މާލޭގެ މިސްކިތްތަކުގެ ހުރުމަތް ކެނޑޭ ފަދަ ބޭއަދަބީ އަމަލުތައް ހިންގުން މަދުވީ މާލޭ ސިޓީ ކައުންސިލްގެ ބުރަ މަސައްކަތުން ކަމަށް މޭޔަރު ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެފަދަ މައްސަލަތަކުގެ ރިޕޯޓު މިހާރު ނުލިބޭނެ ކަމަށާއި، މައްސަލަތައް މަދުކަމަށް ފާހަގަކުރައްވައި އިތުރަށް ވިދާޅުވީ، ބޭއަދަބީ ކަންކަން ހިނގުން މަދުވެފައި ވަނީ މާލޭގެ ހުރިހާ މިސްކިތެއްގައި ސީސީޓީވީ ކެމެރާ ހަރުކޮށް 24 ގަޑިއިރު ބަލަހައްޓަމުން ދާތީ ކަމަށެވެ. އަދި މައްސަލައެއްގެ ރިޕޯޓެއް ލިބިއްޖެނަމަ، މާލެ ސިޓީ ކައުންސިލްގެ ޕޮލިސް ކޮންސްޓްބިއުލަރީގެ ފަރާތުން ވަގުތުން ފިޔަވަޅު އަޅާ މައްސަލަތައް ހައްލު ކުރަމުންދާ ކަމަށް ވިދާޅުވިއެވެ.

މުޅި މާލެ ސިޓީގެ މިސްކިތްތައް ސީސީޓީވީ ކެމެރާތަކަކުން ގުޅާލުމުގެ މަޝްރޫއު ކުރިއަށް ގެންދިޔައީ ޖުލައި 19، 2022 ގައެވެ. މި މަޝްރޫއުގެ ދަށުން މިސްކިތްތަކުގެ އިތުރުން ޕާކު ތަކުގައި ކެމެރާ ހަރުކޮށް ގަވާއިދުން މޮނިޓަ ކުރަމުންދާ ކަމަށް މޭޔަރު ވިދާޅުވިއެވެ. މި މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ ދަށުން މާލޭގެ ދެކުނު ބަނދަރުގައި ހުރި މޭރީ ބްރައުން ރެސްޓޯރެންޓުން ފެށިގެން ސްޓެލްކޯ ޕަމްޕް ސްޓޭޝަންތަކާ ހަމަޔަށް 15 ސީސީޓީވީ ކެމެރާ ހަރުކޮށްފައި ވެއެވެ.

ސީސީޓީވީ ކެމެރާ ބޭނުންކޮށްގެން މާލޭގެ މިސްކިތްތައް ބެލެހެއްޓުމަކީ، ހަތަރުވަނަ ދައުރުގެ ކައުންސިލުން ކުރިއަށްއޮތް ފަސް އަހަރަށް އެކުލަވާލި ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައި ހިމަނާފައިވާ އެއް އަމާޒުކަން ފާހަގަ ކޮށްލެވެއެވެ.

މާލޭގެ މިސްކިތްތަކުގައި ނިދުމާއި، މަސްތުވާތަކެތި ބޭނުން ކުރުން ފަދަ ނޭދެވޭ އެކިއެކި އަމަލުތައް ހިންގުމަކީ ފަހަކަށް އައިސް ވަރަށް އާންމުވެފައިވާ ކަންކަމެވެ. އަދި މިސްކިތަށް ކުޑަކަމުގޮސްގެން މިދިޔަ އަހަރު ވަނީ މީހަކު ހައްޔަރުކޮށް ފަހުން ދޫކޮށްލާފައެވެ.