އިނގިރޭސިވިލާތުގެ ބްރޯޑްކާސްޓަރު ބީބީސީ އިން ގުޖުރާތު ގަތުލުއާންމާ ގުޅޭ ގޮތުން ދެއްކި ފިލްމްގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއަށް ފާޑުކިޔާފައި ވުމުން، އެމެރިކާ އާއި ލަންޑަންގައި ދިރިއުޅޭ އިންޑިއާ މީހުން އިހުތިޖާޖު ކޮށްފިއެވެ.

ލަންޑަންގައި ދިރިއުޅޭ އިންޑިއާ މީހުން ބީބީސީ ހެޑްކްއާޓަރު ހުންނަ ސަރަހައްދުގައި އިހުތިޖާޖު ކުރި އިރު އެމެރިކާގައި ދިރިއުޅޭ އިންޑިއާ މީހުން އިހުތިޖާޖު ކުރީ ކެލިފޯނިއާގައެވެ.

"އެއް އަތަކަށް ޖެހިފައި އޮތް ބީބީސީ"، "ދޮގު ފަތުރާ ބީބީސީ"، "ރޭސިސްޓް ބީބީސީ"، ފަދަ ސްލޯގަންތައް ލިޔެ ބޯޑުތައް ހިފައިގެން އަޑުއުފުލަމުން ދިޔަ މީހުން ގޮވަމުން ދިޔައީ ބީބީސީ ބޯއިކޮޓު ކުރުމަށާއި އެއީ ހުސް ޕްރޮޕެގެންޑާ ކަމަށެވެ. އަދި މޯދީ ގެ މައްޗަށް ތުހުމަތު ކުރާ ކަންކަމަކީ އެއްވެސް އަސާސެއް، އަސްލެއް ނެތް ވާހަކަތަކެއް ކަމަށާއި އެއީ އިނގިރޭސީންގެ އިސްތިއުމާރީ ކުލަތައް ޖައްސާފައިވާ އެއްޗެއް ކަމަށެވެ.

އެެމެރިކާގެ ކެލިފޯނިއާގައި ބޭއްވި އިހުތިޖާޖުގައި 50 މީހަކު ބައިވެރި ވި އިރު، ލަންޑަންގައި ކުރި އިހުތިޖާޖުގައި ބައިވެރިވި މީހުންގެ އަދަދު ސާފެއް ނުވެއެވެ.

އިހުތިޖާޖުގެ ބައިވެރިން ބީބީސީއަށް ފާޑުކިޔައި މޯދީގެ ދިފާއުގައި ބުނަމުން ދިޔައީ، މޯދީގެ ވެރިކަމުގައި 3 ފަށް ވަރިން ވަރިކުރުން އިންޑިއާގެ މުސްލިމުން އަންހެނުންނަށް ނިމުމަކަށް ގެނެސްދިން ކަމަށާއި އުޖްވަލާ ސްކީމްގެ ދަށުން ގޭގެއަށް ގޭސް ސިލިންޑަރު ހިލޭ ދިން ކަމަށާއި ޖާން ދާން ސްކީމްގެ ދަށުން ބޭންކް އެކައުންޓް ހުޅުވޭނެ ގޮތް ހަދައި ގެދޮރު އަމިއްލަ ކުރެވޭނެ ގޮތްވެސް ހަދައިދިން ކަމަށެވެ. އިންޑިއާގައި 3 ފަށް ވަރި ނުވަތަ ޓްރިޕަލް ތަލާގު މާނަ ކުރަނީ އެއްފަހަރުން 3 ފަށް ވަރިން ވަރިކުރުމަށެވެ. އިންޑިއާގެ ބައެއް ސަރަހައްދުތަކުގައި އަންހެން މީހާއާ މެދު ހިތްހަމަ ނުޖެހޭ ނަމަ އެއްފަހަރާ 3 ފަށް ވަރިން ވަރިކުރުމުގެ އިހުތިޔާރު ފިރިހެން މީހާއަށް އޮވެއެވެ.

މޯދީ ފިލްމްގެ މައްސަލައިގައި އިންޑިއާގެ އަލިގާރް މުސްލިމް ޔުނިވާސިޓީގެ ވައިސް ޗާންސެލަރު ވެސް ވަނީ ފާޑުވިދާޅުވެފައެވެ. އޭނާ ވިދާޅުވީ، ބީބީސީގެ ޑޮކިއުމެންޓަރީ އަކީ ބާވެފައި ހުރި ހާދިސާތަކެއްގެ މައްޗަށް ތައްޔާރު ކޮށްފައި އޮތް އެއްޗެއް ކަމަށާއި، އިންޑިއާގެ މުސްލިމުން ބޭނުންވަނީ މާޒީ ހަނދާން ނައްތާލައި ކުރިއަށް ދާން ކަމަށެވެ.

ބީބީސީގެ ފިލްމުގައި ބުނެފައި ވާ ގޮތުން 2002 ވަނަ އަހަރު އިންޑިއާގެ ގުޖުރާތުގެ ޗީފް މިނިސްޓަރަކަށް ނަރެންދްރަ މޯދީ ހުންނެވި އިރު މުސްލިމުންނާއި ހިންދޫންނާ ދެމެދު ހިނގި ކުރިމަތިލުމުގައި 1000 އެއްހާ މީހުން މަރުވެގެން ދިޔައީ، އެ ކުރިމަތިލުން ހުއްޓުވަން ފުލުހުން ކުރި މަސައްކަތަށް މޯދީ ހުރަސް އެޅުއްވުމުންނެވެ. ނަމަވެސް މޯދީވެސް އަދި މޯދީއަށް ތާއީދު ކުރާ އަދި އިންޑިއާ ސަރުކާރަށް ތާއީދު ކުރާ ގިނަ ފަރާތްތަކުން ބުނެފައި ވަނީ އެ ފިލްމަކީ އޮޅުވާލުމެއް ކަމަށެވެ. ނަމަވެސް މި މައްސަލައިގައި ބީބީސީން ބުނެފައި ވަނީ، އެ ފިލްމް ތައްޔާރު ކުރުމަށްޓަކައި އޭރު އިނގިރޭސި ސަރުކާރުން ކޮށްފައިވާ ތަހުގީގުތަކާއި، އެދުވަސްވަރުގެ އެ ހާދިސާ ތަޖުރިބާކުރި ފަރާތްތަކާއި، އެދުވަސްވަރު އިނގިރޭސި ސަރުކާރުގެ ސިޔާސީ އޮފިޝަލުންގެ ބަސް ހިމެނުމުގެ އިތުރުން އެތައް ދިސާރާއެއް ކޮށްފައި ވާ ކަމަށެވެ. އަދި އޭގައި ހިމަނާފައިވާ ވާހަކަތަކަކީ ތަހުގީގީ ނަޒަރަކުން ކޮށްފައި ހުރި މުހިންމު މަސައްކަތްތަކެއް ކަމަށް ވެސް ބުނެފައި ވެއެވެ.

ބީބީސީގެ މި ފިލްމު (ޑޮކިއުމެންޓަރީ) އިންޑިއާގައި ދެއްކުން މަނާކޮށް، ޔޫޓިއުބާއި ޓްވިޓާ ފަދަ ޕްލެޓްފޯމްތަކުން ވެސް ވަނީ ނަގުވާފައެވެ.