އެމެރިކާގެ އެންމެ ބޮޑު ބިރަކަށް ވެފައި އޮތް ޗައިނާގެ ބާރު "ކަނޑުވާލުމަށް" އިސްތިރާޖީ ގޮތުން ކުރަމުން ދާ މަސައްކަތުގައި، ޕިލިޕީންސް ރުއްސުމަށް ފަހު ޗައިނާ ވަށާލައިފިއެވެ.

ޓައިނާނު ހިމެނޭހެން ދެކުނު ޗައިނާ ކަނޑުގެ ވަށައިގެން ހުރި މުހިންމު އިސްތިރާޖީ މަގާމުތަކުގައި އެމެރިކާއިން ގާއިމުވަމުން ދިޔަ އިރު، ޕިލިޕީންސް އޮތީ މިއޮއްހާ ދުވަހު އެމެރިކާއަށް ދީލައިނުލައެވެ. ނަމަވެސް ޕިލިޕީންސާ އެކު ހެދި ޑީލެއްގެ ދަށުން އެގައުމުގެ އަސްކަރީ 4 ބޭހެއްގައި އެމެރިކާގެ އަސްކަރިއްޔާ ގާއިމު ކުރެވޭނެ ގޮތް ހަމަޖެހިގެން ދިޔުމާ އެކު، މިހާރު ޗައިނާގެ ވަށައިގެން ހުރި ހުރިހާ މުހިންމު ސަރަހައްދުތަކެއް އެމެރިކާ އަށް ބަލައި މޮނިޓާ ކުރެވޭނެއެވެ.

ޗައިނާ ވަށައިގެން އެމެރިކާގެ އަސްކަރިއްޔާ މިހާރު ގާއިމު ކޮށްފައި ވަނީ، ދެކުނު ކޮރެއާ، ޖަޕާން އަދި އޮސްޓްރޭލިއާ ގައެވެ. ޕިލިޕީންސްގައި އެމެރިކާއަށް ގާއިމުވެވޭނެ ގޮތް ވުމުން އެ ބައްރު އެކަށް އެމެރިކާގެ ސަވައިލަންސް އަށް ލެވުނީއެވެ.

ޕިލިޕީންސް އާ އެކު އެމެރިކާއިން އާ ކުރި އެއްބަސްވުން "އެންހޭންސްޑް ޑިފެންސް ކޯޕަރޭޝަން އެގްރީމަންޓް" (އީޑީސީއޭ) ގެ ދަށުން މޫސުމަށް އަންނަ ބަދަލުތަކާއި އިންސާނީ އެހީ ފޯރުކޮށްދިނުން ހިމަނާފައި ވީ ނަމަވެސް، ޗައިނާ އަށް ފާރަވެރިވުމަކީ މި އެއްބަސްވުމުގެ އެންމެ މުހިންމު އެއް ބޭނުމެވެ.

ޕިލިޕީންސްގެ ރައީސް ފާޑިނާންޑް މާކޮސް ޖޭއާރު ނުވަތަ "ބޮންގްބޮންގް" އާއި އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ލޮއިޑް އޮސްޓިން މިއަދު ބައްދަލު ކުރައްވައި މި އެއްބަސްވުން ގާއިމު ކޮށްފައި ވާ އިރު، އެމެރިކާއިން ޕިލިޕީންސްގައި ހަދާ އަސްކަރީ 4 ބޭސްގެ ތެރެއިން އެއް ބޭސް އޮންނާނީ ޕިލިޕީންސްގެ އުތުރުން ޓައިވާނާ ކައިރިއަށް އޮންނަ ލުޒޮންގައި ކަމަށް ބުނެއެވެ. ދެން ހުރި ބޭސްތައް ހަދާ ތަންތަނުގެ މައުލޫމާތެއް އަދި ނެތެވެ.

މިއީ މީގެ 30 އަހަރު ކުރިން އެމެރިކާއިން އިސްތިއުމާރު ކުރި ޕިލިޕީންސްގައި އެެމެރިކާއިން މިހާ ފުޅާ ދާއިރާއެއްގައި ގާއިމުވެ ތިބުމަށް ދިން ފުރަތަމަ ފުރުސަތު ކަމަށް ވާއިރު، މިއީ އާދައިގެ ކަމެއް ނޫން ކަމަށް މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ބުނެފައި ވެއެވެ. އެގޮތުން ވޮޝިންގްޓަންގެ ސެންޓާ ފޯ އިންޓަނޭޝަނަލް ސްޓަޑީޒްގެ ދެކުނު އިރުމަތީ އޭޝިއާގެ ޑައިރެކްޓަރު ގްރެގަރީ ބީ ޕޮލިންގް ވިދާޅުވީ، އެމެރިކާ އަށް މުހިންމު ވަނީ އަސްކަރީ ބޭސް ތައް ނޫން ކަމަށާއި އެމެރިކާ އަށް މުހިންމު ވަނީ ތަން (ލޮކޭޝަން) ކަމަށެވެ. އެގޮތުން ފަސޭހަކަމާއެކު ހަރަކާތްތައް ހިންގުމާއި ކުރަން ބޭނުންވާ ކަންކަން ކުރެވުމީ އެމެރިކާއިން ބޭނުންވާ ގޮތް ކަމަށެވެ.

އެމެރިކާއިން ޕިލިޕީންސް އިސްތިއުމާރު ކޮށްގެން ތިބި ދުވަސްވަރު 15،000 ސިފައިން އެގައުމުގައި ތިއްބެވެ.