ޖުމްހޫރީ ޕާޓީގެ ގޮފިތަކުގެ ތެރެއިން އެތެރޭގެ އިންތިހާބު މިހާތަނަށް ބޭއްވިފައި ނުވާ ގޮފިތަކުގައި އިންތިހާބު ބާއްވައި، ހުށަހަޅަން ޖެހޭ އެންމެ ފަހު ދުވަހަކީ އަންނަ ބުދަ ދުވަސް ކަމަށް، އެ ޕާޓީން ބުނެފިއެވެ.

ސަރުކާރު ކޯލިޝަންގެ އެއް ޕާޓްނަރު ޖުމްހޫރީ ޕާޓީން މި މަހުގެ 23 އިން 26 އަށް ބާއްވާ އެ ޕާޓީގެ ހަތަރުވަނަ ކޮންފަރެންސްގައި މުހިންމު ނިންމުންތަކެއް ނިންމާނެ ކަމަށް، އެ ޕާޓީން ބުނެފައިވެއެވެ.

އިއްޔެ ކުރި އިއުލާނެއްގައި ޖުމްހޫރީ ޕާޓީން ބުނީ، އެ ޕާޓީގެ ކޮންފަރެންސްގައި ބައިވެރިވުމަށްޓަކައި، ރަށްރަށާއި ސިޓީތަކުގައި ހަދާފައިވާ އެ ޕާޓީގެ ގޮފިތަކުގެ ތެރެއިން އިންތިހާބު ބޭއްވިފައި ނުވާ ހުރިހާ ގޮތްޕެއްގެ އިންތިހާބުތައް ބާއްވައި، މައި އޮފީހަށް އަންނަ ބުދަ ދުވަހުގެ މެންދުރު 12 ގެ ކުރިން ހުށަހަޅަން ޖެހޭނެ ކަމަށެވެ.

އެ ނިންމުން ނިންމާފައި ވަނީ ޕާޓީގެ އިލެކްޝަން ކޮމިޓީގެ ލަފާގެ މަތިން ކަމަށް، ބުނެފައި ވެއެވެ.

އެކަމާ ގުޅޭ އިތުރު މައުލޫމާތު ސާފުކުރަން ބޭނުން ނަމަ، ރަސްމީ ދުވަސްތަކުގައި ހެނދުނު 9 އިން ހަވީރު 5 އަށް، 7478414 އަށް ގުޅުމަށް، ނުވަތަ ވައިބާ އާއި ވަޓްސްއަޕުން މެސެޖުކުރުމަށް، ނުވަތަ އީމެއިލް ކުރުމަށް، ނުވަތަ މައި އޮފީހަށް ހާޑުކޮޕީ ހުށަހަޅަން ޖުމްހޫރީ ޕާޓީން ވަނީ އެދިފައެވެ.

އެ ޕާޓީގެ މި މުހިންމު ކޮންފަރެންސްގައި ރިޔާސީ އިންތިހާބުގައި ވާދަކުރާނީ ކޯލިޝަނަކާ އެކުތޯ، ނުވަތަ ވަކިންތޯ ނިންމާނެއެވެ. ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް މީގެ ކުރިން ވިދާޅުވި ގޮތުގައި، އެ ޕާޓީން ރިޔާސީ އިންތިހާބުގައި ކެންޑިޑޭޓެއް ނެރޭނެއެވެ.