މިދިޔަ ހޯމަ ދުވަހުގެ ފަތިހަށް އަލިވެލެން ދަނިކޮށް ތުރުކީއަށް އައި ބާރުގަދަ ބިންހެލުމުގެ ސަބަބުން ތުރުކީގައި ތިބި އެއްވެސް ދިވެއްސަކަށް ގެއްލުމެއް ނުވާ ކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.
މިނިސްޓްރީން ބުނީ، ތުރުކީވިލާތަށް އައި ބިންހެލުމާ ގުޅިގެން ތުރުކީގައި ތިބި ދިވެހިންގެ ހާލު މިނިސްޓްރީން ވަރަށް ގާތުން ބަލަމުންދާ ކަމަށެވެ.
އެގޮތުން ތުރުކީގައި ތިބި ދިވެހިންގެ ތެރެއިން މިނިސްޓްރީ އާއި ޖެނީވާގައި ހުންނަ އ.ދ.ގެ އޮފީސްތަކަށް ކަނޑައަޅާފައި ހުންނަ ރާއްޖޭގެ ދާއިމީ މިޝަނުގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކާ ގުޅާ ހާލު އޮޅުން ފިލުވާފައިވާނެ ކަމަށް މިނިސްޓްރީން ބުނެއެވެ.
މިނިސްޓްރީން ބުނީ، މިނިސްޓްރީ އާއި ޖެނީވާގައި ހުންނަ ދާއިމީ މިޝަނުގައި ރަޖިސްޓްރީކޮށްފައި ތިބީ ޖުމުލަ 14 ދިވެހިން ކަމަށާއި މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު ތުރުކީގައި ތިބި އެއްވެސް ދިވެއްސަކަށް ބިންހެލުމުގެ ސަބަބުން ގެއްލުމެއް ލިބިފައި ނުވާ ކަމަށެވެ.
މިބިންހެލުމާ ގުޅިގެން މިނިސްޓްރީ އިން ތުރުކީގެ ހާލަތު ވެސް ގާތުން ބަލަމުންދާ ކަމަށް މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.
މިނިސްޓްރީން ބުނީ، ތުރުކީގައި ތިބި އެއްވެސް ދިވެއްސަކު އެހީތެރިކަމަށް ބޭނުންޖެހިއްޖެ ނަމަ، މިމިނިސްޓްރީގެ ހޮޓްލައިން ނަމްބަރު 7983400 އާ ގުޅުން އެދޭ ކަމަށެވެ. އަދި ތުރުކީގައި ތިބި ފަރާތްތަކުގެ ތެރެއިން މިނިސްޓްރީ ނުވަތަ ޖެނީވާގައި ހުންނަ މިޝަނުގައި ރަޖިސްޓްރީކޮށްފައި ނުވާ ފަރާތްތަކުން ވީ އެންމެ އަވަސް ފުރުސަތެއްގައި ރަޖިސްޓާ ކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ.
ރިކްޓާ މިންގަނޑުން 7.8 ގެ ބާރުމިނުގައި އައި އެ ބިންހެލުމުގައި ތުރުކީ އާއި ސީރިއާ ގުޅޭ ބޯޑަރު ސަރަހައްދުގެ 10 ޕްރޮންވިންސެއްގެ ގިނަ އަދަދެއްގެ އިމާރާތްތައް ވަނީ ވެއްޓި ފުނޑުފުނޑުވެފައެވެ. އެތައް އިމާރާތެއް ހުރީ އެއްފަރާތަށް އަރިއަޅާލާފައެވެ. ސަލާމަތުން ރައްކާތެރި ސަރަހައްދުތަކަށް ދެވުނު މީހުންނާއި ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުން ސަލާމަތް ކުރެވުނު މީހުން މިހާރު ރައްކާތެރި ހިސާބުތަކަށް ގެންގޮސްފައި ވުމުން، ބޯޑަރު ސަރަހައްދު މިހާރު ފެންނަނީ ފަޅު ޝަހަރުތަކެއްގެ ގޮތަށެވެ.
ތުރުކީން އެކަނި ވެސް 12،000 އަށް ވުރެ ގިނަ މީހުން މަރުވެފައިވާ އިރު، ބިންހެލުމުގެ ސަބަބުން މަރުވި މީހުންގެ އަދަދު ދެ ގައުމުން އަދިވެސް އިތުރުވުމުގެ ފުރުސަތު ބޮޑެވެ.
ބިންހެލުމުގައި ލިބުނު ގެއްލުންތައް ދެނެގަނެ، އަންދާޒާއެއް ހަދަމުން ދާ އިރު، ތުރުކީގެ ރައީސް ރަޖަބް ތޮއްޔިބް އުރުދުގާން ވިދާޅުވެފައި ވަނީ ހާލުގައި ޖެހުނު އެއްވެސް އާއިލާއެއް ބޯހިޔާވަހިކަމެއް ނެތި ދޫކޮށްނުލައްވާނެ ކަމަށެވެ.