13 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި 60 އަހަރުގެ މީހަކު ހައްޔަރު ކޮށްފިއެވެ.

ފުލުހުން ބުނީ ހއ. ހދ އަދި ށ. ހިމެނޭ ރަށެއްގައި 13 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް މިދިޔަ މަހުގެ 28 ވަނަ ދުވަހު ފުލުހަށް ހުށަހަޅާފައިވާ ކަމަށެވެ.

މިމައްސަލައާ ގުޅިގެން 60 އަހަރުގެ ދިވެހި ފިރިހެނަކު ކޯޓު އަމުރެއްގެ ދަށުން ރޭ ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ، މި މައްސަލަ ފުލުހުން ތަހުގީގުކުރަމުންދާ ކަމަށެވެ.

ކުޑަކުދިން ހިމެނޭ މިފަދަ މައްސަލަތަކުގައި ކުޑަކުއްޖާގެ ކަރާމާތް ރައްކާތެރިކުރުމުގެ ގޮތުން އެކުއްޖާ އައިޑެންޓިޓީ ދެނެގަނެވޭނެ ފަދަ މައުލޫމާތު ފުލުހުން ހިއްސާކޮށްފައެއް ނުވެއެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުން އަނިޔާއެއް ދިނުން ފަދަ މައްސަލަތަކަކީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުން އަންނަ މައްސަލަތަކެވެ.

ޖެންޑާ މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެކަނިވެސް ކުޑަކުދިންނަށް ކުރާ އަނިޔާގެ 109 މައްސަލައެއް ވަނީ ހުށަހަޅާފައެވެ.

މި ބާވަތުގެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ ގެވެށި އަނިޔާގެ އަމަލެއް ކުރާތަން ކުއްޖަކަށް ދެއްކުން ނުވަތަ ފެނުމުގެ މައްސަލައެވެ. އެގޮތުން މިބާވަތުގެ 30 މައްސަލައެއް ވަނީ ޑިސެންބަރު 2022 ގައި ހުށަހަޅާފައިވެއެވެ.