ރާއްޖެ އިސްލާމްވުމުގެ ކުރިން އަޅުކަން ކޮށް އުޅުނު ކަަމަށް ލަފާ ކުރެވޭ ބުދެއް ލ. ގަމުން ފެނިފައިވާ ކަމަށް މޯލްޑިވްސް ހެރިޓޭޖް ސޮސައިޓީއިން ބުނެފިއެވެ.

މޯލްޑިވްސް ހެރިޓޭޖް ސޮސައިޓީއިން ބުނީ މި ބުދު ފެނިފައި ވަނީ މުކުރިމަގު އަވަށުގައި ފްލެޓް އަޅަމުންދާ ސަރަހައްދުން އިއްޔެ ކަމަށެވެ.

ރާއްޖޭގެ ތާރީހާއި ސަގާފަތް ހިމާޔަތްކޮށް މީހުން ހޭލުންތެރިކުރުމަށް މަސައްކަތްކުރާ މޯލްޑިވްސް ހެރިޓޭޖް ސޮސައިޓީގެ ރައީސް ތޯހާ އަބޫބަކުރު ލަފާކުރެއްވި ގޮތުގައި މި ބުދަކީ 900 އެއްހާ އަހަރު ކުރިން މީހުން އަޅުކަންކޮށް އުޅުނު ބުދެކެވެ.

ހިރިގަލުން ހަދާފައިވާ މި ބުދުގައި ގާތްގަނޑަކަށް 7 އިންޗި ހުރިއިރު މި ބުދު ފެނުނީ މުކުރިމަގު އަވަށުން ނަގާފައި ހުރި ވެލި ފުންޏެއް ފަތުރާލުމުންނެވެ.

މި ބުދު ވަނީ މިހާރު މޯލްޑިވްސް ހެރިޓޭޖް ސޮސައިޓީގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

މި އަތޮޅު ކަލައިދޫއިން މީގެ ކުރިން މިކަހަލަ ބުދު ތަކެއް ފެނިފައިވާއިރު އެ ތަކެތި ވެސް ވަނީ ގައުމީ ދާރުލް އާސާރުގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. މި ބުދުތަކަކީ ބެލެވޭ ގޮތުގައި މީގެ 10 ގަރުނު ކުރީގެ އެއްޗެއްސެވެ.

ރާއްޖޭން އިސްލާމްދީން ގަބޫލުކުރީ މީލާދީން 1153 ވަނަ އަހަރު ކަމުގައި ވީނަމެސް ލ. އަތޮޅުގެ މީހުން އިސްލާމްވި ކަމަށް ބުނެވެނީ 1193 އަދި 1194 ވަނަ އަަހަރުގެ ތެރޭގައެވެ.