އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ކާމިޔާބު ހޯއްދަވާފައިވާ ކަމަށް ވިދާޅުވެ، އެމަނިކުފާނާ ވާދަކުރެއްވި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ބަލި ގަބޫލު ކުރައްވައިފިއެވެ.

އެމްޑީޕީގެ ވަޓްސްއަޕް ގްރޫޕަކަށް މިއަދު ހެނދުނުގެ ވަގުތެއްގައި ފޮނުއްވި މެސެޖެއްގައި ނަޝީދު ވިދާޅުވީ، ޕްރައިމަރީގެ އޮޅުވާޅުންތައް "އެއްކިބާކޮށްފި" ނަމަ، ރައީސަށް ގިނަ ވޯޓު ގެއްލޭނެ ކަމަށެވެ. ނަމަވެސް ވޯޓު ލުމުގެ ހައްގު ލިބިގެންވާ މީހުންގެ ލިސްޓަށް ބަލައިފި ނަމަ ކުޑަ ތަފާތަކުން ރައީސް ޕްރައިމަރީ ކާމިޔާބު ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

އެހެންވިޔަސް ވެސް، ނަޝީދު ވިދާޅުވި ގޮތުގައި ރައީސަށް މި އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބެއް ނުކުރެއްވޭނެއެވެ.

އެހެންވެ، ނަޝީދު ލިޔުއްވި މެސެޖުގައި ހުށަހަޅުއްވާފައި ވަނީ "ފިކުރެއްގެ ދިރުން" ނަމުގައި އެމްޑީޕީގެ ހުރިހާ ރަށެއްގައި ގޮފިތައް ހަދައި، އެމްޑީޕީގެ ދަފްތަރުން ވަކިކުރި 39 ހާސް މެންބަރުން ޕާޓީ އާ ގުޅި، އެ މެންބަރުން ހިމެނޭހެން ގޮތް ނިންމުމަށެވެ.

"ފިކުރެއްގެ ދިރުމުގެ ފަރާތުން ތާއީދުކުރާ ރިޔާސީ ކެންޑިޑޭޓެއް ކަނޑައަޅާނީ ފަހުން،"

ނަޝީދު ވިދާޅުވި ގޮތުގައި، އެމަނިކުފާނު ތާއީދުކުރައްވަން ފަސޭހަވާނީ ރިޔާސީ އިންތިހާބުގެ ކުރިއަށް، ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަރުލަމާނީ ނިޒާމަށް ބަދަލުކުރުމަށް އެއްބަސްވާ ކެންޑިޑޭޓަކަށެވެ. ނަޝީދު މިހެން ވިދާޅުވިއިރު، ބަރުލަމާނީ ނިޒާމް ގެންނަން ނަޝީދު ހުށަހެޅުއްވި ހުށަހެޅުއްވުމަށް ރައީސް އެއްބަސްވެވަޑައިގެންފައެއް ނުވެއެވެ.

ފޯރިގަދަކޮށް ދިޔަ އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވައި 9،000 އެއްހާ ވޯޓުގެ ތަފާތަކުން ޕްރައިމަރީ ކާމިޔާބުކުރެއްވީ ރައީސެވެ. ރައީސް އިންތިހާބު ކާމިޔާބުކުރެއްވީ 24،566 ވޯޓާ އެކުގައެވެ. ނަޝީދަށް ލިބިވަޑައިގަތީ 15،641 ވޯޓެވެ.