ދިވެހިރާއްޖޭގެ ހައި ކޯޓްގެ ފަނޑިޔާރު ކަމުގެ މަގާމަށް ހުޅުވާލި ފުރުސަތުގެ ސުންގަޑި ހަމަވިއިރު 4 ބޭފުޅުން އެ މަގާމަށް ކުރިމަތިލައްވާފައިވާ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނެފިއެވެ.

މުއްދަތު ހަމަވިއިރު މި މަގާމަށް ކުރިމަތިލައްވާފައި ވަނީ ކްރިމިނަލް ކޯޓްގެ އިސް ގާޒީ އަހްމަދު ޝަކީލް، ސިވިލް ކޯޓްގެ ގާޒީ މަރިޔަމް ވަހީދާ، ގދ ގައްދޫގެ މެޖިސްޓްރޭޓް މުހައްމަދު ޝަނީޒް ގެ އިތުރުން ހުސައިން ޝަކީބް ކަމަށް ޖޭއެސްސީއިން ވަނީ ބުނެފައެވެ.

މި މަހުގެ 16 ވަނަ ދުވަހު ކުރިމަތިލުމުގެ ފުރުސަތު ހުލުވާލި މި މަގާމަށް ކުރިމަތިލުމުގެ މުއްދަތު ހަމަވެފައިވަނީ މިއަދު މެންދުރު 12 އަށެވެ.

އަސާސީ މުސާރައިގެ ގޮތުގައި 36،000 ރުފިޔާ، ލިވިން އެލަވަންސްގެ ގޮތުގައި 15،000 ރުފިޔާ އަދި ރިސްކް އެލަވަންސްއަށް މަހަކު 3،300 ރުފިޔާއާއެކު މުޅި ޖުމްލަ 54،000 ރުފިޔާގެ މުސާރަ ހައިކޯޓުގެ ފަނޑިޔާރުންނަށް ލިބިވަޑައި ގަންނަވާނެއެވެ.

ހައިކޯޓުގެ ފަނޑިޔާރުންނަށް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާފައިވާ ގޮތުގެމަތިން މެޑިކަލް އިންޝުއަރެންސް އަދި ފޯން އެލަވެންސް ވެސް ލިބިވަޑައިގަންނަވާނެއެވެ.