އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުން ބިލުތަކަކަށް ނެރުނު ވިޕާ ހިލާފުވުމާ ގުޅިގެން މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) އަށް އޮންނަ އެމްޑީޕީގެ އިނާޔަތްތައް ކަނޑާލަން ނިންމައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިދިޔަ އަހަރުގެ ފަހު ދައުރުގެ ޖަލްސާތަކެއްގައި ބިލުތަކެއް ފާސްކުރަން ނެރުނު ތިން ވިޕްލައިނާ އިބްރާހީމް ރަޝީދު ވަނީ ހިލާފުވެވަޑައިގެންފައެވެ. މި ގޮތުން އޭނާ ހިލާފުވެފައި ވަނީ ސަޕްލިމެންޓަރީ ބަޖެޓާއި، ޖީއެސްޓީ ބޮޑުކުރުމުގެ ބިލުގެ އިތުރުން 2023 ވަނަ އަހަރަށް ލަފާކުރާ ބަޖެޓަށް ނެރުނު ވިޕްލައިނާއެވެ.

އެމްޑީޕީ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް، އިބްރާހީމް ރަޝީދަށް އެޑްރެސްކޮށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ އޭނާ ތިން ފަހަރަށް އެމްޑީޕީން ނެރުނު ވިޕްލައިނާ ހިލާފުވެވަޑައިގެންފައި ވާކަމަށެވެ. އެހެންކަމުން އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕްގެ ހިންގާ ގަވާއިދުގެ 41 ވަނަ މާއްދާގެ(ނ)ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ޕާޓީން ދޭ އިނާޔާތްތައް ކަނޑާލަން ނިންމާފައި ވާކަމަށެވެ. އަދި އެކަން ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލަށް ދަންނަވާފައި ވާނެ ކަމަށްވެސް އަސްލަމް ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން އެ ސިޓީގައި އަސްލަމް ވިދާޅުވީ ލީޑާޝިޕަށް ގަބޫލުކުރެވޭ ފަދަ ސީރިއަސް ހާލަތެއް މެދުވެރިވެގެން ކުރިން ހުއްދައަށް އެދުމަކާ ނުލައި ތްރީލައިން ވިޕަށް އަމަލު ކުރުމަށް މަޖިލީހަށް ހާޒިރު ނުވުމާއި ވޯޓުގައި ބައިވެރި ނުވުމަކީ ކުށެއް ކަމަށެވެ.

އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގެ ގަވާއިދުގައިވާ ގޮތުން ތިން ވަނަ ފަހަރަށް ވިޕްލައިނާ ހިލާފުވުމުން އިނާޔަތްތައް ކަނޑާލާނެއެވެ.