ޗައިނާ ކަނޑާއި ފެސިފިކް ގައުމުތަކުގައި ޗައިނާގެ ނުފޫޒާއި ބާރު އޮތްލެއް ބޮޑުކަމުން އެމެރިކާއަށް ކެތް ނުކުރެވިގެން އަޅަމުން ދާ ފިޔަވަޅުތަކުގެ ދަށުން ސޮލަމަންސް އައިލަންޑްސްގައި އެމްބަސީއެއް ހުޅުވައިފިއެވެ.

މި އެމްބަސީއަކީ، ސޮލަމަންސް އައިލަންޑްސް އިން ޗައިނާ އާ މާ ގާތް ގުޅުމެއް ބާއްވާއި، ޗައިނާ އާ އެކު އަސްކަރީ އެއްބަސްވުމެއްގައި ސޮއި ކުރި މައްސަލަގައި 1993 ގައި ބަންދު ކުރި އެމްބަސީއެކެވެ.

އެމްބަސީ އަލުން ހުޅުވި ރަސްމިއްޔާތުގައި ސޮލަމަންސްގެ ބޮޑުވަޒީރު ވައިވެރިވެވަޑައެއް ނުގަންނަވައެވެ.

ނަމަވެސް އެގައުމުގެ ފޮރިން މިނިސްޓްރީން ވަނީ އެމްބަސީ އަލުން ހުޅުވުމުން އެކަމަށް މަރުހަބާ ކިޔާފައެވެ.

އެމެރިކާ އާއި ޕެސިފިކް ކަނޑުގެ ބައިވެރިންނަށް ސޮލަމަންސް އަކީ މުހިންމު އިސްތިރާޖީ މަންޒިލެކެވެ. އޭޝިއާ އާ ގުޅާލަދޭ މައި މަގުގެ ގޮތުގައި އެ ފަރާތްތަކަށް މި ސަރަހައްދު މުހިންމުވެއެވެ. އެގޮތުން އެ ސަރަހައްދުގެ ޕަޕުއާ ނިއުގިނީގައިވެސް މިހާރު އެމެރިކަގެ ފައުޖެއް ގާއިމުވެ ތިބޭތާ ކިތަންމެ ދުވަހެކެވެ.

އަލަށް މި ހުޅުވި އެމްބަސީ އާ އެކު ސޮލަމަންސް ސަރަހައްދުގައި ޑިމޮކްރަސީ ދެމެހެއްޓުމަށް މަގުފަހިވެގެން ދާނެ ކަމަށާއި އެމެރިކާއާއި ޕެސިފިކްގެ ގުޅުންތައް އިތުރަށް ބަދަހިކުރެވިގެން ދާނެ ކަމަށް ހާރިޖީ ވަޒީރު އެންތަނީ ބްލިންކަން ވަނީ ވިދާޅުވެފައެވެ.

އޭނާ އިތުރަށް ވިދާޅުވީ، އެމްބަސީ ހުޅުވިގެން ދިޔަ ވަގުތަކީ މުހިންމު ވަގުތެއް ކަމަށާއި އިންޑޯ ޕެސިފިކާއި ޕެސިފިކް ކަނޑުގެ ގައުމުތަކަކީ 21 ވަނަ ގަރުނުގައި ދުނިޔޭގެ ޗާޓް ބަދަލުކުރުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރާނެ ސަރަހައްދު ކަމަށެވެ.

އޭނާ އެ އިޝާރާތް ކުރައްވަނީ، ވިޔަފާރީގެ މުއާމަލާތްތަކާއި އަސްކަރީ ގޮތުން ޗައިނާއާއި ހުޅަނގުގެ މައި އެއް ދޮރާއްޓަކީ އެއީ ކަމަށް ވުމާއެކު އެ ސަރަހައްދުން ޗައިނާގެ ބާރު ކެނޑިގެން ދާނެ ކަމަށެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އެމެރިކާގެ ރައީސް ޖޯ ބައިޑަން ވަނީ، ޕެސިފިކް ކަނޑުގެ 14 ގައުމުގެ ވެރިން ވައިޓްހައުސް އަށް ގެންދަވާ ބޮޑު ސަމިޓެއްވެސް ބާއްވަވާފައެވެ. މިއާއެކު އެ ސަރަހައްދުގެ ގައުމުތަކާއެކު ގުޅުން އިތުރަށް ބަދަހިކޮށް ވިޔަފާރީގެ ގުޅުންތައް ރަނގަޅު ކުރުމަށް ޗައިނާއިން އާ މަސައްކަތްތަކެއް ކުރި ނަމަވެސް އެކަން ވަނީ ކާމިޔާބުވާ ގޮތް ނުވެފައެވެ. ސޮލަމަން އައިލަންޑްސް އާ އެކު އަސްކަރީ އެއްބަސްވުމެއް ހެދި ނަމަވެސް އެ ސަރަހައްދުގެ އިތުރު 10 ގައުމަކުން ވަނީ ވިޔަފާރިއާއި އަސްކަރީ އެއްބަސްވުންތައް ޗައިނާ އާއެކު ހަދަން ދެކޮޅު ހަދާފައެވެ.

މިކަމުގައި ޗައިނާގެ ފަރާތުން ލޮބީ ކުރެއްވި، ހާރިޖި ވަޒީރު ވޭންގް ޔީ ވިދާޅުވީ، ޗައިނާއިން އެއްވެސް ގައުމަކާ ވާދަކުރަން ބޭނުން ނުވާ ކަމަށާއި ދުނިޔޭގެ ސިޔާސަތު ބައްޓަން ކުރުމުގެ ރޭހުގައި ކުރިހޯދަންވެސް ނޫޅުމުގެ އިތުރުން ވަކި ސަރަހައްދަކަށް ހަންފަތުރަންވެސް ނޫޅޭ ކަމަށެވެ.

އެ ސަރަހައްދުގެ އެންމެ ނުފޫޒުގަދަ އެއް ގައުމު ކަމުގައި ވާ ފިޖީ އިން ވެސް ވަނީ، ޗައިނާ އާ އެކު ކުރިއަށް ގެންދާ އަސްކަރީ ތަމްރީނުތައް ހުއްޓާލާނެކަން އިއުލާން ކޮށްފައެވެ.