މިހާރު ޔޫރަޕަށް ކުރައްވާ ދަތުރުކުގައި ޔޫކްރައިންގެ ރައީސް ވްލަޑިމިއާ ޒެލެންސްކީ އެދިވަޑައިގަންނަވަނީ އެންމެ ކަމަކަމަށެވެ. އިނގިރޭސި ވިލާތާއި ފްރާންސަށް ވަޑައިގެން ޖަރުމަނުވެސް ހިމެނޭ ގޮތުން 3 ގައުމުގެ ވެރިންނާ ޒެލެންސްކީ ބައްދަލު ކުރެއްވި އިރު، އެދިވަޑައިގަތީ ބޮން އަޅާ އަސްކަރީ ބޯޓު ދެއްވުމަށެވެ.

ޒެލެންސްކީ ގަބޫލުރައްވާ ގޮތުގައި، މިހާރު ލިބެމުންދާ އަސްކަރީ ޓޭންކްގެ އިތުރުން ވައިގެ ވަރުގަދަ ފްލީޓެއް ގާއިމު ކުރެވިއްޖެ ނަމަ ރަޝިއާ ބަލިކުރެވޭނެއެވެ.

ޔޫކޭގައި ތަގްރީރު ކުރައްވަމުން ޒެލެންސްކީ ވިދާޅުވީ، ރަޝިއާ އަށް ދޫކުރުމެއް ނެތް ކަމަށާއި، އެންމެ ފަހު މީހާއާ ޖެހެންދެންވެސް ގައުމުގެ ދިފާއުގައި ހަނގުރާމަ ކުރައްވާނެ ކަމަށެވެ. އަދި މިވަގުތަށް އެންމެ މުހިންމު ވަނީ ޓޭންކްގެ އިތުރުން ބޮން އަޅާ ބޯޓު ފަހަރާއި ދުރުރާސްތާ މިސައިލް ނިޒާމުތައް ކަމަށެވެ. އަދި ފްރާންސް އާއި ޖަރުމަނަކީ، މިހާރު ކުރިއަށް ދާ ހަނގުރާމަ ބަދަލު ކޮށްލުމުގައި އެންމެ ބޮޑު އެހީއެއް ދެވޭނެ ދެގައުމުކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޔޫކްރައިން އިން މީގެ ކުރިންވެސް ވަނީ ފައިޓާ ޖެޓް ދޭން އެދިފައެވެ. ނަމަވެސް އޭރު އެމެރިކާވެސް އަދި ޖަރުމަނުންވެސް ބުނެފައި ވަނީ ފައިޓާ ޖެޓްތައް ނުދޭނެ ކަމަށެވެ. ނަމަވެސް ޒެލެންސީ ޔޫރަޕަށް ވަޑައިގެން އިސްވެރިންނާ ބައްދަލުކުރެއްވުމުން، އެ ގައުމުތަކުގެ ރާގު ބަދަލުކޮށް ހުރިހާ މާނައެއްގައި އެހީތެރިވެދޭނެ ކަމަށް ވަނީ ބުނެފައެވެ. ނަމަވެސް ސީދާ އިބާރާތުން ފައިޓާ ޖެޓްތައް ދޭނެ ވާހަކަ ވިދާޅުވެފައެއް ނުވެއެވެ.

ފްރާންސްގެ ރައީސް އެމަނުއަލް މެކަރޯން، ޒެލެންސްކީއަށް ދަންނަވާފައި ވަނީ، ފްރާންސުން ޔުކްރައިން އަށް އެހީވާނެ ކަމަށް ބެއްލެވުމަށެވެ. އަދި ޔޫކްރައިންގެ މިނިވަންކަމަށް އަބަދުވެސް ތާއީދު ކުރައްވާނެ ކަމަށާއި ހަނގުރާމައިން ކާމިޔާބުވުމަށްވެސް އެދިވަޑައިގަންނަވާ ކަމަށެވެ.

އީޔޫގެ ލީޑަރުންނާ ބައްދަލުކުރެއްވުމަށް ޒެލެންސީ މިއަދުވެ ވަގުތެއްގައި ބްރަސަލްސް އަށް ވަޑައިގަންނަވާނެއެވެ.