އިއްޔެ ހަވީރު ރަސްމީ ބޯޅަ ދަނޑުގައި ކުރިއަށް ދިޔަ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިންޓަސްކޫލް 17 އަހަރުން ދަށުގެ ސެމީ ފައިނަލްގެ ފުރަތަމަ މެޗަށް ފަހު ރެފްރީއަށް ދިން ހަމަލާ އެޑިއުކޭޝަން މިނިސްޓްރީއިން ކުށްވެރި ކޮށްފިއެވެ.
އެޑިއުކޭޝަނުން ބުނީ އިއްޔެ ކުޅުނު މެޗު ނިމުމުން ދަނޑަށް އަރާ ސަޕޯޓަރުންގެ ބަޔަކު ކުޅިވަރުގެ ރޫހާ ހިލާފު އަމަލުތަކެއް ހިންގާފައިވާ ކަމަށެވެ.
އިއްޔެގެ މެޗު ނިމުމުން ސަޕޯޓަރުން ހިންގި ކުޅިވަރުގެ ރޫހާ ހިލާފު އަމަލުތައް އެޑިއުކޭޝަން މިނިސްޓްރީ އިން ހަރުކަށި އިބާރާތުން ކުށްވެރިކޮށް، މިފަދަ އަމަލުތައް ދަރިވަރުންގެ ކުރިމަތީގައި ތަކުރާރު ނުކުރުމަށް ބެލެނިވެރިންނާއި ސަޕޯޓަރުންނަށް އެޑިއުކޭޝަން މިނިސްޓްރީ އިން ވަނީ އިލްތިމާސް ކޮށްފައެވެ.
އެޑިއުކޭޝަނުން އިތުރަށް ބުނީ މިފަދަ މުބާރާތްތަކަކީ ކުޅިވަރުގެ ހުނަރުތަކުގެ އިތުރުން ދަރިވަރުންގެ ކިބައިގައި އިޖްތިމާއީ އަދި އަހުލާގީ ރިވެތި ސިފަތައް އަށަގެންނެވުމުގެ މަގުސަދުގައި ކުރިއަށް ގެންދާ ހަރަކާތްތަކެއް ކަމަށާއި މިފަދަ މުބާރާތްތަކުގައި އެކި ހައިސިއްޔަތުން ބައިވެރިވާ ފަރާތްތަކުންގެ ކިބައިން ރިވެތި ނަމޫނާ ފެނިގެން ދިއުމަކީ އެޑިއުކޭޝަނުން އެދޭ ކަމެއް ކަމުގައެވެ.
އިއްޔެ ހަވީރު ގަލޮޅު ދަނޑުގައި ކުޅުނު އެ މުބާރާތުގެ ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި ވާދަކޮށްފައިވަނީ ކަލާފާނު ސްކޫލާއި ގުރައިދޫ ސްކޫލެވެ. ރެފްރީއަށް ހަމަލާދީފައި ވަނީ ގުރައިދޫ ސްކޫލުގެ ކުޅުންތެރިންނާއި ސަޕޯޓަކުން ކަމަށް މައުލޫމާތު ލިބިފައިވާއިރު ސޯޝަލް މީޑީއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި ރެފްރީއަށް ހަމަލާ ދިނުމުގައި ބައިވެރިވި މީހުން ވަނީ އަތުން ތަޅައި މާރާމާރީ ހިންގަން މަސައްކަތް ކޮށްފައެވެ. އަދި ދަނޑު ތެރޭގައި ރެފްރީ ފަހަތުން ދުވެފައި ގޮސް ރެފްރީ ޑްރެސިން ރޫމް ތެރެއަށް ވަތް ފަހުން ވެސް އެ ތަނުގެ ތެރެއަށް ވަންނަން ވަނީ މަސައްކަތް ކޮށްފައެވެ.
އެކަމާ ގުޅިގެން އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސައިން ޖަވާޒް "ދަ ޕްރެސް" އަށް ވިދާޅުވީ ރެފްރީއަށް ހަމަލާދޭން މަސައްކަތް ކުރި މައްސަލަ ބަލަމުންދާ ކަމަށާއި ފިޔަވަޅު އަޅާނެ ކަމަށެވެ.