ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ހުޅުމާލޭ ފޭސް 2 ގައި ޝޮޕިންމޯލް އެއް އަޅަން ތައްޔާރުވަމުން އަންނަ ކަމަށް އެ ކުންފުނީގެ އެމްޑީ ހުސައިން އަމްރު ވިދާޅުވެއްޖެއެވެ.
ހުޅުމާލެ ފޭސް 2 ގައި މީހުން އާބާދުވާން ފެށުމާއެކު އެކި ބާވަތް ބާވަތުގެ ތަކެތި ވިއްކާ ފިހާރަތައް ދަނީ ހުޅުވަމުންނެވެ. އެހެންނަމަވެސް އެތަން ތަނުން ބޭނުންވާ ގިނަ އަދަދެއްގެ ތަކެތި ނުލިބުމާއި ތަކެތީގެ އަގު ބޮޑުވުމުގެ ޝަކުވާ އާންމުންގެ ގިނަ ބަޔަކު ކުރެއެވެ.
އަމްރު އެފަދައިން ވިދާޅުވެފައިވަނީ ވެސް ތަކެތީގެ އަގު ބޮޑު ކަމަށް ބުނެ އާންމުންގެ މީހަކު އެދުނު އެދުމަކަށް ޖަވާބު ދެއްވަމުންނެވެ. އެ މީހާ ވަނީ ފޭސް 2 ގައި ފިހާރައެއް ހުޅުވައިދޭން ވެއްޖެ ކަމަށާއި އެތާ ހުންނަ ވިލާ މާޓާއި އެހެން ފިހާރަތަކުން ތަކެތީގެ އަގު އިންތިހާއަށަ ބޮޑު ކަމަށް ބުނެފައެވެ.
އެސްޓީއޯގެ މޯލްތަކާއި އެކި އެކި ފިހާރަތައް މާލެއާއި ހުޅުމާލޭގައި ވެސް ހުރިއިރު ކޭޝިއަރެއް އަދި ސޭލްސް މީހެއް ނެތި ވިޔަފާރި ކުރެވޭ ފިހާރަ އަންނަ މަހުގެ ތެރޭގައި ހުޅުވާނެ ކަމަށް އަމްރު ވަނީ ވިދާޅުވެފައެވެ.
އެސްޓީއޯ އިން ރާއްޖެއަށް މުޅިން އަލަށް ތައާރަފް ކުރާ އެ ފިހާރަ އަކީ ރާއްޖެއަށް އާ ޓެކްނޮލޮޖީ ތައާރަފް ކުރުމާއި އާ ޓެކްނޮލޮޖީއަށް އިންވެސްޓް ކުރުމަށް ކުރިއަށް ގެންދާ މަސައްކަތްތަކުގެ ތެރެއިން މުހިއްމު އެއް މަސައްކަތް ކަމުގައި މީގެ ކުރިން އަމްރު ވަނީ ވިދާޅުވެފައެވެ. އެގޮތުން އެ ޓެކްނޮލަޖީއާއެކު ފިހާރައިގައި ކަސްޓަމަރުން ހޭދަކުރަން ޖެހޭ ވަގުތު ކުޑަވެގެން ދާނެ ކަމަށާއި ފައިސާގެ މުއާމަލާތްތައް ކުރުމުގައި ވެސް އެތައް ގޮތަކުން ކަސްޓަމަރުންނަށް ފަސޭހަވެގެން ދާނެ ކަމަށް އެސްޓީއޯ އިން ބުނެއެވެ.
އެ ފިހާރައިން ވިޔަފާރީގެ މުއާމަލާތް ކުރެވޭނީ މޯބައިލް އެޕްލިކޭޝަނެއް މެދުވެރިކޮށެވެ. އެ އެފްލިކޭޝަންގައި ބޭންކު ކާޑު ރަޖިސްޓްރީ ކުރުމަށް ފަހު ލޮގިންވުމުން ފިހާރައިން ވިޔަފާރި ކުރެވޭނެއެވެ.