ރިކްޓާ މިންގަނޑުން 7.8 ގެ ބާރުމިނުގައި އިއްޔެ ތުރުކީއާއި ސީރިއާގެ ބޯޑަރަށް އައި ބިންހެލުމުގައި 2 ގައުމުން މަރުވި މީހުންގެ އަދަދު 3823 އަށް އަރައިފިއެވެ. ތުރުކީން 2379 މީހަކު މަރުވެފައި ވާ އިރު ސީރިއާއިން މަރުވި މީހުންހެ އަދަދު ވަނީ 1444 އަށް އަރާފައެވެ.

ބިމު އަޑިން 24 ކިލޯމީޓަރު ފުނަށް އައި ބިންހެލުމުމުގައި ޕްރޮވިންސަކުން 14،482 މީހަކު ޒަހަމްވެފައި ވެއެވެ.

މި ބިންހެލުމުގެ އަސަރު އެތައް މޭލެއްގެ ދުރަށް ކޮށްފައި ވާ އިރު، އިމާރާތްތައް ވެއްޅި ފުނޑުފުނޑުވެ އެތައްބަޔަކު އަދިވެސް ވަނީ ގާކުނޑިތަކުގެ ދަށުގައެވެ. އޮފިޝަލުން ބުނާގޮތުގައި، މަރުވި މީހުންނާއި ޒަހަމްވި މީހުންގެ އަދަދު ބޮޑުތަނުން މަތިވާނެއެވެ.

އިއްޔެ ދުނިޔެ މައްޗަށް އިރުގެ އަލިކަން ފާޅުނުވަނީސް އެންމެން ގަދަ ނިދީގައި ތިއްބާ މި ބިންހެލުން އައުމާއެކު ސިހުން ލިބި ހޭލެވި އެކިމީހުން އެކި ދިމާއަށް ދުވާ މަންޒަރުތަކާއި، ރޯ އަޑާއެކު ހާސްކަން ވެރިވެފައި ވާ ކަމަށް ހަބަރުތައް ބުނެއެވެ. މީހުން ސަލާމަތް ކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވަމުން ދިޔަ މީހުންވެސް، އެ މަސައްކަތްތައް ކުރިއަށް ގެންދަން ޖެހުނީ އަނދިރިކަމުގެ ތެރޭގައި ބައްތިއާއި ފްލޭޝް ލައިޓު ބޭނުން ކޮށްގެންނެވެ.

މިއީ 1939 އަށް ފަހު ތުރުކީއަށް އައި އެންމެ ބާރުގަދަ ބިންހެލުމެވެ. އެ އަހަރުގެ ބިންހެލުމުގައި 30،000 މީހުން މަރުވެފައި ވާ އިރު އެއީވެސް ރިކްޓާ މިންގަނޑުން 7.8 ގެ ބާރުމިނުގައި އައި ބިންހެލުމެކެވެ.

ތަފާސްހިސާބުތަކުން ދައްކާގޮތުން ފާއިތުވި 25 އަހަރުގެ ތެރޭގައި ރިކްޓާ މިންގަނޑުން 7 ގެ ބާރުމިނުގެ 7 ބިންހެލުމެއް ތުރުކީއަށް އައިސްފައި ވެއެވެ.

އިއްޔެ އައި ބާރުގަދަ މި ބިންހެލުމުގެ އާފްޓާ ޝޮކްގައި އައި ލޮޅުންވެސް ރިކްޓާ މިންގަނޑުން 6.7 އަށް އަރާފައި ވާ ކަމަށް ޖިއޮލޮޖިކަލް ސާވޭތަކުން ދައްކައެވެ. އަދި އެ ލޮޅުންތަކުގެ އަސަރު ތުރުކީގެ ދެކުނު ބިތާއި މެދުތެރެއަށްވެސް ކޮށްފައި ވާކަމަށް ބުނެއެވެ. ނަމަވެސް އެ ސަރަހައްދުތަކުން އިމާރާތެއް ވެއްޓި ނުވަތަ މީހަކަށް އަނިޔާއެއް ވި ކަމުގެ މައުލޫމާތެއް އަދި ނުލިބެއެވެ. އެ ލޮޅުމަކީ މައި ބިންހެލުން އައިތާ 11 މިނެޓް ފަހުން އައި ޝޮކް ކަމަށާއި އޭގެ 19 މިނެޓް ފަހުން އައި ޝޮކްގެ ބާރުމިންވެސް ރިކްޓާ މިންގަނޑުން 5.6 އަށް އެރިކަމަށް ސާވޭތަކުން ދައްކައެވެ. މީގެ އިތުރުން މައި ބިންހެލުމުގެ އެތައް ގަޑިއުރެއްގެ ފަހުން އިތުރު ބިންހެކުމެއްވެސް ވަނީ އައިސްފައެވެ. ރިކްޓާ މިންގަނޑުން 7.6 ގެ ބާރު މިނުގައި އައި ބިންހެލުމުގެ އަސަރު ގްރީންލޭބްޑާ ހަމައަށްވެސް ކުރި ކަމަށް ހަބަރުތައް ބުނެއެވެ.

މިހާދިސާގައި އަނިޔާވެ، ނުވަތަ ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުވެފައި ވާ މީހުން ހޯދުމުގެ މަސައްކަތުގައި 1000 އަކަށް ވުރެ ގިނަ އޮފިޝަލުން ދަނީ ހަރަކާތްތެރިވަމުންނެވެ. އަދި މިވަގުތު ތުރުކީ އާއި ސީރިއާއަށް އެމާޖެންސީ އެހީ ބޭނުންވާތީ، ދުނިޔޭގެ 43 ގައުމަކުން ވަނީ އެހީ ފޯރުކޮށްދޭން ހުށަހަޅާފައެވެ. އެގޮތުން ޔޫކޭއިން 76 ރެސްކިއު އޮފިޝަލުން ފޮނުވަން ނިންމާފައި ވެއެވެ. ފްރާންސް، ގްރީސް، އިންޑިއާ، ޗައިނާ ރަޝިއާ ފަދަ ގައުމުތަކުން އިންސާނީ އެހީއާއި ބޭސްފަރުވާ ވަނީ ހުށަހަޅާފައެވެ.

ހަބަރުތައް ބުނާގޮތުން ސީރިއާ ބޯޑަރުގައި ވެއްޓުފައިވާ އިމާރާތްތަކުގެ ދަށުން މީހުން ސަލާމަތް ކުރުމުގެ މަސައްކަތުގައި ރަޝިއާގެ 300 ސިފައިން މިހާރުވެސް ހަރަކާތްތެރިވަމުން އެބަ ދެއެވެ.

2 މިލިއަނެއްހާ މީހުން ދިރިއުޅޭ އެ ސަރަހައްދުން 338،000 މީހަކު ރައްކާތެރި ސަރަހައްދުތަކަށް ގެންގިސްފައި ވާއިރު ގާކުނޑިތަކުގެ ދަަށުން ސްލާމަތް ކުރި މީހުންގެ އަދަދު 7،840 އަށް އަރައެވެ.