އިންޑިއާއަކީ ހަމައެކަނި ހިންދޫންގެ އައިޑިއަލޮޖީއެއްގެ މައްޗަށް ކަންކުރާ ބައެއް ނޫން ކަމަށާއި މުޅި ދުނިޔެއަށްވެސް އެހީވާ އަދި އެހީވާން ބޭނުންވާ ބައެއްކަމަށް އެގައުމުގެ ފޮރިން މިނިސްޓަރު ޑރ. އެސް ޖައިޝަންކަރު ވިދާޅުވެއްޖެއެވެ.

އޭނާ ލިޔުއްވި ފޮތް "ދަ އިންޑިއާ ވޭ: ސްޓްރެޓަޖީސް ފޯ އޭން އަންސާޓެއިން ވޯލްޑް" ލޯންޗް ކުރުމަށް ބެއްވި ހަފްލާގައި ވިދާޅުވީ، ބޭރުގެ ނޫސްވެރިން، ނޫސްތަކުގައި އިންޑިއާ އާ ގުޅުވައި ނުވަތަ އިންޑިއާ ރަމްޒުކޮށްދޭން "ހިންދޫ ނެޝަނަލިސްޓް" އިން ކަމަށް ބުނާ ކަމަށާއި ނަމަވެސް އެއީ މުޅިން ނުބައި ސިފަކުރުމެއް ކަމަށެވެ.

ހިންދޫ ނެޝަނަލިސްޓް ބޭނުން ކުރަނީ، ކްރިސްޓިއަނުންނާއި އިސްލާމުން ތަފާތު ކުރަން ބޭނުން ކުރާ ގޮތަށް ހިންދޫން ތަފާތު ކުރުމަށެވެ.

ޖައިޝަންކަރު ވިދާޅުވީ، ނޫސްވެރިން އެއްޗެހި ލިޔާ އިރު، ކްރިސްޓިއަން ދީން އޮންނަ ތަނަކަށް ނުވަތަ ކްރިސްޓިއަނުންނަށް އަމާޒު ކޮށް "ކްރިސްޓިއަން ނެޝަނަލިސްޓް" ބޭނުން ނުކުރާ ކަމަށާއި އިންޑިއާ އާ ގުޅުވައި "ހިންދޫ ނެޝަނަލިސްޓް" ލިޔަނީ މުޅިން ގޯސް ތަރުޖަމާއެއް ގެނައުމަށް ކަމަށެވެ.

އޭނާ ވިދާޅުވީ، މީގެ 9 އަހަރު ކުރިއަށް ބަލައިފި ނަމަ އިންޑިއާގެ ސަރުކަރާއި ސިޔާސަތު އޮތީ ނެޝަނަލިސްޓިކް (ގައުމިއްޔަތު) ގެ ވިސްނުމެއްގައި ނަމަވެސް މިހާރު އެކަން މުޅިން ބަދަލުވެއްޖެ ކަމަށެވެ. އަދި ދުނިޔެ ކުރިއަރާ ދިޔުމަށާއި އެކިއެކި ދާއިރާތަކުން ދުނިޔޭގެ އެތަން މިތަނުގައި އެހީވަމުން ދަނީ ނޫސްތަކުން އެ ބުނާ އެ ގައުމިއްޔަތުގެ މީހުން (ހިންދޫން) ކަމަށެވެ. ނަމަވެސް ދުނިޔެއަށް އެހީވަނީ އެ ބުނާ ގައުމިއްޔަތުގެ ވިސްނުން އިސްކޮށްގެން ނޫން ކަމަށާއި އެހެން ކަމުން މިހާރު އިންޑިއާ އާ ގުޅުގައި ހިންދޫ ނެޝަނަލިސްޓުން ކިޔުމަކީ އެންމެ ރަނގަޅު ތަރުޖަމާ ނޫން ކަމަށެވެ.

ޖައިޝަންކަރު މިވާހަކަ އަމާޒު ކުރެއްވީ، ދާދި ފަހުން ބީބީސީން ނެރުނު ގުޖުރާތު ގަތުލުއާންމާ ގުޅޭ ވީޑިއޯ ޑޮކިއުމެންޓަރީއަކާ ގުޅިގެން އުފެދިފައިވާ ނުތަނަވަސް ކަމަށެވެ. އެ ޑޮކިއުމެންޓަރީ އާ ގުޅިގެން އިންޑިއާގެ ފޮރިން އޮފީހުން ބުނެފައި ވަނީ، އެއީ ޕްރޮޕެގެންޑާ އެއް ކަމަށާއި، އަސްލެތް ނެތް އަދި އިނގިރޭސީންގެ އިސްތިއުމާރުގެ ސިފަ ޖައްސާފައިވާ އެއްޗެއް ކަމަށެވެ. އަދި އެއީ ވަކި ކުލައެއް ޖެއްސުމަށް ކޮށްފައި ވާ ކަމެއް ކަމަށާއި ވަކި ތަރުޖަމާއެއް ނެރެ އިސްތިއުމާރީ ސިކުނޑިތަކަކުން ކޮށްފައި ވާ ކަމެއް ކަމަށެވެ.

އެޑިއުމެންޓަރީ ދެއްކުން އިންޑިއާގައި ވަނީ މަނާކޮށްފައެވެ. އެއާއެކުވެސް އިންޑިއާގެ ބައެއް ޒުވާނުން ޔުނިވާސިޓީ ފަދަ ތަންތާނގައި ވަގަށް އެ ޑޮކިއުމެންޓަރީ ބަލާ މައްސަލަ ފެންމަތިވި އިއްޔެ ވަނީ ދިއްލީ ޔުނިވާސިޓީއަށް ފުލުހުން ވަދެ 24 ދަރިވަރަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

ޖައިޝަންކަރު އިތުރަށް ވިދާޅުވީ، މިއަހަރަކީ ދުނިޔޭގެ އެންމެ މުއްސަނދި 20 އިގްތިސޯދުގެ ރިޔާސަރު އިންޑިއާއިން ބަލަހައްޓާ އަހަރު ކަމަށާއި މުޅި އަހަރު ދުވަހަށް ބަހާލައިގެން 200 އަށް ވުރެ ގިނަ ބައްދަލުވުން ބާއްވާނެ ކަމަށެވެ. އެ ބައްދަލުވުންތަކުގައި ދުނިޔޭގެ ގައުމުތަކުގެ އެކި ފެންވަރުގެ ވެރިން ބައިވެރިވެވަޑައިގަންނަވާނެ ކަމަށާއި، އިންޑިއާ އަކީ އެ ބުނާ ކަހަލަ "ނެޝަނަލިސްޓިން" ބައެއްތޯ ފެންނާނެ ކަމަށެވެ. އަދި އެކަން ޔަގީން ކުރުމަށް އެންމެން އިންޑިއާ އަށް ދިޔުމަށާއި "އިންޑިއާ ބަދަލު ވެއްޖެ" ކަށެވެ. މީގެ އިތުރުން އޭނާ ވިދާޅުވީ، މިހާރު ފެންނާނީ ދިރުމާއި ރޫހު ހުރި އިންޑިއާއެއް ކަމަށެވެ.