މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނު (އާރުޓީއައި) ގެ ދަށުން، ދައުލަތުގެ ކުންފުނިތަށް ވެސް ހިއްސާވާނެ ކަމަށް މިއަދު ހައިކޯޓުން ކުރި ހުކުމެއްގައި ބުނެފިއެވެ.
ތިން ފަނޑިޔާރުންގެ ބެންޗަކުން ބެލި މި މައްސަލައަކީ ރާއްޖޭގެ ގައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އިސް މުވައްޒަފުންނާއި ޑިރެކްޓަރުންގެ މުސާރަތަކުގެ ތަފްސީލު ހޯދުމަށްޓަކައި އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް (އައިކޮމް) އަށް ހުށަހެޅި މައްސަލައިގައި އެ ބޭންކުން ކުރި އިސްތިއުނާފާ ގުޅިގެންނެވެ.
2020 ވަނަ އަހަރު ގ. ކެތުލިން، އަހްމަދު އައިމަން ލަޠީފް އެދުނު މި މައުލޫމާތަކީ ދޭން ޖެހޭނެ މައުލޫމާތެއް ކަމަށް އައިކޮމް އިން ނިންމާފައިވީނަމަވެސް އެ ނިންމުމާ ދެކޮޅަށް، މައުލޫމާތު ހިއްސާ ނުކުރަން ނިންމާ، ބީއެމްއެލްއިން އިސްތިއުނާފް ކުރަން ހައިކޯޓަށް މައްސަލަ ހުށަހެޅިއެވެ. ނަމަވެސް ހައިކޯޓުން ބީއެމްއެލްއާ ދެކޮޅަށް މައްސަލަ ނިންމާ މިއަދު ހުކުމް އިއްވާފައިވެއެވެ.
ބީއެމްއެލް އިން އެ މައުލޫމާތު އައިމަން އަށް ދޭން ދެކޮޅު ހެދި ސަބަބަކީ ގާނޫނޫގައި ބުނާ 'ދައުލަތުގެ އިދާރާ' ތަކުގެ ތެރޭގައި އެ ބޭންކް ނުހިމެނޭ ކަމަށާއި އަދި އިންފޮމޭޝަން ކޮމިޝަނަރުގެ ނިންމުން ނިންމާ ފައިވަނީ ޤާނޫނާ ޚިލާފަށް ކަމަށް ބުނެއެވެ.
މިއަދު އިއްވި ހުކުމްގައި ބުނެފައިވަނީ ގާނޫނުގައި، ދައުލަތުގެ އިދާރާތަކުގެ ތެރޭގައި އެ ތަނެއް ހިންގުމުގައި ދައުލަތުގެ މަސްއޫލިއްޔަތެއް އަދާކުރާ ތަންތަން ހިމެނޭ ކަމަށް ބަޔާންކޮށްފައިވާއިރު އޭގެ ތެރޭގައި ބީއެމްއެލް އަކީ ދައުލަތުގެ އަޣުލަބިއްޔަތު ހިއްސާ އޮތް ކުންފުންޏެއް ކަމަށާއި، އެހެންކަމުން އެ ކުންފުނީގެ މައްޗަށް ވެސް އެ ގާނޫނު ހިންގޭނެ ކަމަށެވެ.
ފަނޑިޔާރު މުހައްމަދު ނިޔާޒްއާއި ފަނޑިޔާރު ހުސައިން މަޒީދް އަދި ފަނޑިޔާރު ހަސަން ޝަފީއު ހިމެނޭހެން ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެވުނު މި ހުކުމުގައި އިތުރަށް ބުނެފައިވަނީ އައިމަންގެ ފަރާތުން ހޯދަން އެދުނު މައުލޫމާތަކީ ގާނޫނުގައި ސިއްރު ކުރެވޭނެ މައުލޫމާތެއް ނޫންކަމަށާއި އެ މައުލޫމާތު ހާމަކުރަން އެންގީ ގާނޫނާ ހިލާފަށް ކަމަށް ނުބެލެވޭނެކަމަށެވެ.
އަދި މި މައުލޫމާތަކީ ވިޔަފާރީގެ ސިއްރެއް ނުވަތަ ޓްރޭޑް ސީކްރެޓެއްގެ ގޮތުގައި ބެލެވިދާނެ މައުލޫމާތެއް ކަމަކަށް ގަބޫލެއް ނުކުރެވެ އެވެ. އަދި އެ މައުލޫމާތު ހާމަކުރުމަކީ ބޭންކް އޮފް މޯލްޑިވްސްގެ ވިޔަފާރީގެ ނުވަތަ މާލީ މަސްލަހަތަށް ގެއްލުން ވެދާނެ ކަމެއް ކަމަށް ބެލެވިދާނެ ސަބަބެއް ބީއެމްއެލް އަށް ބުނެދެވިފައެއް ނުވާކަމަށް ހުކުމުގައި ވެއެވެ.
ފަނޑިޔާރު ހުސައިން މަޒީދް ރިޔާސަތުގެ އިންނަވާ ބެއްލެވި މި މައްސަލާގައި އިތުރަށް ބުނެފައިވަނީ އިސްވެ ދެންނެވި ކަންތައްތަކަށް ރިއާޔަތްކޮށް އައިކޮމްގެ ނިންމުން ބާތިލްކުރަން ޖެހޭ އެއްވެސް ގާނޫނީ އަދި ޝަރުއީ ސަބަބެއް ނެތް ކަމަށެވެ.
މީގެކުރިން ވެސް ހައި ކޯޓުން ވަނީ އެމްޓީސީސީން ހުށަހެޅި މައްސަލައެއްގައި ދައުލަތުގެ ކުންފުނިތަކަށް އެ ގާނޫނު ހިނގާނެ ކަމަށް ނިންމައިފައެވެ. ނަމަވެސް އެމްޓީސީސީން ވަނީ އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާފައެވެ.