އެމެރިކާ މައްޗަށް އެރި މޫސުމާ ބެހޭ ދިރާސާ ކުރާ ޗައިނާގެ ބެލޫންގެ މައްސަލާގައި އެމެރިކާގެ ހަރިޖީ ވަޒީރު އެންތަލީ ބްލިންކަން ޗައިނާ އަށް ކުރައްވަން އޮތް ދަތުރު ކެންސަލް ކޮށްފިއެވެ.
ޗައިނާ ބެލޫން އެމެރިކާގެ މައްޗަށް އެރި މައްސަލާގައި، އެގައުމުން ބުނެފައި ވަނީ އެއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި ގައުމުގެ އިސްތިގުލާލަށް އަަރައިގަތުން ފަދަ ކަމެއް ކަމަށެވެ.
ބްލިންކަން ޗައިނާއަށް ވަޑައިގަތުމަށް ތާވަލު ކޮށްފައި އޮތީ މާދަމާއަށެވެ.
ނަމަވެސް މި މައްސަލަ ފެންމަތި ވުމާއެކު، ބްލިންކަން ވިދާޅުވީ، އެ ބެލޫން މިސްރާބުން ކަސިޔާރުވިޔަސް އެމެރިކާގެ އިހުތިސޯސް ހިނގާ ސަރަހައްދުގެ ތެރެއަށް އަރައިފި ކަމަށާއި އެއީ އިސްތިގުލާލަށް ހުރަސް އެޅިގެން ދިޔުމުގެ އިތުރުން ބައިނަލްއަގުވާމީ ގާނޫނުތަކާވެސް މުޅިން ހިލާފު ކަމެއް ކަމަށެވެ.
މި މައްސަލައިގައި ޗައިނާއިން ހިތާމަ ކުރާކަމަށް ބުނެ، އެއީ މޫސުމީ ދިރާސާތަކަށް އާންމު ފަރާތަކުން އެރުވި ބެލޫނެއް މިސްރާބުން ކަސިޔާރުވެގެން ދިޔައީ ކަމަށް ބުނި ނަމަވެސް އެމެރިކާއިން ބުނެފައި ވަނީ އެއީ ޖާސޫސީ މައުލޫމާތު އެއްކުރަން އެރުވި ބެލޫނެއް ކަމަށެވެ.
އެމެރިކާގެ ސިޔާސީ ފަރާތްތަކާއި މީޑިއާތަކުގައިވެސް އެވާހަކަ ދައްކަނީ އެގޮތަށެވެ. ނަމަވެސް ޗައިނާއިން ތަކުރާރު ކޮށް ބުނީ، އެގައުމަކީ ބައިނަލްއަގުވާމީ ގާނޫނުތަކާއި ގައުމުތަކުގެ މިނިވަންކަމާއި އިސްތިގުލާލަށް ފުރިހަމައަށް އިހުތިރާމް ކުރާ އަދި އެގޮތުގެ މަތީގައި ދެމިއޮތް ގައުމެއް ކަމަށެވެ.
މީގެ އިތުރުން ބުނެފައި ވަނީ އަންނަ އާދީއްތަ ދުވަހު ބްލިންކަން ޗައިނާއަށް ވަޑައިގަންނަވާ ވާހަކަ ޗައިނާއިންވެސް އަދި ވޮޝިންޓަނުންވެސް އިއުލާން ކޮށްފައި ނުވާ ކަމަށާއި، ބްލިންކަން ދަތުރު ނުކުރައްވާނެ ވާހަކަ އެމެރިކާއިން ބުނުމަކީ އެމީހުންގެ އަމިއްލަ ކަމެއް ކަމަށެވެ.
މި މައްސަލައިގައި އެމެރިކާ އާއި ޗައިނާއިން މަޝްވަރާ ކުރަމުންދާ ވަގުތެއްގައި ޕެންޓަގަންގެ ތަރުޖަމާން ބްރިގޭޑިއާ ޖެނެރަލް ޕެޓްރިކް ރައިޑާ ވަނީ ދެވަނަ ބެލޫނެއް ވެސް ފެނިއްޖެ ކަމަށާއި އޭތި ދަތުރު ކުރަނީ ލެޓިން އެމެރިކާ އާ ދިމާއަށް ކަމަށް ވިދާޅުވެފައެވެ. ނަމަވެސް އޭތި ފެނުނު ސީދާ ސަރަހައްދެއް ވިދާޅުވެފައެއް ނުވެއެވެ.
އެމެރިކާގެ އޮފިޝަލުން އިތުރަށް ވިދާޅުވީ، މިވަގުތު އެންމެ ބޮޑު އިސްކަމެއް ދެނީ ބެލޫންތައް އެމެރިކާގެ ވައިގެ ސަރަހައްދުން ނެރުމާއެކު އެ މައްސަލަ ހައްލުކުރަން ކަމަށެވެ.
އެމެރިކާ އަކީ ޗައިނާގެ ބާރާއި ނުފޫޒާ ހެދި އެންމެ ކަންބޮޑުވާ ގައުމެވެ. މި ދިމާވި ހާދިސާގެ ކުރިންވެސް ވިޔަފާރީގެ ގޮތުންނާއި، ޓެކްނޮލޮޖީގެ ގޮތުން ޗައިނާއަށް ދަތިކުރުމުގެ އެތައް ފިޔަވަޅެއް އެމެރިކާއިން ވަނީ އަޅާފައެވެ. އަދި ޓައިވާން މައްސަލަ އާއި ދެކުނު ޗައިނާ ކަނޑުގައި ޗައިނާގެ ބާރު ގަދަ ކުރުމާއި ޔޫކްރައިން ހަނގުރާމައިގައި ޗައިނާއިން ރަޝިއާއަށް ތާއީދު ކުރާ މައްސަލައަކީ ވެސް އެމެރިކާ އަށް ބޮޑުވެފައި ހުރި މައްސަލަތަކެވެ.