ޗައިނާގެ އަމިއްލަ ކުންފުންޏަކުން މޫސުމީ ދިރާސާއަށް އެރުވި ބެލޫނެއް (މާސިންގާ ހަމެއް) މިސްރާބުން ކަސިޔާރުވެ އެމެރިކާ މަތިން ދަތުރު ކުރަނިކޮށް މިސައިލެއް ފޮނުވާލައި އެ ފަޅާލި މައްސަލައިގައި ބަދަލު ހިފާނެ ކަމަށް ޗައިނާ ބުނެފިއެވެ.

18،300 މީޓަރު (60،000 ފޫޓު) މަތިން ދަތުރު ކުރަމުން ދިޔަ ބެލޫން އެމެރިކާއިން ފަޅާލީ، ބޮޑު އަސްކަރީ އޮޕަރޭޝަނެއް ހިންގައި، އެފް22 މަރުކާގެ ބޮން އަޅާ ބޯޓަކުން ފޮނުވާލި ސުޕާސޮނިކް މިސައިލަކުންނެވެ. އެ ބެލޫން އަކީ މޫސުމީ ދިރާސާގެ ބޭނުމަށް މައުލޫމާތު އެއްކުރަން އެރުވި އެއްޗެއް ކަމަށް ޗައިނާއިން ބުނި ނަމަވެސް އެމެރިކާއިން އެކަން ގަބޫލެއް ނުކުރެއެވެ.

އެ ހަން އެމެރިކާ މަތިން ދަތުރުކުރަނިކޮށް ކެމެރާތަކުން ނަގާފައިވާ މަންޒަަރުތަކުގައި ބެލޫންގެ ތެރޭގައި ޑީވައިސް އެއް، ނުވަތަ އާލާތެއް އޮއްވާ ފެނެއެވެ. އެއާއެކު އެމެރިކާއިން ބުނެފައި ވަނީ އެއީ އެމެރިކާގެ ހައްސާސް މަގާމުތަކަށް ފާރަލައި ޖާސޫސް ކުރަން ޗައިނާއިން އެރުވި އެއްޗެއް ކަމަށެވެ.

މިއަދު ހަން ގޮއްވާލައި ވައްޓާލި އިރު، އެމެރިކާގެ ދިފާއީ ބާރުތަކުން އޮތީ ވަރަށް ބޮޑަށް ތައްޔާރީ ހާލަތުގައެވެ. އެމެރިކާގެ ކެރޮލިނާގެ ދެކުނުން 6 މޭލު ބޭރަށް ކަނޑަށް ވެއްޓޭ ގޮތަށް ގޮއްވާލި ހަމުގެ ބައިތަކާއި ހަމުގެ ތެރޭގައި ހުރި އެއްޗެހި ހަލާކުވެގެން އާންމުން ދިރިއުޅޭ ސަރަހައްދަކަށް ވެއްޓި ގެއްލުމެއް ލިބިދާނެ ކަމަށް ދުރާލައި އޮތީ އިންޒާރުވެސް ދީފައެވެ. ނަމަވެސް ކެރޮލިނާގެ 6 މޭލު ބޭރުން ކަނޑަށް ވެއްޓޭގޮތަށް ގޮއްވާލުމުން މީހުން ދިރިއުޅޭ ސަރަހައްދަކަށް އެތިކޮޅެއް ވެއްޓުމުގެ ފުރުސަތު ނެތަސް 11 ކިލޯމީޓަރުގެ ސަރަހައްދަކަށް އެތިކޮޅުތައް ފައިބެދާނެ ކަމަށް އޮތީ ބެލެވިފައެވެ. އެއާއެކު އެ ސަރަހައްދުގެ ވައިގެ ދަތުރުތައްވެސް ވަގުތީ ގޮތުން ހުއްޓުވިއެވެ.

ބެލޫނާއެކު ވެއްޓުވު ބައިތައް ހޮވަން އެމެރިކާގެ ދިފާއީ ބާރުތަކުން މިހާރު މަސައްކަތް ކުރަމުން ދާއިރު ޗައިނާއިން ވަނީ، ހަން ފަޅާލި މައްސަލައިގައި އެމެރިކާއަށް އިންޒާރު ދީފައެވެ. އެ މައްސަލަގައި ޗައިނާއިން ބުނެފައި ވަނީ، އެމެރިކާއިން ހިންގީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފު އަމަލެއް ކަމަށާއި، ހަން ފަޅާލުމުގެ ބަދަލު ހިފާނެ ކަމަށެވެ.

ޗައިނާއިން އެހެން ބުނި ނަމަވެސް އެމެެރިކާއިން ބުނެފައި ވަނީ ހުރިހާ ކަމެއް ކުރީ ބައިނަލްއަގުވާމީ ހަމަތަކާއި އުސޫލުތަކާއި އެމެރިކާގެ އިސްތިގުލާލާ އެއްގޮތަށް ކަމަށެވެ.

ހަފްތާއެއް ވާންދެން އެމެރިކާ މަތިން ޗައިނާގެ ހަން ދަތުރު ކުރި އިރު، ހަން ފެނިގެން ފުރަތަމަ ކުރި ރިޕޯޓުތަކާ ގުޅިގެން ޗައިނާއިން ބުނެފައި އޮތީ، ތަންދޮރު ނުބަލައި ވާހަކަ ނުދެއްކުމަށެވެ. އޭރުވެސް އެމެރިކާއިން ބުނަމުން ދިޔައީ އެއީ ޗައިނާއިން އަރުވައިގެން އުޅޭ ހަމެއް ކަމަށެވެ. މި ހަން އެމެރިކާ އާ އިންވެގެން އޮންނަ ކެނެޑާގެ ވައިގެ ސަރަހައްދަށް ވެސް ވަނެވެ. އެއާއެކު ކެނެޑާއިން ވަނީ އެމެރިކާ އާ ގުޅިގެން އެކަމުގައި މައްސަތް ކުރާކަން ހާމަކޮށްފައެވެ.

ޗައިނާގެ ހަން އެމެރިކާ މައްޗަށް އެރި މައްސަލަ ފެންމަތިވި މި ވަގުތަކީ، އިންޑޮނީޝިއާގައި ނިމިދިޔަ ޖީ20 ގައުމުތަކުގެ ވެރިންގެ ބައްދަލުވުމުގައި ހަވާސާފައި އެމެެރިކާގެ ރައީސް ޖޯ ބައިޑަން އާއި ޗައިނާގެ ރައީސް ޝީ ޖިންގްޕިން ބައްދަލުކުރައްވައި ދެގައުމުގެ ދެމެދުގައި ހުރި ހިޔާލުތަފާތުވާ މައްސަލަތައް ހައްލުކުރަން އެއްބަސްވެ މަޝްވަރާތަކެއް ތާވަލު ކޮށްފައި އޮތް ވަގުތެކެވެ. އެ މަޝްވަރާތަކުގެ ފުރަތަމަ ބައްދަލުވުން މިއަދަށް ތާވަލު ކޮށްފައި އޮތް ނަމަވެސް މި ހަމުގެ މައްސަލަގައި އެމެރިކާގެ ހާރިޖީ ވަޒީރު އެންތަނީ ބްލިންކަން ވަނީ ޗައިނާ ދަތުރު ކެންސަލް ކުރައްވާފައެވެ.