އިއްޔެ ކުރިއަށް ދިޔަ އެމްޑީޕީ ޕްރައިމަރީގައި ހިނގި ހަމަނުޖެހުންތަކާ ގުޅިގެން ހައްޔަރުކުރި ތިން މީހުން ދޫކޮށްލައިފިއެވެ.
މި އިންތިހާބުގައި ރައީސް ނަޝީދުއަށް ތާއިދުކުރާ މެމްބަރުންނާއި ރައީސް ސޯލިހްއަށް ތާއިދުކުރާ މެމްބަރުންގެ މެދުގައި ގިނަ ހަމަނުޖެހުންތަކެއް ހިނގާފައި ވާއިރު ގދ. ރަތަފަންދޫގައި ހިނގި ހަމަނުޖެހުންތަކާ ގުޅިގެން ރައީސް ނަޝީދުގެ ފަރާތްޕުޅުން އިންތިހާބު އިބްޒާވުކުރަން ތިބި ދެ މީހުންނާއި އެމަނިކުފާނުގެ މަންދޫބު ވަނީ ހައްޔަރު ކޮށްފައެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އިއްޔެ ހަަމަނުޖެހުންތަކާ ގުޅިގެން ހައްޔަރުކުރި މީހުން މިހާރު ދޫކޮށްލާފައި ވާކަމަށެވެ. އެހެންނަމަވެސް މިކަމާ ގުޅޭ އިތުރު އެއްވެސް ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
އިއްޔެ އެމްޑީޕީގެ ޕްރައިމަރީގައި ހިނގައި ދިޔަ ކަންތައްތަކަށް އިޝާރަތް ކުރައްވާ އީވާ ކުރެއްވި ޓްވީޓެއްގައި ވަނީ ރަށްރަށުގައި ތިބި ރައީސް ނަޝީދުގެ މަންދޫބުންނާއި އޮބްޒާވަރުން ހައްޔަރު ކުރި އިރު ރައީސް ސޯލިހް ހުއްޓާލައްވާނީ ރައީސް ނަޝީދު ވެސް ހައްޔަރު ކޮށްފައި ކަމަށެވެ. އަދި އެކަން ޕާޓީން ބަލަން ނުވޭތޯ އީވާ ވަނީ ސުވާލު ކުރައްވާފައެވެ. ނަމަވެސް އީވާ އެ އިޝާރާތް ކުރައްވަނީ ނަޝީދުގެ ފަރާތްޕުޅުން ކޮން ކަމެއް ދިމާވެގެން ނުވަތަ ދިމާވެދާނެ ކޮން ކަމަކާ ގުޅިގެން ރައީސް ސޯލިހު ކުރައްވަފާނެ ކަމެއް ކަމަށް ވިދާޅެއް ނުވެއެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ވަގުތީ ނަތީޖާ އަށް ކުރުކޮށް ބަލާލާއިރު:
- ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު: 15،631 ވޯޓު
- ރައީސް އިބްރާހީމް މުހައްމަދު ސޯލިހު: 24،572 ވޯޓު
- ބާތިލް: 687 ވޯޓު
- ޖުމްލަ: 40،887 ވޯޓު
- ވޯޓުލީ ނިސްބަތް: 71.4 ޕަސެންޓު
ވަކިވަކި ނަތީޖާތަކަށް ބަލާލާއިރު، ރާއްޖޭގެ ހަތަރު ސިޓީގެ ތެރެއިން ކުޅުދުއްފުށި ފިޔަވައި މާލެ އާއި ފުވައްމުލަކުގެ އިތުރުން އައްޑޫން ކުރި ލިބިފައި ވަނީ ރައީސަށެވެ. ދެ ރައީސުން ވެސް އެންމެ ގިނައިން ވައުދުތައް ވެވަޑައިގެންފައިވާ އައްޑޫން ރައީސް ކުރި ހޯއްދަވާފައި ވަނީ 221 ވޯޓުގެ ތަފާތަކުންނެވެ. އަދި މާލޭން ކުރި ހޯއްދަވާފައި ވަނީ 84 ވޯޓުގެ ތަފާތަކުންނެވެ.