ހުސްފި ހަފްތާގައި އެމެރިކާ މަތިން ފެނުނު އާދަޔާ ހިލާފު ބޮޑު ބެލޫނާއި އެފެދަ އެހެން ބެލޫންތައް އެރުވިކަން ޗައިނާގެ ރައީސް ޝީ ޖިންގް ޕިން އަށް އެނގިވަޑައިނުގަންނަވާ ކަމަށް އެމެރިކާއިން ބުނެފިއެވެ.

އެމެރިކާއިން މިވާހަކަތައް ހާމަ ކުރީ، ބެލޫންގެ މައްސަލައިގައި އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރުންނަށް ތަފްސީލުތައް ދެމުންނެވެ. އެ ގައުމުގެ އޮފިޝަލުން ވިދާޅުވީ، ޝީ އަކީ، ވެރިކަމުގެ ހުރިހާ ބާރުތަކެއް މުށުތެރޭގައި ބާއްވަން ބޭނުންފުޅުވާ ބޭފުޅެއް ނަމަވެސް، މި އެރުވި ބެލޫންތަކާ ގުޅޭ ފުރިހަމަ މައުލޫމާތު ޝީއަށް ލިބިވަޑައިގެންފައި ނުވާ ކަމަށެވެ. އަދި އެއީ ޝީ އަށް އެކަން އެނގިވަޑައިގަތުމުން ދިމާވާ މައްސަލައަށް ވުރެ ބޮޑު މައްސަލައެއް ކަމަށާއި އެކަމުން ދޭހަވަނީ، ވެރިކަމުގެ ނިޒާމުގެ ތެރޭގައި ގުޅުން ކުޑަކަން ކަމަށާއި، ޝީ އަށް އެނގިވަޑައިނުގެން އެހެން ފަރާތްތަކަކުން ކަންތައްތަކެއް ކުރަމުން ދާ ކެމެވެ.

އެމެރިކާ މަތިން ފެނުނު ވައްތަރުގެ އެތައް ބައިވަރު ބެލޫނެއް ޖައްވުގެ ތެރެއަށް ޗައިނާއިން ދޫކުރި ކަމަށާއި 5 ބައްރެއްގައި ހިމެނޭ 40 ގައުމެއްގެ މަތިން އެ ބެލޫންތައް ދަތުރު ކޮށްފައި ވާ ކަަމަށް ވެސް އެމެރިކާއިން ބުނެއެވެ. ނަމަވެސް މި އަދަދުތަކާ ގުޅޭ ގޮތުން ޗައިނާއިން އެއްވެސް އެއްޗެއް އަދި ބުނެފައި ނުވާ އިރު އެމެރިކާއިން އިތުރަށް ބުނީ، އެ ބެލޫންތަކަކީ، ފާރަލުމުގެ ބޭނުމުގައި އެރުވި އެއްޗެހިތަކެއް ކަމަށެވެ.

ޗައިނާއިން އެތުހުމަތު ދޮގުކޮށް ބުނީ، އެއީ މޫސުމީ ދިރާސާ ކުރުމަށް އަމިއްލަ ކުންފުންޏަކުން އުދުއްސި އެއާޝިޕް ކަމަށެވެ. އިތުރު ތަފްސީލެއް އަދާ ހަމައަށްވެސް ހާމަ ކޮށްފައި ނުވާ އިރު، ޝީ އަށް ފުރިހަމަ މައުލޫމަތު ލިބިވަޑައިގެންފައި ނުވާކަމަށް އެމެރިކާއިން ގަބޫލު ކުރާ ހުއްޖަތްތަކެއް ވެސް އެބަހުއްޓެވެ. އޭގެ ތެރެއިން އެއް ކަމަކީ އެ ބެލޫން ފެނުނު ވަގުތަކީ އެމެރިކާގެ ހާރިޖީ ވަޒީރު ޗައިނާއަށް ދަތުރެއް ކުރެއްވުމަށް ހަމަޖެހިފައި އޮތް ވަގުތަކަށް ވުމުން، އެފަދަ މައްސަލައަކާ ހުރެ ދެގައުމުގެ ދެމެދުގައި ނުތަނަވަސްކަން އުފެދެން ޝީ ބޭނުންފުޅުނުވުމާއި، މުޅި ދުނިޔޭގައި ޗައިނާ އާ ދެކޮޅަށް ޕްރޮޕެގެންޑާ ފަތުރަމުން ދަނިކޮށް އެތައް ގައުމެއްގެ މަތިން ބެލޫން ފެނި، އެ ގައުމުތަކުން ޗައިނާ ދެކެ ރުޅި އަންނަން ބޭނުން ނުވުން ހިމެނެއެވެ.

ނަމަވެސް މި ބެލޫން މައްސަލާގައި އެމެރިކާ އާއި ޗައިނާ އާ ދެމެދު މިހާރު ވަނީ ނުތަނަވަސްކަން ބޮޑުވެ، ކުރިން ސުރެ އޮންނަ ވާދަވެރިކަމުގެ މައްޗަށް އިތުރަށް ހިޔަނި އެޅިފައެވެ. އެމެރިކާއިން ބުނާ ގޮތުގައި، އެގައުމާ ވާދަ ކުރެވޭނެ ހަމައެކަނި ގައުމަކީ ޗައިނާއެވެ. އެހެން ކަމުން، އަސްކަރީ ގޮތުންނާއި، ޓެކްނޮލޮޖީއާއި، ދޭދޭ ގައުމުތަކުގެ ސިޔާސަތުތަކާ ކުޅެ އެމެރިކާއިން ގެންދަނީ ޗައިނާ ބަލި ކުރެވޭނެ ހުރިހާ މަސައްކަތެއް ކުރަމުންނެވެ. މިފަދަ ވަގުތެއްގައި މިކަން ދިމާވުމުން އެމެރިކާއިން ދެން އަޅާނެ ފިޔަވަޅުތަކެއް އަދި ސާފެއް ނުވެއެވެ.