މިއަދުން ފެށިގެން ކިޔަވާ ލޯނާއި ބީއެމްއެލް އިސްލާމިކް އެޑިއުކޭޝަން ފައިނޭންސިންގެ ރޭޓް 5 ޕަސަންޓަށް ދަށްކޮށްފައިވާ ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބުނެފިއެވެ.
މި ބަދަލާއެކު ދަރިވަރުން ދެން ނަގާ ކިޔަވާ ލޯނުތަކާ އެޑިއުކޭޝަން ފައިނޭންސިންގެ އިތުރުން ކުރިން ނަގާފައިވާ ކިޔަވާ ލޯންތަކުގެ އިންޓަރެސްޓް ރޭޓް ވެސް 5 ޕަސެންޓަށް ކުޑަވެގެން ދާނެއެވެ.
ބީއެމްއެލް ކިޔަވާ ލޯނާއި އެޑިއުކޭޝަން ފައިނޭންސިން މެދުވެރިކޮށް ދަރިވަރުންނަށް ތައުލީމުގެ ހަރަދު، ޓިއުޝަން ފީ އަދި ދިރިއުޅުމުގެ އެހެނިހެން ހަރަދުތައް ހިމެނޭ ގޮތަށް ހަރަދުގެ 75 ޕަސެންޓާ ހަމައަށް ފައިނޭންސް ލިބޭނެއެވެ. އަދި ކިޔެވުން ނިންމުމަށްފަހު ފައިސާ އަނބުރާ ދެއްކުމަށް 10 އަހަރު ދުވަހުގެ މުއްދަތު ލިބިގެންދާނެއެވެ.
ލޯނު ދޫކުރުމުގައި ބަލާނެ ކަންތައްތައް:
- އަމިއްލައަށް ނުވަތަ އިތުރު މީހަކާ ގުޅިގެން ވެސް ލޯން ނެގޭނެ
- މަހެއްގެ މައްޗަށް ލިބޭ މުސާރަ އަކީ އަނބުރާ ދައްކަން ޖެހޭ ފައިސާ ކަވަރުކުރުމަށް ފުދޭ ވަރުގެ އާމްދަނީއަކަށްވުން
- ފާއިތުވި 6 މަސް ދުވަހުގެ ތެރޭގައި ބޭންކް އެކައުންޓަކަށް އާމްދަނީ ޖަމާކުރުން އަދި އެންމެ ފަހު މަހުގެ އާމްދަނީ ތިމާގެ ބީއެމްއެލް އެކައުންޓަށް ޖަމާކުރުން
- މުސާރަ، ވިޔަފާރީގެ އާމްދަނީ އަދި ކުލީގެ އާމްދަނީގެ އިތުރުން އާމްދަނީއެއް ލިބޭ މަސައްކަތްތައް
- ސެކިއުރިޓީގެ ގޮތުގައި ހުށަހަޅާ މުދަލަކީ ނަގާ ލޯންގެ މަދުވެގެން 150 އިންސައްތައާ އެއްވަރު މުދަލަކަށްވުން
- އެންމެ މަތީ އުމުރެއްގެ ގޮތުގައި އާންމުކޮށް ބަލަނީ 60 އަހަރު (މި ޝަރުތު ހަމަނުވާނަމަ، އެކަމަށް އެދި ހުށަހަޅާ އެހެން ފަރާތަކާއެކު ޖޮއިންޓް ކެޕޭސިޓީގައި އެޕްލިކޭޝަން ހުށަހެޅުއްވުން)
އިންޓްރެސްޓް އަދި ފައިނޭންސިން ރޭޓަށް ގެނެވުނު މި ބަދަލާއެކު، މިހާރު ލޯނާއި ފައިނޭންސިން ނަގާފައިވާ ފަރާތްތަކަށް ފައިސާ އަނބުރާ ދައްކައްޖެހޭ މުއްދަތު ކުޑަވެގެންދާނެއެވެ. އަދި މަހުން މަހަށް ދައްކަންޖެހޭ އަދަދު ކުޑަކުރުމަށް ބޭނުންވާ ކަސްޓަމަރުން އަމަލުކުރަންޖެހޭ ގޮތް ކިޔަވާ ލޯނާއި ބީއެމްއެލް އިސްލާމިކް އެޑިއުކޭޝަން ފައިނޭންސިން ނަގާފައިވާ ކަސްޓަމަރުންނާ ބީއެމްއެލްއިން ހިއްސާކުރާނެއެވެ.
މި ހިދުމަތާ ގުޅިގެން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު ކާލް ސްޓުމްކަ ވިދާޅުވީ ކިޔަވާ ލޯނަށް ގެނެވުނު ބަދަލާއެކު ދުނިޔޭގެ ކޮންމެ ތަނަކުން ކިޔެވުމަށް ބޭނުންވާ ދަރިވަރުންނަށްވެސް ފަސޭހައިން ފަންޑިން ހޯދުމުގެ ފުރުސަތު ފަހިކޮށްދެވޭ ކަމީ ބީއެމްއެލްއަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.