މާލެ އާއި ވިލިމާލޭގެ ސަރަހައްދުތަކުން ކުނި ނެގުމުގެ މަސައްކަތްތައް ހަރުދަނާކުރުމުގެ ގޮތުން، މާލެ ސިޓީ ކައުންސިލްގެ ވޭސްޓް މެނޭޖްމަންޓް ސެކްޝަން ހުޅުވައިފިއެވެ.

އެކަމަށްޓަކައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި ސިޓީ ކައުންސިލްގެ ވޭސްޓް މެނޭޖްމަންޓް ސެކްޝަން ރަސްމީކޮށް ހުޅުވައިދެއްވީ މޭޔަރު ޑރ. މުހައްމަދު މުއިއްޒެވެ.

ވޭސްޓް މެނޭޖްމަންޓް ސެކްޝަން ހުޅުވައިދެއްވައި، މުއިއްޒު ވިދާޅުވީ، މިއަދު ހުޅުވުނު އޮފީހުގެ ސަބަބުން ކައުންސިލުން މާލެ އާއި ވިލިމާލެތެރޭގައި ހުންނަ ކުނިތައް ކަހައި އަދި ނެގުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށާއި، އިދާރީ ކަންކަން ކުރުމަށްޓަކައި ޖާގަ އިތުރުވެގެން ދާނެ ކަމަށެވެ.

މުއިއްޒު ވިދާޅުވި ގޮތުގައި، މި އޮފީސް ހުޅުވިގެން ދިއުމަކީ ކައުންސިލަށް ލިބިގެން ދިޔަ ވަރަށް ބޮޑު ކުރިއެރުމެކެވެ. އޭނާ ސިފަކުރެއްވި ގޮތުގައި މި އޮފީސް ހުޅުވިގެން ދިއުމަކީ މާލެތެރެ ސާފުތާހިރުކޮށް ބެލެހެއްޓުމުގެ މަސައްކަތް ހަރުދަނާ ގޮތެއްގައި ގެންދިއުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެއްގެ ގޮތުގައެވެ.

"މީގެ ނަތީޖާއަކަށް ވާނީ އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ތަނުގައި އިތުރަށް ހަރުދަނާކޮށް މާލެތެރެ ރީތިކޮށް ސާފުކޮށް ބޭއްވުމުގެ މަސައްކަތް ރަނގަޅަށް ގެންދިއުން،"

މިއަދު ހުޅުވި ވޭސްޓް މެނޭޖްމަންޓް ސެކްޝަނާ ބެހޭ އިތުރު މައުލޫމާތު ދެއްވަމުން މުއިއްޒު ވިދާޅުވި ގޮތުގައި:

  • އެ ސެކްޝަންގައި ޖުމްލަ 255 މުވައްޒަފުން މަސައްކަތްކުރާނެ
  • އެ މުވައްޒަފުންގެ އިދާރީ އަދި ހިންގުމުގެ ހުރިހާ ކަމެއް ކުރާނީ އެ ސެކްޝަންގައި

ވޭސްޓް މެނޭޖްމަންޓް ސެކްޝަންގެ މަސައްކަތް ކޮށްފައިވަނީ ހަރަދު ކުޑަކުރުމުގެ ގޮތުން ކަމަށާއި، އެ ސެކްޝަން ހިންގާ އޮފީހުގެ އަމަލީ މަސައްކަތްތައް ކޮށްފައިވަނީ މުވައްޒަފުން ކަމުގައި މުއިއްޒު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، އޮފީހުގެ މަސައްކަތްތައް ކޮށްފައި ވަނީ ތިން ލައްކަ ރުފިޔާގެ ބަޖެޓެއްގައި ކަމަށެވެ.

މާލެ އާއި ވިލިމާލޭގެ މަގުތަކާއި އަންމު ތަންތަން ސާފުކުރުމުގެ މަސައްކަތް ގަވައިދުން ނުކުރާ ކަމަށް ބުނެ، ކުންޏާ ބެހޭ ކުންފުނި ވެމްކޯ އާ އެކު ހަދާފައި އެއްބަސްވުން އާ ނުކުރަން ސިޓީ ކައުންސިލުން ނިންމުމުން، މިދިޔަ ޑިސެމްބަރު މަހުގެ 25 އިން ފެށިގެން މާލެ އާއި ވިލިމާލޭގެ އާންމު ތަންތަނުގައި ހުންނަ ކުނި ބުނިތައް ނަގައި މަގުތައް ފޮޅާ ސާފުކުރުމުގެ މަސައްކަތްތައް މިހާރު ކުރަމުން ދަނީ ސިޓީ ކައުންސިލުންނެވެ.

ނަމަވެސް، އަދިވެސް ބައެއް ސަރަހައްދުތަކުން ބަރާބަރަށް ކުނި ނެގެމުން ނުދާތީ، އާންމުން އެ ޝަކުވާ ކުރެއެވެ. މުއިއްޒު ވިދާޅުވާ ގޮތުގައި ކުރިއަށް އޮތް ދެ ތިން ހަފްތާގެ ތެރޭގައި އިތުރު ފިޔަވަޅު އެޅި، ކުނީގެ މައްސަލައަށް ހައްލެއް ލިބިގެން ދާނެއެވެ.