީސީ އާ ހަވާލުކުރީ އާރުޑީސީގެ ތާރު މެޝިން ބަހައްޓާނެ ބިމެއް އަދި ކަނޑައެޅިފައި ނުވާތީ ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެއެވެ. އަދި ބިން ހަމަޖެހުނުހާ އަވަހަކަށް އާރްޑީސީގެ ތާރު މެޝިން ބަހައްޓައި، އަމީނީމަގުގެ ދެން އޮތް ބައިގައި ތާރު އެޅުމުގެ މަސައްކަތް ކުރާނީ އާރުޑީސީން ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ. 84,000,000 ރުފިޔާގެ މި ބޮޑު މަޝްރޫއުގެ މަސައްކަތް ނިންމުމަށް 210 ދުވަހުގެ މުހުލަތެއް ދެވިފައިވެއެވެ.
މަޝްރޫއު ނިމޭއިރު މުޅި އަމީނީ މަގުގެ 1.7 ކިލޯ މީޓަރުގައި ތާރުއަޅާނެއެވެ. އަދި މަގުގައި ފެން ހިންދާ ނިޒާމު ގާއިމުކުރުމުގެ އިތުރުން މަގު ބައްތި ޖެހުމުގެ މަސައްކަތް ކުރާނެއެވެ.
13 ސެގްމެންޓަކަށް ބަހާލައިގެން މަސައްކަތްތައް ކުރިއަށްގެންދާ އަމީނީ މަަގުގެ މަސައްކަތް ކުރިން ނިންމުމަށް ކަނޑައަޅާފައި އޮތް ތާރީހަކީ ފެބްރުއަރީ މަސްތެރޭގައެވެ. ނަމަވެސް މަސައްކަތް ލަސްވެ މަސައްކަތް ނިންމޭނީ އަންނަ ސެޕްޓެމްބަރު މަހުގެ 27 ދުވަހަށް ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވިއެވެ.
މީގެ އިތުރުން، އެ މަގު ހެދުމުގެ އެންމެ ބޮޑު ގޮންޖެހުމަކީ މަގަށް ބޭނުންވާ ހޮޅިތައް އެމްޑަބްލިއުއެސްސީ އިން ފޯރުކޮށް ނުދެވުން ކަމަށް އަސްލަމް ވިދާޅުވެފައި ވާއިރު އެކުންފުނިން ބުނެފައި ވަނީ އެދޭ މިންވަރަކަށް އެހީތެރިކަން ފޯރުކޮށްދެމުން ގެންދާ ކަމަށެވެ.
އެއް ދުވަހުން ނިމޭކަމެއް... ކޭވެގެން 4 އަހަރު ނެގީ؟