އެމެރިކާގެ ހައްސާސް ބައެއް ސަރަހައްދުތަކުގެ މަތިން މިއަދު ދަތުރު ކުރަނިކޮށް ފެނުނު ބޮޑު ފުއްޕާހަމަކީ މޫސުމާ ބެހޭ ދިރާސާތައް ކުރަން އަމިއްލަ ބަޔަކު އެރުވި އެއްޗެއް ކަމަށް ޗައިނާއިން ބުނެފިއެވެ.

އެ ބެލޫން ނުވަތަ އެއާޝިޕް އަކީ އެމެެރިކާއަށް ޖާސޫސް ކުރަން ޗައިނާއިން ފޮނުވި އެއްޗެއް ކަމަށް އެމެރިކާ ސަރުކާރުން ބުނުމާއެކު ފުރަތަމަ އެކަމުގައި ޗައިނާއިން ރުޅިގަދަވެ ސާބިތު ނުހިފޭ ވާހަކަ ނުދެވުމަށް އިންޒާރު ދިނެވެ. އަދި އެ މައްސަލަ ބަލަމުން ދާ ކަމަށް ބުނުމަށް ފަހު ދާދި ދެންމެ ޗައިނާގެ ފޮރިން މިނިސްޓްރީން ބުނީ، އެއީ އަމިއްލަ ބަޔަކު އެރުވި އެއްޗެއް ކަމަށާއި އޭގެ މިސްރާބު ކަސިޔާރުވެ އެމެރިކާއަށް އެރީ ކަމަށެވެ.

އަދި އެކަމާ ހިތާމަ ކުރާ ކަމަށާއި، އެ ބެލޫނަކީ، މޫސުމީ ދިރާސާއަށް މައުލޫމާތު އެއްކުރާ ޑިވައިސް އެއް ލައިފައި އޮތް އެއްޗެއް ކަމަށް ވެސް ބުނެއެވެ.

އެ ފެނުނު ހަން ދަތުރު ކުރަނިކޮށް ފެނިފައި ވަނީ އަލަސްކާގެ މަތިން ގޮސް ކެނެޑާ ހުރަސްކޮށް މޮންޓާރާ މައްޗަށް އަރައިގެން ދަނިކޮށެވެ. އެ ހަން ދަތުރު ކުރަމުން ދިޔައީ ވިލާތަކުގެ ވެސް މަތިންނެވެ.

އެމެރިކާގެ ޑިފެންސް އޮފިޝަލަކާ ހަވާލާދީ ހަބަރުތަކުން ބުނެފައި ވަނީ، އެ ހަން ވައްޓާލުމަށް ވައިޓް ހައުސް އިން އޯޑަރު އަތުވެދާނެ ކަމަށް ބަލައި ވައިގެ ބާރުތައް އެލާޓް ކޮށްފައި ވާކަމަށާއި އެ ހަން ވައްޓާލައި ތަހުގީގު ކުރަން ޖެހޭ ކަމަށެވެ.

މި ހަން ކެނެޑާގެ މަތިން ފެނުމާއެކު، އެ ގައުމުގެ އޮފިޝަލުން ވިދާޅުވެފައި ވަނީ، އެފަދަ 2 ވަނަ ހަމެއްވެސް ފެނިފައި ވާ ކަމަށާއި އެއީ ވަކިގައުމަކުން ފޮނުވި އެއްޗެއް ކަން އަދި ބުނަން ބޭނުން ނުވި ނަމަވެސް އެކަމުގައި އެމެރިކާ އާ ގުޅިގެން ގާތުން ބަލަމުން ގެންދާ ކަމަށެވެ.

މި ހާދިސާ އާ ގުޅިގެން އެމެރިކާގެ ދިފާއީ ވަޒީރު ލޮއިޑް އޮސްޓިން އާއި އެމެރިކާގެ ޖޮއިންޓް ޗީފް އޮފް ސްޓާފް ޖެނެރަލް މާވް މިލޭ ވަނީ ކުއްލި ބައްދަލުވުމެއް ބާއްވަވާފައެވެ. އެ ބައްދަލުވުމުގައި އެ ހަމުގެ ސަބަބުން ދިމާވެދާނެ ނުރައްކަލަކާ މެދު މަޝްވަރާ ކުރައްވާފައި ވާ އިރު އެކަމާ ގުޅޭ ގޮތުން އަޅަން ނިންމެވި ފިޔަވަޅެއް އަދި ސާފެއް ނުވެއެވެ.

މި ހަން ފެނުނު މޮންޓާނާ އަކީ، އެމެރިކާއިން ތަރައްގީ ކޮށްފައި ވާ ނިއުކްލިއާ މިސައިލް ފީލްޑްތަކުގެ ތެރެއިން 3 ފީލްޑް (ތަނެއް) އޮންނަ ސިޓީއެކެވެ. އެ ސިޓީގައި އޮންނަ މަލްމްސްޓްރޮމް އެއާފޯސް ބޭސްގެ އޮފިޝަލަކު ވިދާޅުވީ، އެ ހަން ދަތުުރު ކުރަމުން ދަނީ ވަގަށް މައުލޫމާތު އެއްކުރަމުން ކަމަށް ބެލެވޭ ކަމަށާއި ނަމަވެސް އެ ގޮއްވާލައިފި ނަމަ، ކުނޑިކުނޑި ވެ ފައިބާ އެތިއެތިކޮޅު އާންމުން ދިއިރުޅޭ ސަރަހައްދުތަކަށް ވެއްޓިދާނެ ތީ ސަމާލުވާން ޖެހޭ ކަމަށެވެ.

އެ ހަމުގެ އަސްލު ސައިޒް ބުނަން އެމެރިކާގެ އޮފިޝަލުން ދެކޮޅު ހެދިނަމަވެސް، އާންމުކޮށް އުދުހި އުޅޭ މަތިންދާ ބޯޓުތަކުގެ ޕައިލެޓުންނަށް ވެސް އެ ހަން މާ ދުރުން ފެންނަ ހާ ބޮޑު ކަމަށާއި އޭގެ ސައިޒް އާދައިގެ ބޮޑެތި ބަހުގެ 3 ބަސް ވަރުވާނެ ކަމަށް ބުނެއެވެ.

މި މައްސަލައިގައި ޗައިނާއިން އެމެރިކާގެ ކިބައިން މައާފަށް އެދި ބުނީ، މިކަމުގައި އެމެރިކާ ސަރުކާރާ ވާހަކަ ދައްކަމުން ގެންދާނެ ކަމަށެވެ.