މިހާރު އެންމެ ބާރަށް ދެކެވެމުންދާ އެއް ވާހަކައަކީ، މަންމަން ކުދިންނާއި ވާހަކަ ނުދެއްކޭ ފަދަ ނުކުޅަދުންތެރިކަން ހުންނަ ކުދިންނަށް ވަގުތުން ފަރުވާ ދޭ ކަމަށް ބުނާ އަލީ މަހްމޫދު ނޫންނަމަ "މާލާ" ކިޔާ މޮޅު "ޑޮކްޓަރު" އަކު ރާއްޖެ އައިސް ދިން ފަރުވާގެ ވާހަކައެވެ. އެގޮތުން ބައެއް ކުދިން ވަގުތުން ރަނގަޅު ވި ވާހަކައާއި ހަގީގަތުގައިވެސް މީނާ އަކީ ރަނގަޅު މީހެއް ކަމަށް ސޯޝަލް މީޑިއާގައި ފެތުރި ވާހަކައެވެ.

އެހެންކަމުން މި ޑޮކްޓަރުގެ އަޖައިބު ކުރުވަނިވި ފަރުވާގެ ހަގީގަތް ބެލުމަށްޓަކައި އޭނާ ފަރުވާ ކުރި ކުއްޖެއްގެ އާއިލާ މީހަކާ "ދަ ޕްރެސް" އިން ވާހަކަ ދައްކާލައި ވީނުވީ އޮޅުންފިލުވާލަން މަސައްކަތް ކުރީމެވެ. އެނގުނު ގޮތުގައި މި މާލާ އަކީ ފަރުވާއަށް ރަނގަޅު މީހެއް ނޫން ކަމާއި މީނާ ކުރިހާ ވެސް ކަމަކީ ދިވެހިން ގުނބޯ ހައްދުންކަން އެނގިގެން ދިޔައެވެ.

މާލާ

އދ. މާމިނގިއްޔަށް ނިސްބަތްވާ މި އާއިލާގައި ވާހަކަ ނުދެއްކޭ 3 ކުދިން ތިބޭ ކަމަށާއި މީގެ ތެރެއިން 2 ކުދިންނަށް ފަރުވާ ދިންކަމަށް އެ ކުދިންގެ ދައްތައެއް ކަމަށްވާ އައިޝަތު އިބްރާހިމް "ދަ ޕްރެސް" އަށް މައުލޫމާތު ދިނެވެ.

އޭނާ ފާހަގަ ކުރި ގޮތުގައި ފަރުވާ ކުރި ކުޑަ ކުއްޖާއަކީ 9 އަހަރުގެ ކުއްޖެއްކަމާއި މި ކުއްޖާ އަކީ މީގެ ކުރިން އޮޕަރޭޝަން ކޮށް ހިއަރިން އެއިޑް ބޭނުން ކުރަމުންދާ ކުއްޖެކެވެ. އަދި ހިއަރިން އެއިޑް ބޭނުން ކޮށްގެން ނޫނީ އަޑު ނީވޭ ކުއްޖެއް ކަމަށް ދައްތަ ފާހަގަ ކުރިއެވެ. ނަމަވެސް ސްކޫލަށްގޮސް ﷲގެ އިރާދަފުޅާއެކު އަކުރުތައް ކިޔަމުން ދިޔަ ކުއްޖެއް ކަމަށާއި ކޮންމެސް ވަރަކަށް ބަސްތައް ވެސް މިހާރު ކިޔަމުންދާ ކުއްޖެއް ކަމަށެވެ.

ނަމަވެސް އެއާ ހިލާފަށް ބޮޑު މީހާ އަކީ އުމުރުން 28 އަހަރުގެ މީހެއް ކަމަށާއި މާލާ އެ ހެދިގޮތެއް ހެދުމަށްފަހު އެ ވަގުތު އަޑު އިވުނު ކަމަށް އޭނާ ބުނިކަމަށަ ދައްތަ ކިޔައިދިނެވެ. ނަމަވެސް ފަހުން އޭގެ އެއްވެސް ބަދަލެއް ނުފެނުނު ކަމަށާއި އިހުހުރި ގޮތަށް އިއާދަވެއްޖެ ކަމަށްވެސް ބުންޏެވެ.

މާލާ ރާއްޖޭގައި ސެލްފީ ނަގަނީ / ފޮޓޯ: ޓިކްޓޮކް

އިރާގަށް ނިސްބަތްވާ އެ މާލާ ރާއްޖެ އައި ހަބަރު ލިބުނީ މާލޭގައި ހުރި ދައްތައެއް ގުޅާ އެވާހަކަ ހިއްސާ ކުރުމުން ކަމަށާއި އެވަގުތުން ފެށިގެން ކޮއްކޮމެންނަށް ފަރުވާ އެއް ހޯދާދިނުމުގެ ނިޔަތުގައި ދެ ކޮއްކޮގެ އިތުރުން މަންމަ މާލެ ފުރުވާލަން ވަގުތުން ދަތުރު ހެދިއެވެ. ނަސީބު ދިމާ ކުރިގޮތުން މާލާ ދިޔައީވެސް އާއިލާ މީހެއްގެ ގެއަށް ކަމަށް އައިޝަތު ކިޔާދިނެވެ.

ހުޅުމާލޭގައި ދިރި އުޅޭ އާއިލާގެ ގެއަށް ކޮއްކޮމެން ގެންދިޔަ ކަމަށާއި ގުރުއާންގެ އާޔަތްތައް ކިޔެވުމަށް ފަހު ކަންފަތް ކައިރީ އަތްޖެހުމުން ބޮޑު މީހާއަށް އަޑު އިވުނު ނަމަވެސް ފަހުން ކުރީގެ ހާލަތައް އިއާދަ ވިިއެވެ. އަދި ކުޑަ ކުއްޖާއަށް އެއްވެސް ބަދަލެއް އައިކަން ފާހަގަ ކުރެވިފައި ނުވާކަމަށް ބުންޏެވެ. އަދި ރަނގަޅު ނުވާ ވާހަކަ ބުނުމުން މާލާ އެދުނީ ކަންފަތް ކައިރީ ގިނަ ގިނައިން ޤްރުއާން އަޑުއިއްވުމަށާއި ގިނައިން ބަލިމީހާއާ ވާހަކަ ދެއްކުމަށެވެ. ނަމަވެސް މިހާތަނަށް އެއްވެސް ކާމިޔާބީ އެއް މިކަމުން ނުފެންނަ ކަމަށް އައިޝަތު ކިޔާ ދިނެވެ.

https://www.tiktok.com/@malaalimahmood/video/7197271727418641669?_r=1&_t=8ZhltvXVW5J

މީގެ އިތުރުން ވެސް ލޮލަށް ނުފެންނަ މީހުންނާއި ވާހަކަ ނުދެއްކޭ މީހުން މާލާ ކައިރިން ފަރުވާ ހޯދުމަށް މާލެ އައެވެ. ނަމަވެސް އެކަކަށްވެސް ފަރުވާ އެއް ލިބިފައި ނުވާކަމަށް ރިޕޯޓު ކޮށްފައި ވެއެވެ. އެގޮތުން ހުޅުމާލޭގެ މީހުންނާއި އދ. ދިއްދުއަށް ނިސްބަތްވާ މީހުންވެސް މާލާ ކައިރިއަށް ގޮސްފައި ވެއެވެ. ލޮލަށް ނުފެންނަ މީހުން ކައިިރީގައި ވެސް ކިޔަވަކިޔަވާފައި ފެންނަ ގޮތް ނުވުމުން ކޮންމެސް ކަހަލަ އަނދުނެން ބޭނުން ކުރުމަށް ލަފާ ދީފައިވާ ކަމަށް ބުނެއެވެ.

ދިވެހި ދިދައެއް ގަމީހުގެ ޖީބަށް ޖަހައިގެން އުޅުނު މާލާ ފަރުވާ ދިނުމަށް ފައިސާ އެއް ނުނަގާ ކަމަށާއި ﷲ އަށްޓަކާ ދޭ ފަރުވާ އެއް ކަމަށް މީހުން ގާތު އޭނާ ބުނެފައި ވެއެވެ. އަދި އޭނާ ވީޑިއޯ ކޮށް ސޯޝަލް މީީއާގައި ދައުރުކޮށްފައި ހުރި ގޮތުން ބޮޑަށް ލަފާ ކުރެވޭ ގޮތުގައި "ޕަބްލިކް ސްޓަންޓް" އެއް ޖައްސާ، މީހުންގެ މެދުގައި އޭނާ މަގުބޫލުކަން ހޯދަން މަސައްކަތް ކުރީ ކަމަށް އައިޝަތު ސިފަކުރިއެވެ. އަދި މާލާ އައީ އޭނާގެ އެޖެންޓެއް ކަމަށް ބުނާ ބަންގަލަދޭޝްގެ ރައްޔިތަކު ވެސް ގޮވައިގެންނެވެ.

މާލާގެ އެޖެންޓް ކަމަށް ބުނާ މީހާއާ އެކު މާލާ

މި މާލާ އަކީ މީގެ ކުރިންވެސް އެކި ގައުމުތަކަށް ގޮސް މީހުންނަށް ފަރުވާ ދިނުމަށް ފަހު ރަނގަޅުވާ ކަމަށް "ޓިކްޓޮކް" ގައި އާންމުންނަށް ދެއްކިގެން އުޅޭ މީހެކެވެ. ބައެއް ގައުމުތަކުން މީނާ ޑީޕޯޓް ކޮށްފައިވާ ކަމަށް ވެސް މީޑިއާ ރިޕޯޓް ތަކުން ހާމަވެއެވެ. މާލާއާ މެދު ރާއްޖޭގެ އިލްމުވެރިންވެސް ކަންބޮޑުވުން ފާޅުކުރައްވާފައި ވާއިރު ބައެއް އިލްމުވެރިން ވިދާޅުވި ގޮތުގައި ހިލޭ އަންހެނުން ގައިގައި އަތްލުމުގެ އިތުރުން ވަގުތުން ޝިފާ ލިބޭނެ ކަމަށް ބުނާ ބުނުމަކީ ޖިންނި ޝައިތޯނުންގެ އެހީތެރިކަމަށް އެދޭ މީހުންނާއި ސިހުރުވެރިންގެ ސިފަތަކެއް ކަމަށެވެ. މީގެ އިތުރުން މިކަމާ ކަންބޮޑުވުން ފާޅުކޮށް، ހެލްތް މިނިސްޓްރީން ވަނީ މާލާ ރާއްޖެ އައިސް ފަރުވާ ދިންކަމަށް ބުނާ މައްސަލަތަކެއް ސަމާލުކަމަށް އައިސްފައިވާ ކަމަށާއި އަދި މައްސަލަ އިތުރަށް ބަލަމުންދާ ކަމަށް ބުނެފައެވެ.

ކޮންމެއަކަސް މާލާ މިހާރު ވަނީ ރާއްޖެއިން ފުރައިގެން ގޮސްފައެވެ. ނަމަވެސް މީނާގެ ދަލުގައި ދިވެހިންވެސް ޖެހިއްޖެއެވެ.