އެމެރިކާގެ ބައެއް ހައްސާސް ސަރަހައްދުތަކާ ދިމާ މަތިން ދަތުރު ކުރާ ގޮތް ނޭނގޭ މާސިންގާ ފުއްޕާހަމެއް ފެނި އެގައުމުގެ އަސްކަރިއްޔާ އިން ސަމާލުކަމަށް އައިސްފިއެވެ.
އެ ފުއްޕާހަމުގެ ވީޑިއޯ އާންމު ކޮށްފައި ވާ އިރު އޭގެ ތެރޭގައި ޑީވައިސް އެއް އޮތް ތަން ވެސް ފެނެއެވެ. އެމެރިކާ އިން ބުނެފައި ވަނީ މިއީ އެމެރިކާގެ ހައްސާސް ސަރަހައްދުތަކަށް ނުވަތަ ފެސިލިޓީތަކަށް ޖާސޫސް ކުރުމަށް ޗައިނާ އިން އަރުވާފައިވާ އެއްޗެއް ކަމަށެވެ.
ނަމަވެސް ޗައިނާއިން މިކަމުގައި އެމެރިކާ އަށް ރައްދު ދެމުން ބުނީ ވާނުވާ ނުބަލައި ޗައިނާ ބޮލުގައި އިލްޒާމް ނޭޅުވުމަށެވެ.
އެ ފެނުނު ހަން ދަތުރު ކުރަނިކޮށް ފެނިފައި ވަނީ އަލަސްކާގެ މަތިން ގޮސް ކެނެޑާ ހުރަސްކޮށް މޮންޓާރާ މައްޗަށް އަރައިގެން ދަނިކޮށެވެ. އެ ހަން ދަތުރު ކުރަމުން ދިޔައީ ވިލާތަކުގެ ވެސް މަތިންނެވެ.
އެމެރިކާގެ ޑިފެންސް އޮފިޝަލަކާ ހަވާލާދީ ހަބަރުތަކުން ބުނެފައި ވަނީ، އެ ހަން ވައްޓާލުމަށް ވައިޓް ހައުސް އިން އޯޑަރު އަތުވެދާނެ ކަމަށް ބަލައި ވައިގެ ބާރުތައް އެލާޓް ކޮށްފައި ވާކަމަށާއި އެ ހަން ވައްޓާލައި ތަހުގީގު ކުރަން ޖެހޭ ކަމަށެވެ.
މި ހަން ކެނެޑާގެ މަތިން ފެނުމާއެކު، އެ ގައުމުގެ އޮފިޝަލުން ވިދާޅުވެފައި ވަނީ، އެފަދަ 2 ވަނަ ހަމެއްވެސް ފެނިފައި ވާ ކަމަށާއި އެއީ ވަކިގައުމަކުން ފޮނުވި އެއްޗެއް ކަން އަދި ބުނަން ބޭނުން ނުވި ނަމަވެސް އެކަމުގައި އެމެރިކާ އާ ގުޅިގެން ގާތުން ބަލަމުން ގެންދާ ކަމަށެވެ.
މި ހާދިސާ އާ ގުޅިގެން އެމެރިކާގެ ދިފާއީ ވަޒީރު ލޮއިޑް އޮސްޓިން އާއި އެމެރިކާގެ ޖޮއިންޓް ޗީފް އޮފް ސްޓާފް ޖެނެރަލް މާވް މިލޭ ވަނީ ކުއްލި ބައްދަލުވުމެއް ބާއްވަވާފައެވެ. އެ ބައްދަލުވުމުގައި އެ ހަމުގެ ސަބަބުން ދިމާވެދާނެ ނުރައްކަލަކާ މެދު މަޝްވަރާ ކުރައްވާފައި ވާ އިރު އެކަމާ ގުޅޭ ގޮތުން އަޅަން ނިންމެވި ފިޔަވަޅެއް އަދި ސާފެއް ނުވެއެވެ.
މި ހަން ފެނުނު މޮންޓާނާ އަކީ، އެމެރިކާއިން ތަރައްގީ ކޮށްފައި ވާ ނިއުކްލިއާ މިސައިލް ފީލްޑްތަކުގެ ތެރެއިން 3 ފީލްޑް (ތަނެއް) އޮންނަ ސިޓީއެކެވެ. އެ ސިޓީގައި އޮންނަ މަލްމްސްޓްރޮމް އެއާފޯސް ބޭސްގެ އޮފިޝަލަކު ވިދާޅުވީ، އެ ހަން ދަތުުރު ކުރަމުން ދަނީ ވަގަށް މައުލޫމާތު އެއްކުރަމުން ކަމަށް ބެލެވޭ ކަމަށާއި ނަމަވެސް އެ ގޮއްވާލައިފި ނަމަ، ކުނޑިކުނޑި ވެ ފައިބާ އެތިއެތިކޮޅު އާންމުން ދިއިރުޅޭ ސަރަހައްދުތަކަށް ވެއްޓިދާނެ ތީ ސަމާލުވާން ޖެހޭ ކަމަށެވެ.
އެ ހަމުގެ އަސްލު ސައިޒް ބުނަން އެމެރިކާގެ އޮފިޝަލުން ދެކޮޅު ހެދިނަމަވެސް، އާންމުކޮށް އުދުހި އުޅޭ މަތިންދާ ބޯޓުތަކުގެ ޕައިލެޓުންނަށް ވެސް އެ ހަން މާ ދުރުން ފެންނަ ހާ ބޮޑު ކަމަށާއި އޭގެ ސައިޒް އާދައިގެ ބޮޑެތި ބަހުގެ 3 ބަސް ވަރުވާނެ ކަމަށް ބުނެއެވެ.
މި ހަން ދަތުރު ކުރާ މިސްރާބާއި ސްޕީޑް އޮފިޝަލުންނަށް އެނގޭ އިރު، ގާތުން ބަލައި މޮނިޓާ ކުރަމުން ގެންދާ ކަަމަށް ވަނީ ބުނެއެވެ. އަދި މި ހަމުގެ މައްސަލައިގައި ވޮޝިންޓަންގައި ހުންނަވާ ޗައިނާ އެމްބެސެޑަރަށް އެމެރިކާގެ ސަރުކާރުގެ ފަރާތުން މިހާރު ޝަކުވާ ހުށަހަޅާފައި ވާ ކަމަށް ވެސް ހަބަރުތައް ބުނެއެވެ.
މިކަމާ ގުޅިގެން ޗައިނާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާން މައޯ ނިންގް ވިދާޅުވީ، އެ މައްސަލަ ބަލަމުން ގެންދަވާ ކަމަށާއި އެއީ ޗައިނާއިން އަރުވައިގެން އުޅޭ ހަމެއްކަމަށް ބުނެ ނުތަނަވަސްކަން އުފެއްދުމުގެ ބަދަލުގައި އަސްލު ދެނެގަތުމަށް ފަހު ވާހަކަ ދެއްވުމަށް އޭނާ ވަނީ އެމެރިކާއަށް ގޮވާލައްވާފައެވެ. އަދި އެމެރިކާއިން އުޅެނީ ވާހަކަ ތަކެއް ދައްކައިގެން ފިނި ހަނގުރާމައިގެ ހާލަތެއް އުފައްދަން ކަމަށްވެސް ޗައިނާ ބުނެއެވެ.
މީގެ ކުރިންވެސް މިބާވަތުގެ ސަވައިލަންސް ހަން ފެނިފައި ވާ އިރު މި ހަން ފެނުމާއެކު އާންމުންގެ ގިނަ ބަޔަކު ހީކުރީ އެއީ ޔޫއެފްއޯއެއް ކަމަށެވެ.