އައްޑޫގެ މަގު ހެދުމުގައި ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށް ކުޑަ ދުވަސްކޮޅަކަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް އެ ސިޓީ އަށް ބަދަލުވެވަޑައިގަންނަވާ ވާހަކަ ވިދާޅުވުމުން، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، ނުސީދާ ގޮތެއްގައި ސަރުކާރަށް ފާޑުވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން އަސްލަމް ވިދާޅުވީ، އައްޑޫގެ މަގު ހެދުމުގެ މަޝްރޫއު ކުރިއަށްދާ ގޮތާ މެދު، އާންމުންގެ ހިތްހަމަނުޖެހުންތަކެއް އެބަހުރި ކަމަށެވެ. އޭނާ ފާހަގަކުރެއްވީ މަގު ހަދަން އެއްފަހަރާ ހުރިހާ މަގެއް ކޮނެފައި އޮތުމުން އާންމުންނަށް ދިމާވާ ދަތިތަކެވެ.

އެކަންކަން ހައްލުކުރުމަށްޓަކައި އަންނަ ހޮނިހިރު ދުވަހު އައްޑުއަށް ފުރާވަޑައިގަންނަވާނެ ކަމަށް އަސްލަމް ވިދާޅުވި ނަމަވެސް، އައްޑޫގައި ހޭދަވާނެ މުއްދަތެއް އޭނާ ހާމައެއް ނުކުރައްވައެވެ.

ނަޝީދުގެ ނުރަސްމީ އެކައުންޓް ކަމަށްވާ "އަނެއްދިވެހިރާއްޖެ" އެކައުންޓުން އެކަމާ ގުޅިގެން ކުރެއްވި ޓްވީޓެއްގައި އެމަނިކުފާނު ވަނީ "އައްޑުއަށް އަނެއްކާ ވެސް މާލޭން އަތޮޅުވެރިއެއް ފޮނުވަނީބާ؟" އޭ ވިދާޅުވެ، ސުވާލު އުފައްދަވައިފައެވެ.

އަންނަ ހޮނިހިރު ދުވަހު އައްޑުއަށް ފުރާވަޑައިގަންނަވާނެ ކަމަށް އަސްލަމް ވިދާޅުވިއިރު، ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުﷲ ސޯދިގާއި ޑެޕިއުޓީ މިނިސްޓަރު މުހައްމަދު ޔަސްރިފްގެ އިތުރުން، އެގްޒެކެޓިވް ޑިރެކްޓަރު އިބްރާހީމް ޝިޔާޒް ހުންނެވީ އައްޑޫގައެވެ.

އިންޑިއާގެ އެގްޒިމް ބޭންކުން ނެގި ކްރެޑިޓް ފެސިލިޓީގެ ދަށުން އައްޑޫގައި ފެން ހިންދުމުގެ ނިޒާމް ގާއިމްކުރުމަށާއި މަގު ހެދުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ 2021 ގައެވެ. 77.6 މިލިއަން ޑޮލަރު، ނުވަތަ 1.1 ބިލިއަން ރުފިޔާގެ އެ މަޝްރޫއު ދެ އަހަރު ދުވަހުގެ ތެރޭގައި ނިންމަން ހަވާލުކޮށްފައި ވަނީ ތިލަމާލެ ބްރިޖްގެ މަޝްރޫއުގެ މަސައްކަތްތައް ވެސް ކުރާ އިންޑިއާގެ އެފްކޯންސް ކުންފުންޏާއެވެ.