ރަޝިއާއިން ޔޫރަޕަށް ގޭހައި ތެޔޮ ފޯރުކޮށްދިނުމަށް އެގައުމުގެ ޕީޓާސްބާގުން ޖަރުމަނަށް އަޅާފައި އޮތް ކަނޑުއަޑީގެ 2 ހޮޅި ގޮއްވާލީ އެމެރިކާއިން ކަމަށް އެގައުމުގެ ނޫސްވެރިއަކު ތުހުމަތު ކޮށްފިއެވެ.

އެމެރިކާގައި އިތުބާރުހިފޭ ނޫސްވެރިއެއް ކަމަށް ވާ ސޭމޯރް ހާޝްގެ ތުހުމަތަކީ، އެ 2 ހޮޅި ގޮއްވާލުމުގައި އެމެރިކާގެ އަސްކަރިއްޔާ ބައިވެރިވާ ކަމަށް ކުރާ ތުހުމަތެކެވެ. އޭނާ އެ ތުހުމަތުތައް މީޑިއާގައި ހިއްސާ ކުރަމުން ބުނެފައި ވަނީ، އެމެރިކާގެ ތަޖުރިބާ ކާރު ޑައިވަރުންގެ ޓީމަކުން ސީ4 މަރުކާގެ ގޮވާ އާލާތް ބޭނުން ކޮށްގެން މިދިޔަ އަހަރުގެ ޖޫން މަހު ކަނޑުއަޑީގެ ތަމްރީނުތަކެއް ހެދި ކަމަށާއި އެ ތަމްރީނުތަކަށް ފަހު، އޭގެ 3 މަސް ފަހުން ރިމޯޓް ބޭނުން ކޮށްގެން އެ ޑީވައިސް ގޮއްވާލި ކަމަށެވެ.

ނަން ހާމަ ނުކުރާ އޮފިޝަލަކާ ހަވާލާދީ އޭނާ އެވާހަކަތައް ތިލަ ކުރަމުން އިތުރަށް ބުނެފައި ވަނީ، ރަޝިއާއިން ޔޫރަޕަށް އަޅާފައި އޮތް ދެ ހޮޅިއަކީ، ރަޝިއާގެ ރައީސް ވްލަޑިމިއާ ޕުޓިންގެ ބާރާއި ނުފޫޒު ގަދަކުރުމަށާއި ސިޔާސީ ގޮތުން ބާރުވެރިވާން ބޭނުން ކުރާ ވަސީލަތެއް ކަމުގައި އެމެރިކާގެ ރައީސް ޖޯ ބައިޑަން ދެކެވަޑައިގެންނެވި ކަމަށެވެ.

ޕްލިޒާ އިނާމުވެސް ހާސިލު ކޮށްފައި ވާ ނޫސްވެރިޔާ އެވާހަތައް ތިލަ ކުރުމާއެކު، ރަޝިއާއިން ވަނީ އެ ސުވާލުތަކަށް ޖަވާބު ދިނުމަށް އެމެރިކާއަށް ގޮވާލާފައެވެ.

ބޯލްޓިކް ކަނޑުގެ އަޑިން ޖަރުމަނާ ހަމައަށް އަޅާފައި އޮންނަ 2 ހޮޅި މިދިޔަ އަހަރުގެ ސެޕްޓެމްބަރުގައި ގޮއްވާލި މައްސަލައިގައި ރަޝިއާއިން އެ ތުހުމަތުތައް ފުރަތަމަ އެޅުވީ ނޭޓޯގެ ބޮލުގައެވެ. ނަމަވެސް އޭރުވެސް ރަޝިއާއަށް ސާބިތު ހެއްކެއް ދެއްކިފައެއް ނުވެއެވެ.

1969 ގައި އެމެރިކާއިން ވިއެޓްނާމްގައި ހިންގި ގަތުލުއާންމާ ގުޅޭ ތަހުގީގު ރިޕޯޓާއި އިރާގު ހަނގުރާމައިގައި އެމެރިކާއިން ހައްޔަރު ކޮށް އަބޫ ގުރައިބު ޖަލުގައި ލާއިންސާނީ އަނިޔާ ދިން ވާހަކަވެސް ތިލަކުރި ނޫސްވެރިޔާގެ މި ވާހަކަތައް ދޮގުކޮށް އެމެރިކާއިން ބުނީ، އެއީ ހުސް ދޮގުކަމަށާއި މުޅިން ހިޔާލީ ވާހަކަތަކެއް ކަމަށެވެ.

ބޯލްޓިކް ގައުމުތައް ކަމަށް ވާ ސްވިޑަން އާއި ޑެންމާކްގެ އީއީޒެޑް (ހާއްސަ އިގްތިސޯދީ ސަރަހައްދު) އިން އެ ހޮޅި ގޮވި މައްސަލައިގައި ނޭޓޯ އާއި އެމެރިކާއިން އޭރު ބުނެފައި ވަނީ އެއީ ގަސްތުގައި ކުރި ކަމެއް ކަމަށާއި ތުހުމަތުތައް އަމާޒު ކުރީ ރަޝިއާ އަށެވެ.

ނޯޑް ޕައިޕްލައިން އަކީ، ރަޝިއާއިން ބޭރުކުރާ ތެލާއި ގޭސް، ހެޔޮ އަގުގައި ފަސޭހަކަމާއެކު ޔޫރަޕަށް ފޮނުވުމަށް އަޅާފައި އޮންނަ 2 ހޮޅިއެވެ. ޔޫކްރައިން ހަނގުރާމަ ފެށުމުގެ ކުރިން މިތަނުން 1 ހޮޅި ބޭނުން ކުރަމުން ދިޔަ ނަމަވެސް ދެވަނަ ހޮޅި 2021 ގެ ސެޕްޓެމްބަރުގައި ނިންމާ ހުޅުވާނުލެވި އުޅެނިކޮށް ރަޝިއާއިން ޔޫކްރައިން އަށް އެރުމާއެކު، އެ ހޮޅީގެ ހިދުމަތް ފެށުމަށް ޖަރުމަނުން ދޭން ޖެހޭ ހުއްދަ އޮތީ ނުދީއެވެ. އެހެން އޮއްވާ 2 ހޮޅި ގޮއްވާލުމާއެކު، ރަޝިއާގެ ތެލާއި ގޭސް ޔޫޕަރަށް މިހާރު ފޮނުވަނީ ޔޫރަޕްގެ ގަމުތަކުން ކަނޑައެޅި ކުޑަ އަގުގައި ކަނޑުމަގުންނެވެ.