މީޑިއާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ލިބިދޭންޖެހޭ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން އިލްތިމާސް ކޮށްފިއެވެ.

އެމްއެމްސީން ނެރުނު ނޫސްބަޔާނެއްގައި ބުނީ، މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް ފެބްރުއަރީ 6ގައި ބޭއްވި ރަސްމިއްޔާތާ ދިމާކޮށް، ސޯސަންމަގު މަޖީޖިއްޔާ ސަރަހައްދުގައި ބޭއްވި އެއްވުމެއް، ފުލުހުން ރޫޅާލުމުގެ ތެރޭގައި ބައެއް ނޫސްވެރިންނަށް އެކި ވަރުގެ އަނިޔާވެފައި ވާތީ، އެކަމަކީ އެ ކޮމިޝަނުން ނުހަނު ކަންބޮޑުވާ ކަމެއް ކަމަށެވެ.

މީގެ އިތުރުން މި އެއްވުން ކަވަރުކުރަން އުޅުނު ބައެއް ނޫސްވެރިންނަށް، އެފަރާތްތަކުގެ ޒިންމާ އެންމެ ފުރިހަމައަށް އަދާކުރުމަށް ބައެއް އާންމުންގެ ފަރާތުން އެކިވަރުގެ ހުރަސްތައް ކުރިމަތިވެފައިވާތީ، އެކަމަކީ ވެސް ކަންބޮޑުވާކަމެއް ކަމަށް އެމްއެމްސީން ބުނެއެވެ.

އެމްއެމްސީން ބުނީ، މި ހިނގާދިޔަ ކަންތައްތަކާ ގުޅިގެން، ކޮމިޝަނުން ހާއްސަ ސަމާލުކަމެއްދީގެން މޮނިޓަރިން މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އަދި މިފަދަ ކަންތައްތަކަށް ބޭނުންވާ ދާއީމީ ހައްލު ގެނައުމުގެ ގޮތުން ކަމާގުޅޭ ފަރާތްތަކާއެކު ކޮމިޝަނުން މަސައްކަތްކުރަމުންދާ ކަމަށް އެމްއެމްސީން ވަނީ ބުނެފައެވެ.

އެމްއެމްސީން ވަނީ، އެކި އެއްވުންތަކާއި މުޒާހަރާތައް ކަވަރުކުރުމުގައި ހަރަކާތްތެރިވާ ނޫސްވެރިންނަށް ކުރިމަތިވާ ތަފާތު ހުރަސްތައް ނައްތާލައި، ނޫސްވެރިންގެ ވާޖިބު އަދާކުރުމަށް ފުރިހަމަ ފަހި މާހައުލެއް ގާއިމްކޮށްދީ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް، ހުރިހާ ފަރާތްތަކަކަށް އިލްތިމާސްކޮށްފައެވެ.

މީގެ އިތުރުން އެއްވުންތަކާއި މުޒާހަރާތައް ކަވަރު ކުރުމުގައި ހަރަކާތްތެރިވާ ނޫސްވެރިންނާއި މީޑިއާގެ ފަރާތްތަކުން، ގާނޫނާއި ގަވާއިދާއި ނޫސްވެރިކަމުގެ ސުލޫކީ މިންގަނޑުގެ ތެރެއިން ހަރަކާތްތެރިވުމަށާއި، ކަމާބެހޭ ފަރާތްތަކުގެ އިރުޝާދާ އެއްގޮތަށް އަމަލުކުރުމަށް ވެސް ވަނީ އިލްތިމާސްކޮށްފައެވެ.

އެމްއެމްސީން ބުނީ، މިފަދަ އެއްވުންތަކާއި މުޒާހަރާތައް ކަވަރުކުރާ ފަރާތްތަކުން، އެއްވުންތަކާއި މުޒާހަރާތައް ކަވަރުކުރާ ފަރާތްތަކުން ބޭނުންކުރުމަށް ކޮމިޝަނުން ދޫކުރާ “އެކްރެޑިޓޭޝަން ކާޑް” އަބަދު ވެސް ފެންނަ ގޮތަށް ބޭނުންކުރުމަށް ނަސޭހަތްތެރިވާ ކަމަށެވެ.

މިމަހު 6 ވަނަ ދުވަހު ކުރިއަށްދިޔަ މުޒާހަރާގައި ޗެނަލް13 ގެ 2 ނޫސްވެރިޔަކަށާއި އާންމުންގެ ހަތް މީހަކަށް އަނިޔާ ލިބި ހޮސްޕިޓަލްގައި ފަރުވާ ދީފައިވާ އިރު އަނިޔާ ލިބުނު ނޫސްވެރިޔާ ހަސަން ޝަހީދަށް އޭޑީކެގެ އައިސީޔޫގައި ފަރުވާދިނުމަށް ފަހު މިހާރު ވަނީ އިތުރު ފަރުވާއަށް ލަންކާއަށް ގެންގޮސްފައެވެ. އޭނާގެ ބޮލުގައި ޝީލްޑުން ޖެހުމުގެ ސަބަބުން ސިކުނޑިއަށް ގެއްލުން ލިބިފައިވާ ކަމަށް ޑޮކްޓަރުންގެ ފަރާތުން މައުލޫމާތު ލިބިފައިވާ ކަމަށް ޕީޕީއެމްއިން ބުނެއެވެ.

ޕީޕީއެމްއިން ބުނީ ބޮލުގައި ޝީލްޑުން ޖެހި މަގުމައްޗަށް އޭނާ ވެއްޓި ހޭނެތުމުނު ކަމަށާއި ފަރުވާ ދިނުމަށް ފަހު މިހާރު ހޭ އަރާފައި ވީނަމަވެސް ޝަހީދުގެ ހާލު ވަރަށް ސީރިއަސް ކަމަށެވެ. އަދި މީގެ 2 ހަފްތާ ކުރިން ފުލުހުންގެ ފަރާތުން ޝަހީދަށް ބިރުދައްކާ އިންޒާރު ދީފައިވާ ކަމަށް އޭނާ ބުނެފައިވާ ކަމަށް ވެސް ޕީޕީއެމްއިން ބުނެއެވެ.

ޗެނަލް 13 ގެ ދެ ނޫސްވެރިޔަކަށް އަނިޔާ ވި އިރު، ޕެޕާސްޕްރޭގެ އަސަރު ވެސް އެމީހުންނަށް ވަނީ ކޮށްފައެވެ.

މީޑިއާ ފާސް އަޅައިގެން ތިބި ވީޑިއޯގްރާފަރާއި ފޮޓޯޖާނަލިސްޓަށް އަނިޔާ ވި ވަގުތު އެމީހުންގެ ގައިމަތިން ފުލުހުން ދުވުމުން މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން އިން ވަނީ އެކަމާ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި މުޒާހަރާތައް ރޫޅާލުމާއި ބާރުގެ ބޭނުން ކުރާ އިރު ނޫސްވެރިންނަށް ރައްކާތެރިކަން ކަށަވަރު ކުރުމަށް އެމްޖޭއޭ އިން ވަނީ ފުލުހުންނަށް ގޮވާލައިފައެވެ.